ނުދައްކާ ހުރި ފައިސާ ހޯދަން ކޯޓަށްވެސް ދާނަން: މިނިސްޓަރ އިހުސާން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް ހާމަކުރުމާއި ފިޔަވަޅު އެޅުމުގައި އެއްވެސް މީހަކު ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި އެ މައްސަލާގައި ނުދައްކާ ހުރި ފައިސާ ހޯދަން ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަމިއްލަ މަސައްކަތުގައި އުޅުއްވުމަށްފަހު، އެންމެ ބުރަ އެއް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވީ "ގޮނޑީގެ ހޫނުކަން" އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި ބޭނުންވަނީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެއްވެސް ކަމެއް ނުކޮށް ނުހުންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ވެސް، އެ ދާއިރާގެ ކަންކަން ރަނގަޅުކުރަން އެއްވެސް މީހެއްގެ ނުފޫޒަކަށް ނުބަލާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްވެސް ބަޔަކު ތަފާތު ނުކޮށް އެކަންކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ފައިސާ ދެއްކުމަށް ކުރިން މުއްދަތެއް ދީ، އެކަން އިއުލާންކުރި ކަމަށެވެ. އަދި ދެވަނަ ފިޔަވަޅެއްގެ ގޮތުން، ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށްފަހު ކަމަށާއި އަދި އިތުރު ފިޔަވަޅުތައް ވެސް ފަހުން އަޅާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިނިސްޓްރީން އާއްމުކުރި ކުންފުނިތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކުންފުނިތައް އެބަހުއްޓެވެ. އެހެންވެ، އެ މައްސަލަތައް ވަކިން ތަހުގީގު ކުރަން ޕޮލިހަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ