މުއިއްޒު މަސައްކަތް ކުރަނީ ދިވެހި ދައުލަތް އުވާލުމަށް ކަމަށް ނަޝީދު ވިދާޅުވެއްޖެ

މިހާރު ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒު އާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މީހުން މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖެ އާއި ދައުލަތް އުވާލުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން ރާއްޖޭގެ އެންމެ ބިން ބޮޑު އެއް ރަށް ކަމަށްވާ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ލާމަރުކަޒީ ނިޒާމު އުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. 
"އަތޮޅު ކައުންސިލް އުވާލައިފި، އަތޮޅު ވެރިޔާ ގެއްލުނީ. އަތޮޅުގެ، އެހެންވީމާ ޖަޒީރާ ގައުމު ނެތުނީ. އަޅުގަނޑުމެންގެ ހިތްތަކަށް މި ދިވެހިރާއްޖެ ސިފަކުރަނީ ރަށްތަކަކުންނެއް ނޫން، އަތޮޅުތަކަށް. އެ އަތޮޅުތައް އުވާލީމައި ޒަމާނުއްސުރެއް ފަށައިގެން މި ދެކެމުން އައި ދިވެހިރާއްޖެ އުވާލުމަށް ޑރ. މުއިއްޒު އާއި އޭނާގެ ބައިގަނޑު މަސައްކަތް ކުރަނީ،" އެ ފުރުސަތު ދެވެން ނެތްކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
މުއިއްޒުއަށް ފާޑުވިދާޅުވެ ނަޝީދު ވަނީ ދަން ގަޑީގައި އެހާ ވަރަށް އޮފީހުގެ މުވައްޒަފުންނަށް ގުޅާ ހަދައި ހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ހަގީގަތުގައި ކަންބޮޑުވަނީ މުއިއްޒު ދިވެހި ދައުލަތް އުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. 
"ތަސައްވުރެއް ނެތް، މި ޖަޒީރާ ގައުމު، އަތޮޅުތައް ނައްތާލާފައި ކޯއްޗެއްތޯ ބިނާކުރައްވާން ތި އުޅުއްވަނީ. ކޮބާތޯ ތަސައްވުރަކީ. އަތޮޅު ކައުންސިލްތައް އުވާލެވިއްޖެ. ދެން އެ ބާރުތައް ގެންދެވިދާނެ އެލްސޯފާ މައްޗަށް،" ނަޝީދު ވިދާޅުވި އެވެ.
މުއިއްޒުގެ ބާރު ބޭނުން ކުރައްވާ ގޮތުން ރާއްޖެއަށް ހުރި ގޮންޖެހުންތަކުން ގައުމު ސަލާމަތްވާ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 
އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި މުއިއްޒު ތަސްދީގު ކުރެއްވީ ޑިސެމްބަރު 2025، ގަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ގެނައި ބަދަލު އަލުން އިއާދަ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިސްލާހެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހު ޕީއެންސީގެ ސުޕަމެޖޯރިޓީއިން ބޭރުކޮށްލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ