ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައި، ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެމްއެންޕީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، އެމްއެންޕީގެ މައި އޮފީހަށް ހުށަހަޅަން ޖެހެނީ 7 މާރޗް 2023 ވާ (އަންގާރަ) ދުވަހުގެ 14:00 ކުރިންނެވެ. މިތަކެތި އެ ޕާޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ވެސް ފޯމް ބަލައިގަންނަގޮތައް ވަނީ ހަމަޖައްސާފައެވެ.
ގުރައިދޫ ދާއިރާއަށް އެމްއެންޕީން ނެރޭނެ ކެންޑިޑޭޓެއް ނެގުމަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ 10 މާރޗް 2023 ވާ (ހުކުރު) ދުވަހު މެންދުރުފަހު 14:00 ން 18:00އަށް ކަމަށް އެމްއެންޕީން ބުނެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ 23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭ ނިޔާވުމާއި ގުޅިގެންނެވެ. ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މެމްބަރެކެވެ.
މި ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެ ޕާޓީން ވެސް މީގެ ކުރިން ވަނީ ޕްރައިމަރީއަށް ހުޅުވާލާފައެވެ. އެ ޕާޓީން ހުޅުވާލި ފުރުސަތު ބަންދުވީ އިއްޔެގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ