ރައީސް ސާލިހްގެ ވެރިކަން ނިންމަންޖެހޭ ކަމަށް އިއްތިފާގުވަން: އިއްތިހާދު

ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އެކުލަވާލާފައިވާ ކޯލިޝަނުގައި ހިޔާލު ތަފާތުވުން އުޅުނެއްކަމަކު ޔަގީނުންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ނިންމަންޖެހޭ ކަމަށް ހުރިހާ ޕާޓީއަކުންވެސް އިއްތިފާގުވާ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ޕާޓީތައް ތަމްސީލުކުރައްވަމުން މެމްބަރު އާދަމް ޝަރީފް ވަނީ މި މައްސަލައިގައި ހަގީގަތުގައި އެންމެ ބޮޑު ހިޔާނާތެއް ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާތީ އެމަނިކުފާނުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާކަން ހާމަކުރައްވާފައެވެ.
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން އަޒަލުކުރުމަށް ވަރަށް އަވަހަށް މަޖިލީހަށް މައްސަލަ ވައްދާނެކަން ހާމަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެ ކަމަށެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މައްސަލައާއި މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފެށުމުގެ ކުރިން ބަންޑާރަ ނައިބަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިހާރުވަނީ ދީފައެވެ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިއްތިހާދުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނު ހަބަރު މީގެ ކުރިން މީޑިއާއަށް ތިލަވެފައިވުމުން އެކަމަށް ނޫސްވެރިން އަމާޒުކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެކި ހިޔާލުގެ ތަފާތު ފިކުރުގެ ބޭފުޅުން ތިއްބެވުމާއިއެކު ހިޔާލު ތަފާތުވުން އުޅޭނެ ކަމަށާއި އެހެންނަމަވެސް ވަރަށް ސާފުކޮށް އެއްބާސްވާ އެއް ކަމަކީ ރައީސް ސާލިހްގެ ވެރިކަން ނިންމަންޖެހޭ ކަމަށް ހުރިހާ ޕާޓީތަކުން އިއްތިފާގުވުން ކަމަށެވެ.
އަދި ކަނޑު ވިއްކާލި މައްސަލައިގައި ގައުމަށް މި ތިން ބޭފުޅުން ގައްދާރުވެފައިވާކަމަށްވެސް ހުރިހާ ޕާޓީތަކުން އިއްތިފާގުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ އިތުރު މީހަކު މަގާމަށް އައްޔަނުކުރަން ނޫންކަމަށާއި އެހެންނަމަވެސް އެ ތިންބޭފުޅުން ގައުމަށް ހިޔާނާތްތެރިވެފައިވާކަން ރައްޔިތުންގެ ކުރިމަތީގައި ސާބިތުކޮށް ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ