މައުމޫން އޭސީސީއަށް ހާޒިރުކުރަން ނިންމައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ "މިހާރު" އަށް ވިދާޅުވީ މައުމޫން ހާޒިރުކުރަނީ 2008ގައި ނެރުނު އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އޭސީސީން ކުރިއްސުރެ ބަލަމުން އަންނަ މައްސަލަތަކެކެވެ.
ލުތުފީ ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓްތަކުގައި ހުރި ކަންކަން އޭސީސީން ބަލަމުން އަންނަތާ ކިތަންމެ ދުވަހެއް ކަމަށާއި "އަދި ކިރިޔާ މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ" ކަމަށެވެ.
"އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ތަފާތު ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރަމުން އަޅުގަނޑުމެން މިއައީ. ތަހުގީގުގައި އެ ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބަލައި، މި މައްސަލަތަކުގައި އެންމެ ފަހުން ސުވާލު ކުރަން ޖެހޭ ފަރާތަކީ މައުމޫން ކަމަށް ވާތީ، މި ސުވާލު ކުރަނީ،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި، އީދު ބަންދަށް ފަހު މައުމޫން އޭސީސީއަށް ހާޒިރުކުރާނެ. --ފޮޓޯ: ވީމީޑިއާ
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓްތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަނީ ފުލުހުންނާ ވެސް ގުޅިގެންނެވެ. އަދި މި އީދު ބަންދަށް ފަހު މައުމޫން އޭސީސީ އަށް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ދެބޭފުޅުންގެ ގުޅުން ގޯސްވެ، ޕާޓީގެ ތެރޭގައި ވަނީ ފެކްޝަންތައް އުފެދިފައި.---ފޮޓޯ: ރައީސް އޮފީސް
މައުމޫން އޭސީސީއަށް މި ހާޒިރުކުރަނީ އެމަނިކުފާނައި ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
ލުތުފީ ވިދާޅުވީ މިހާރު ހިނގަމުން އަންނަ ސިޔާސީ ކަންކަމާ މައުމޫން އޭސީސީއަށް ހާޒިރުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އޭރުގެ އޮޑިޓް ރިޕޯޓް ބަލަމުން އަންނަނަތާ ކިތަންމެ ދުވަހެއް. މިހާރު މި ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތްބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ