މީރާއަށް ނުލިބިހުރި ފައިސާގެ 543 މިލިޔަން ރުފިޔާ ހޯދައިފި

ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަމަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މީރާއިން ދަނީ ކުރަމުންނެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އެޕްރީލް މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ މަހު 543 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނާއި ޑިއުސް ކްލިއަރެންސް އަދި އިސްޓޯލްމަންޓް އެއްބަސްވުންތަކުގެ އިތުރުން އެކްސްޝަން ޕޮލިސީގެ ދަށުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.
ނޯޓިސް ފޮނުވައިގެން: 372 މިލިޔަން ރުފިޔާ
ޑިއުސް ކްލިއަރެންސް: 96 މިލިޔަން ރުފިޔާ
އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން: 64 މިލިޔަން ރުފިޔާ
ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުން: 5 މިލިޔަން ރުފިޔާ
އެކްޝަން ޕޮލިސީ: 4 މިލިޔަން ރުފިޔާ
މީރާއިން ވަނީ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ދައުލަތައް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް ކުރާ މަސައްކަތައް ކުރިއެރުން ލިބިފައިވާ ކަން އެ އޮތޯރިޓީއިން ފާހަގަކުރެއެވެ. މީރާއިން ވަނީ މިދިޔަ މަހުވެސް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އާންމުކޮށްފައެވެ. މިއީ ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ އުސޫލުގެ ދަށުން އާންމުކުރި ލިސްޓެކެވެ.
އެ ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކެވެ، މީގެ ތެރޭގައި ކުންފުނިތަކާއި އެ ނޫންވެސް ވިޔަފާރި ކުރާ ފަރާތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ