ފުޓުބޯޅައިގެ ސަބަބުން މުޖުތަމައު ބަދަހިވެ، އަންނަން އޮތް ޖީލުތަކަށް ދޭ ހިތްވަރަކީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ވަޞީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ފާހަގަކުރާ ފުޓުބޯޅަ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ފުޓުބޯޅަ އަކީ މުޅި ދުނިޔެވެސް އެއްބައިވަންތަ ކުރުވާ، ބަދަހި ކުޅިވަރެއްކަން ފާހަގަކުރައްވާފައެވެ. ފުޓުބޯޅަ ދެކެ ލޯބިވާ، ޝައުގުވެރިވާ ފަރާތްތަކަށް އަދި މިކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކަށް ރައީސް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ގެންގުޅޭ ތަސައްވުރާއި އަޒުމުގައި މިސަރުކާރު އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
ފުޓުބޯޅައިގެ އުމްރާނީ ވަޞީލަތްތައް ތަރައްގީކޮށް ކުރިއެރުވުމާއި، ފީފާއިން ގަބޫލުކުރާ ފެންވަރުގެ ފުޓުބޯޅަ ދަނޑުތައް އެޅުމުގެ އިތުރުން، އިސްލާހުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާއެކު، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ބޭއްވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ދިވެހި އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ބޭނުންވާ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގައި ކުޅިވަރު ލާމަރުކަޒީ ކުރަން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހަމައެކަނި މާލޭގެ ކުލަބުތަކަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭގޮތަށް އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ.
މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި، އަތޮޅުތެރެއިން ރަށްތައް ތަމްސީލުކުރާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވޭނެ ފަހި ފުރުސަތު، އެފްއޭއެމްގެ އައު މެނޭޖްމަންޓުން، ސަރުކާރުގެ އެހީތެރިކަމާއެކު ވަނީ ފަހިކޮށްދީފައެވެ.
ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ، ދުނިޔެ ބަދަހިކޮށް، ސުލްޙަމަސަލަސްކަން ޕްރޮމޯޓުކޮށް، ޓީމްވޯކާއި އެކަކު އަނެކަކަށް ނުވަތަ އެއް ގައުމަކުން އަނެއް ގައުމެއްގެ ޞަޤާފަތަށް ކުރާ އިޚްތިރާމް ބޮޑުކުރުމަށް ފުޓުބޯޅަ އަދާކުރާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.
މިދުވަސް އެންމެފުރަތަމަ ފާހަގަކުރަން ފެށީ 2024 ވަނަ އަހަރުއެވެ. އެއަހަރު މިދުވަސް ފާހަގަކުރަން ފެށީ، ދުނިޔޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ބޭއްވިތާ 100 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ. އެއީ 1924 ވަނަ އަހަރު ބޭއްވި ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓެވެ.
ފުޓުބޯޅައިން އުފެދޭ ބަދަހިކަމަކީ، ޖީލުތަކަށްދޭ އުއްމީދެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ