ހަނާން އަލް-ހަމްސް އަކީ 2024 ވަނަ އަހަރު މައްކާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމަށް ހަމަޖެހިފައިވާ ޣައްޒާގެ 3،000 ފަލަސްތީނު މީހުންގެ ތެރެއިން އެކެކެވެ. ނަމަވެސް، އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމަށްވާ ހައްޖުގެ އަޅުކަން އަދާކުރުމަށް އޭނާ ކުރަމުން އައި އުންމީދުތައް ފުނޑުފުނޑުވީ، 7 އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުންނެވެ.
"އަހަރެންގެ ދަރިފުޅު ޝަހީދުވެއްޖެ، އަހަރެންގެ ގެދޮރު ސުންނާފަތިވެއްޖެ، އަދި މިހާރު އަހަރެން މިވަނީ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރި ދަތުރުން މަހްރޫމްވެފައި،" އުތުރު ގައްޒާގައި ހުންނަ އޭނާގެ ސުންނާފަތިވެފައިވާ ގޭގެ ކައިރީގައި ޖަހާފައިވާ ވަގުތީ ފޭލިގެއެއްގެ ތެރޭގައި އިނދެ، އުމުރުން 65 އަހަރުގެ އަލް-ހަމްސް އަލްޖަޒީރާއަށް ކިޔައިދިނެވެ.
ހަނގުރާމަ ފެށުމުގެ ކުރިންވެސް ޣައްޒާއަށް ވަދެނިކުމެ އުޅުމުގެ ކަންކަން ނިންމަނީ އިސްރާއީލުންނެވެ. ބޭރު ދުނިޔެއާ ގުޅޭ ހަމައެކަނި މަގު ކަމަށްވާ ރަފަހް ބޯޑަރު ފެބްރުއަރީ މަހު ކުޑަކޮށް ހުޅުވާލުމުން، އެތަނުން ދަތުރުކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ބޭރުން ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށެވެ.
ހައްޖުގެ އަޅުކަމާއި، ކިޔެވުމާއި، އަދި ވަޒީފާ ފަދަ އެހެނިހެން ބޭނުންތަކަށް ދަތުރުކުރުމަކީ، 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އެއްގަމާއި، ވައިގެ މަގުން އަދި ކަނޑުގެ މަގުން ގައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އެ ސަރަހައްދުން ބޭރަށް ނިކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމެކެވެ.
ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ތިބީ ގެދޮރު ގެއްލި، ފޭލިގެތަކާއި ސުންނާފަތިވެފައިވާ ގޭގޭގައެވެ. އިސްރާއީލުގެ ސިފައިން ވަނީ ހިސާރުކޮށްފައިވާ ޣައްޒާ ފުނޑުފުނޑުކޮށްލާފައެވެ. މުޅި ދުނިޔޭގެ ކުށްވެރިކުރުން އަމާޒުވެފައިވާ މި ގަތުލުއާންމުގައި މިހާތަނަށް މަދުވެގެން 72,775 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އޮކްޓޯބަރު 2025 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާއެކު ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، އިސްރާއީލުން ދަނީ އަސްކަރީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. އަދި އެއްބަސްވުމާ ހިލާފަށް ޣައްޒާގެ 60 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.
ސައުދީ އަރަބިއްޔާގައި ހައްޖުގެ މޫސުން ފެށުމާއެކު، ހިސާރުކޮށްފައިވާ ޣައްޒާގެ އެކި ކަންކޮޅުތަކުން ފެންނަނީ ފުން ހިތާމައިގެ މަންޒަރުތަކެވެ. އަދުނާން އަބޫ ފޫލް އާއި އޭނާގެ އަންހެނުން އުއްމު އިބްރާހީމް، ކުޑަ މޮބައިލް ފޯނު ސްކްރީނަކުން ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައިގެން ތަވާފުކުރާ މަންޒަރު ބަލަން ތިބެ ރޮނީއެވެ.
"ހަނގުރާމަ ހުއްޓުނީމާ އަހަރެމެން އުންމީދުކުރިން ހައްޖަށް ދެވޭނެ ކަމަށް، އެކަމަކު ތިން އަހަރު ވެގެން ދިޔައިރުވެސް އަހަންނަށް ބޭރަށް ނިކުމެވޭ ގޮތެއް ނުވި،" އަބޫ ފޫލް ބުންޏެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް އައުގާފް އެންޑް ރިލިޖަސް އެފެއާޒްއިން ބުނާ ގޮތުގައި، މިސްރާ ގުޅޭ ރަފަހް ބޯޑަރު އިސްރާއީލުން ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ފާއިތުވި ތިން އަހަރު ތެރޭގައި 10,000 އަށްވުރެ ގިނަ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
އައުގާފް މިނިސްޓްރީން ބުނި ގޮތުގައި، ކުރީ އަހަރުތަކުގެ ރަސްމީ ގުރުއަތުން ހޮވިފައިވާ ހައްޖުވެރިންގެ ތެރެއިން މަދުވެގެން 71 މީހަކު، ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ނުލިބެނީސް އިސްރާއީލުގެ ހަނގުރާމައިގައި ވަނީ ޝަހީދުވެފައެވެ.
ފަލަސްޓީނިއަން ސެންޓަރ ފޯ ޕޮލިޓިކަލް ސްޓަޑީޒް އިން މެއި 2026 ގައި ޝާއިއުކުރި، ޚާލިދު އަބޫ އާމިރު ލިޔުއްވާފައިވާ ދިރާސާއެއްގައި، ޣައްޒާގެ ހައްޖާއި އުމްރާގެ ދާއިރާއާ ދެކޮޅަށް އިސްރާއީލުން ހިންގާ ކެމްޕޭން ސިފަކޮށްފައިވަނީ "އިގްތިސާދީ ނަސްލު ނައްތާލުމެއް" ގެ ގޮތުގައެވެ. އުމްރާއަކީ މުސްލިމުންނަށް އަހަރުގެ ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ ސުންނަތް އަޅުކަމެކެވެ.
މި ދިރާސާއިން ހާމަވާ ގޮތުގައި، މި ދާއިރާގައި ހަރަކާތްތެރިވާ ހުއްދަ އޮތް ހުރިހާ 78 ޓްރެވަލް ކުންފުންޏެއް ވަނީ މުޅިން އިނދަޖެހިފައެވެ. ޣައްޒާގެ އެސޯސިއޭޝަން އޮފް ހައްޖު އެންޑް އުމްރާ ކޮމްޕެނީސްގެ ވެރިޔާ މުހައްމަދު އަލް-އަސްތަލް ފާހަގަކުރެއްވި ގޮތުގައި، މި އޮފީސްތަކުގެ ބޮޑު ބައެއް ވަނީ ހަނގުރާމައިގައި ހަލާކުވެ ނުވަތަ ސުންނާފަތިވެފައެވެ. މި ކަމުގެ ސަބަބުން 4 މިލިއަން ޑޮލަރަށްވުރެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވާއިރު، ސައުދީ އަރަބިއްޔާ އާއި މިސްރުގެ އެއާލައިންތަކާއި ހޮޓާތައް ފަދަ ބޭރުގެ އެޖެންޓުންގެ އަތުގައި ހުރި ގާތްގަނޑަކަށް 2-3 މިލިއަން ޑޮލަރުގެ ފައިސާ ވަނީ ފްރީޒްވެފައެވެ.
ހަނގުރާމައިގެ ކުރިން، މި ދާއިރާއިން އަހަރަކު މަދުވެގެން 12 މިލިއަން ޑޮލަރު ޣައްޒާގެ އިގްތިސާދަށް ވައްދައެވެ. މި އާމްދަނީ ގެއްލުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތްކުރާ 1،500 އަށްވުރެ ގިނަ މުވައްޒަފުންނާއި އެމީހުންގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ.
ހައްޖު ދަތުރުތައް އިންތިޒާމުކުރާ ފަރާތެއް ކަމަށްވާ މުހައްމަދު އަބްދުލް ބާރީ، އޭނާގެ ކުންފުނީގެ ކުނިބުނިތަކުގެ ކުރިމަތީގައި ހުރެ، ކުރިން 20 ބަސް ބޭނުންކޮށްގެން ބާއްވަމުން އައި ކުލަގަދަ ވަދާއީ ހަފުލާތައް މިހާރު ސުންނާފަތިވެފައިވާ މަންޒަރު ހަނދާން އާކުރިއެވެ.
ޕީސީޕީއެސް ރިޕޯޓުގައި ބުނާގޮތުން، މި ދާއިރާއަށް ތަކުރާރުކޮށް އިސްރާއީލުން ހަމަލާތައް އަމާޒުކުރުމަކީ އިއްތިފާގަކުން ލިބޭ ގެއްލުމެއްގެ ބަދަލުގައި ގަސްދުގައި ހިންގާ ސިޔާސަތެއްކަން ސާބިތުވާ ކަމެކެވެ.
މިގޮތަށް ނިޒާމީ ސިފައެއްގައި ނައްތާލުމަކީ ގާނޫނީ ގޮތުން "ޖަމާއީ އަދަބު" ދިނުމެވެ. މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ 33 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ކަމެކެވެ. މީގެ އިތުރުން، އިސްރާއީލުން ކޮންޓްރޯލްކުރާ ބޯޑަރުތަކުން ދީނީ ބޭނުންތަކަށް ދަތުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ނުދިނުމަކީ، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ 18 ވަނަ މާއްދާ އާއި 12 ވަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ދީނީ މިނިވަންކަމާއި ދަތުރުފަތުރުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުމެކެވެ. އަދި މިއީ އާންމުންގެ މުދާ ހަލާކުކުރުން މަނާކުރާ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ 53 ވަނަ މާއްދާއާ ވެސް ހިލާފު ކަމެކެވެ.
ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އަހަރަކު ލިބޭ ގާތްގަނޑަކަށް 3،000 ހައްޖު ކޯޓާ މިހާރު ފުރަމުންދަނީ މިސްރާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ ޣައްޒާގެ އައިޑީ ކާޑު އޮންނަ ފަލަސްތީނު މީހުންނެވެ. އަދި ހާހުން ގުނޭ ޖާގަތައް ވަގުތީ ގޮތުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ ހައްޖާޖީންނަށް ބަދަލުކޮށްފައިވަނީ، ކުރިއަށް އޮތް މޫސުންތަކުގައި އެ އަދަދު ޣައްޒާއަށް އަނބުރާ ދިނުމުގެ ރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް، މިވަގުތަށް ބަލާއިރު ޣައްޒާގެ އެތައް ހާސް ދުވަސްވީ މީހުންނާއި ބަލި މީހުން ތިބީ އުންމީދުތައް ފަނޑުވަމުންދާ ހާލުގައި ތާށިވެފައެވެ.
"ބޯޑަރު ހުޅުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން އަހަރެމެންނަށް މިފަހަރު ހައްޖު ދަތުރު އިންތިޒާމެއް ނުކުރެވުނު،" ވަގުފު މިނިސްޓްރީގެ ހައްޖު އެންޑް އުމްރާގެ ޑައިރެކްޓަރު ޖެނެރަލް ރާމީ އަބޫ ސްޓައިތާ ވިދާޅުވިއެވެ. "ތައްޔާރުވުމަށްޓަކައި ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ކަންކަމުގައި ކުރިއާލާ އުނދަގޫ އެއްބަސްވުންތަކެއް ހަދަންޖެހޭ، މިއީ މިހާލަތުގައި ކުރެވޭނެ ކަމެއް ނޫން."
ޖެހިޖެހިގެން ތިންވަނަ އަހަރު، އިސްރާއީލުން ޣައްޒާގެ މުސްލިމުން ހައްޖަށް ދިއުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ