ރައީސް ހުށަހަޅުއްވާ ކަމަކަށް ވަގުތުން ޕީއެންސީގެ މަޝްވަރާ މަޖިލީހުން ރުހުންދޭނެ: ޝުޖާއު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްްވި ކޮންމެ ކަމަކަށް ޕީއެންސީގެ ސެނެޓުން ނުވަތަ މަޝްވަރާ މަޖިލީހުން ވަގުތުން ރުހުން ދޭނެ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ޝުޖާއު އެފަދައިން ވިދާޅުވީ، ޕީއެންސީގެ ސެނެޓުން ރައީސްގެ ހުށަހެޅުމެއް ބޭރުކޮށްލި ކަމަށް ނޫހަކުން ރިޕޯޓުކޮށްފައިވާތީ އެ ކަމަށް ރައްދު ދެއްވައެވެ. ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްގެ ކަންކަން އިންތިޒާމު ކުރަން ރައީސް މުއިއްޒު, ހުށަހެޅުއްވީ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށެވެ. ނަމަވެސް އެ ހުށަހެޅުއްވުމާ ދެކޮޅަށް ސެނެޓުން ފާސްކުރީ އާންމު މެންބަރުންގެ ތެރެއިން ބަޔަކު ހިމެނޭ ކޮމިޓީއަކުން ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދަން ކަމަށް އެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެ ކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ، އެ ވާހަކަ ދޮގުކުރައްވާފައެވެ. މިގޮތުން، ވަކި ގޮތަކަށް ކަމެއް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ރައީސް ހުށަނާޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ މަނިކުފާނު ސެނެޓަށް ހުށަހަޅުއްވާ ކޮންމެ ކަމަކަށް ވަގުތުން ރުހުން ދެއްވާނެކަން ޝުޖާއު ވަނީ ހާމަކުރައްވާފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއާއި ރައީސް މުއިއްޒު: އޭނާ ވިދާޅުވީ ރައީސް ހުށަހެޅުއްވި ކަމަކަށް ވަގުތުން ޕީއެންސީގެ މަޝްވަރާ މަޖިލީހުން ރުހުންދޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ މަނިކުފާނުގެ ވިސްނުންފުޅަކީ ޕީއެންސީގެ ކަންކަން ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި، ރައީސަކީ، ގައުމު ހިންގުމުގައި ވެސް މިހާތަނަށް ރައްޔިތުންނާ އެންމެ ގިނަ މަޝްވަރާތައް ކުރެއްވި ރައީސްކަން އޭނާ ފާހަގަކުރެއްވިއެވެ. "މަޝްވަރާ ކުރުމާ ދެކޮޅު ވިސްނުމުގެ ބަޔަކަށް އަބަދުވެސް ވިސްނޭނީ އެންމެ ނުބައިގޮތް. އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ އުފެއްދުމުގެ ވިސްނުމުގައި ކުރެވޭ މިފަދަ ނާތަހުޒީބު އަމަލުތައް ނޫސްވެރިން ހުއްޓާލުމަށް ގޮވާލަން" ޝުޖާއު ވިދާޅުވިއެވެ. ޝުޖާއުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވަނީ މި ކަމާ ގުޅިގެން ވާހަކަދައްކަވާފައެވެ. ޕީއެންސީގެ ޗެއާޕަސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ކުރެއްވި ޕޯސްޓުގައި ވަނީ، ޕީއެންސީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަވާކަށް ރައީސް މުއިއްޒު ހުށަނާޅުއްވާ ކަމަށެވެ. ރައީސް މުއިއްޒާއި އަބްދުއްރަޙީމް: އަބްދުއްރަހީމް ވިދާޅުވީ، ފިތުނަ އުދައްފައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް އެ ޕާޓީއަކީ، ޑިމޮކްރެސީގެ ރީތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ 'ފިތުނަ' އުފައްދައިގެން ބައިބައިނުކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސް މުއިއްޒާއެކު، ސާބިތުވެ ހުންނަވާނެކަން އޭނާ ހާމަކުރެއްވިއެވެ. އަބްދުއްރަހީމް އެފަދައިން ވިދާޅުވިއިރު، އޭނާއާއި ރައީސް މުއިއްޒާ ދެމެދު ނުތަނަވަސްކަމެއް އޮތް ކަމުގެ އަޑުތައް ކުރިން ފެތުރުނެވެ. އެއީ، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހީމް ފައިސަލް ވަކިިކުރެއްވި ދުވަސްވަރެވެ. އޭގެފަހުން ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތަކުން އެހާ ގިނައިން ފެނިވަޑައިނުގެން ހުންނެވުމަށް ފަހު، އަބްދުއްރަހީމް ސިޔާސީ ކަންކަމުގައި އަލުން ހަރަކާތްތެރިވެވަޑައިގަންނަވަން މިހާރު ވަނީ ފައްޓަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ