ވަލީއުލްއަމްރު މިވަރަށް ދޮގު ހަދަމުން ދާނަމަ، ޤައުމަށް އާންމު ވެދާނެފަދަ ކޯފާއެއް ފޮނުވާފާނެ ކަމަށް ރައްޔިތުން ބިރުގަންނަން ފަށައިފި. މިވަރަށް ދޮގު ހަދަމުން ދާއިރު ވެސް ސަލަފުން މުއިއްޒަށް ނަސޭހަތްތެރި ވެފައި ނުވާތީ ކަންބޮޑުވޭ!

ވަލީއުލްއަމްރު މިވަރަށް ދޮގު ހަދަމުން ދާނަމަ، ޤައުމަށް އާންމު ވެދާނެފަދަ ކޯފާއެއް ފޮނުވާފާނެ ކަމަށް ރައްޔިތުން ބިރުގަންނަން ފަށައިފިއެވެ. ރައީސް މުއިއްޒު ކޮންމެ ޕޯޑިއަމަކަށް އަރައި ވަޑައިގަތަސް، ފައިބާ ވަޑައިގަންނަވަނީ ކޮންމެވެސް ދޮގެއް ހަދާފައެވެ. ދުނިޔޭގައި މިހާރު ހިނގަމުންދާ އެއްވެސް ވެރިކަމެއްގައި އެއްވެސް ޤައުމެއްގެ ވެރިއަކު މިވަރަށް ދޮގު ނަހަދައެވެ.
މުއިއްޒު ދޮގު ހަދާ މިންވަރު އިތުރުވެ، ރޯދަ މަހު ދުވާލު އެމަނިކުފާނުގެ ސިޔާސީ މުއައްޒަފުންވެސް އެ ފާފަވެރި އަމަލުގައި ބައިވެރި ކުރުވައި ދަނީ ރައްޔިތުންނަށް ދޮގު ހަދަމުންނެވެ. ރޯދަ މަހަށް އަޅާލުމުން ދޮގު މަދުވާނެ ކަމަށް ޤަބޫލު ކުރެވުނު ނަމަވެސް، ދޮގު ހެދުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި، ރޭގައި ބޭއްވި ކެމްޕެއިން ޚަރަކާތުގައި ވެސް މުއިއްޒު ވަނީ އޭނާ ފަރުޟު ފަސްނަމާދު ކުރުމަށް ގޮވާލުމުން އޭނާ އަށް މަލާމާތް ކުރާ ކަމަށް ބުނެ ދޮގު ހަދާފައެވެ.
ދިޔަވަރު ނޫހުން ހޯދި މައުލޫމާތުން ސާފުވާ ގޮތުގައި، މުއިއްޒު މިވަރަށް ދޮގު ހަދާއިރުވެސް ސަލަފު ޖަމިއްޔާއިން މުއިއްޒަށް ނަސޭހަތް ތެރިވެފައި އަދި ނުވެއެވެ. އިސްލާމިކް މިނިސްޓަރަކީ މުއިއްޒުގެ ކެބިނެޓް ވަޒީރަކަށް ވާތީ އެފަދަ ނަސޭހަތެއް ދިނުމުން އިސްތިސްނާވެގެން ޑރ. ޝަހީމް ބިރުފުޅުން ހުންނެވިއަސް، ދީނީ ދަންމަރު ރާއްޖޭގައި ހިފަހައްޓުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ތިއްބެވި އިލްމުވެރިން، ހާއްސަކޮށް ސަލަފު ޖަމިއްޔާއިން މުއިއްޒަށް ނަސޭހަތްތެރިވުން ހުރިހާ ގޮތަކުން ބެލި ނަމަވެސް ލާޒިމެވެ.
ނުބައިކަން ފެތުރުން ހުއްޓުވައި، ރަނގަޅު މަގަށް އެޅުވުމުގައި އިލްމުވެރިންގެ ދައުރު ބޮޑު އިރު، ރައީސް މުއިއްޒަށް އިލްމުވެރިންގެ ޖަމިއްޔާ ތަކުން ތެދުބަހުން ވާހަކަ ދެއްކުމަށް ނަސޭހަތް ދިނުމަކީ މި ބަރަކާތްތެރި މަހު އިލްމު ވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ރައީސް މުއިއްޒު ދޮގު ހައްދަވަމުން މިދާ މިންވަރުން، އެކަން މުޅި ޤައުމުގައި އާންމު ވުމުގެ ބިރު އޮތް އިރު އެކަމަކީ ކޮންމެހެންވެސް ހައްލެއް ބޭނުންވެފައިވާ ކަމެކެވެ.
މުއިއްޒުގެ ވަޒީރުންނާއި، ނައިބް ވަޒީރުން ދޮގު ހެދުން އިތުރުވެ، ރައްޔިތުންގެ މަޖިލީހުގައިވެސް ދޮގު ހައްދަވައި، ސޯޝަލް މީޑިޔާގައި އެޑިޓްކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ޓްވީޓް ކުރަމުން ދާއިރުވެސް ސަލަފު ޖަމިއްޔާ އޮތީ ހިމޭނުންނެވެ. ސަލަފުން ގެނައި ވެރިކަމަށް ވީތީވެ، މިފަދަ ދޮގުތައް މުޖްތަމަޢުގައި ފެތުރި ދިޔުމުށް އަޅާ ނުލައި ތިބުމަކީ ސަލަފުގެ އިލްމުވެރިން ހިމެނޭހެން ޤައުމުގައި ތިބި އިލްމުވެރިން ފާފަވެރި ވާނެ ކަމެކެވެ. އަދި އާންމުންނާއި، އިލްމުވެރިން މިކަމަށް އިޖާބަ ނުދީ ތިބެ، ވަލީއުލްއަމްރުގެ ދޮގުތައް އިތުރުވެ ޤައުމަށް އޭގެ ކޯފާ އާންމުވެގެން ހިނގައިދާނެތީ ރައްޔިތުން ތިބީ ބިރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ