އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެގެން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަށާއި އެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީ ވެސް ރަނގަޅެއް ކަމަށް މި ވަގުތު ޗެއާޕާސަން ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ޗެއާޕާސަން އިންތިހާބުގައި ނަޝީދު ކެމްޕެއިން ކުރެއްވީ ވެސް ރިޔާސީ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާނެކަން އިއުލާންކުރެއްވުމަށް ފަހު، ފައްޔާޒާ ވެސް ގުޅިވަޑައިގެންނެވެ.
ދެން އޮންނަ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާނެކަމާއި ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާންކުރެއްވީ އެކުއެކީގަ އެވެ. އޭގެ ފަހުގައި ޗެއާޕާސަން އިންތިހާބަށް ނަޝީދު ކެމްޕެއިންކުރެއްވީ ފައްޔާޒާ އެކު އިއްތިހާދުވެގެންނޭ ބުނެވިދާނެ އެވެ.
ތަފްސީލް - މީގެ ކުރިން ކޮންމެ ފަހަރަކު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ ނަޝީދު މި ފަހަރު ވާދަނުކުރެވޭނެ ގޮތް ހަދަން ވެގެން ޕާޓީގެ އެތެރެއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ. އެ ގޮތުން:
ޗެއާޕާސަންގެ ދައުރު ނުނިމެނިސް ރިޔާސީ ޕްރައިމަރީގައި ވާދަކުރުން މަނާކުރާ އިސްލާހެއް ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ކޮންގްރެސްގައި ހުށަހަޅާނެ ކަމަށް އަޑުއިވޭ
އެމްޑީޕީގެ ޗެއާޕާސަން މަގާމަކީ ރިޔާސީ ކެންޑިޑޭޓް ހިމެނޭ ގޮތަށް ޕާޓީގެ މަގާމުތަކުގެ އިތުރުން ގައުމުގެ އެހެން މަގާމުތައް ވެސް ނުފުރޭ ގޮތަށް ފުލްޓައިމް މަގާމަކަށް ހެދުމަށް މީގެ ކުރިން ވެސް ފައްޔާޒު ވަކާލާތުކުރައްވާފައިވޭ
ބުނީ ކީކޭ؟ - ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ އަސާސީ ގަވާއިދަށް އެފަދަ އިސްލާހެއް ގެނައުމަށް ތާއީދުކުރާނެތޯ 'ދައުރު'ން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެވޭނީ ކޮންގްރެސް މެދުވެރިކޮށް ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޗެއާޕާސަންގެ ދައުރު ތެރެއިން ވާދަކުރުމަކީ ރަނގަޅު ކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން، ޗެއާޕާސަނަށް އިންނަ މީހަކު. އޭނާ ޗެއާޕާސަން ކަމުގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުދެކެން،" އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
އެފަދަ އިސްލާހަކަށް ނަޝީދު ތާއީދުކުރައްވާނެތޯ ދެވަނަ ފަހަރަށް 'ދައުރު'ގެ ނޫސްވެރިޔާ ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ "އާދެ، އަޅުގަނޑު މި ދެންނެވީ ޗެއާޕާސަންއަކަށް ހުންނަ ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން،" ކަމަށެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ނަޝީދުގެ ފެކްޝަނުން ފައްޔާޒުގެ ފެކްޝަނާ އެކު މަސައްކަތްކުރާއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ރިޔާސީ ޓިކެޓަށް ކެމްޕެއިންކުރައްވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެންމެ ފަހުން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަނަކީ ވެސް ނަޝީދެވެ. 26 ޖޫން 2005އިން ފެށިގެން ފެބްރުއަރީ 2008އާ ހަމައަށް ޗެއާޕާސަން ކަމުގައި ހުންނެވުމަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
އެ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އެމްޑީޕީގެ އެންމެ ނުފޫޒުގަދަ ލީޑަރަކަށް ހުންނެވީ ނަޝީދެވެ. 2013 އަދި 2018ގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ. ނަމަވެސް 2018ގައި ކޮންގްރެސް މެދުވެރިކޮށް ސޯލިހަށް ޓިކެޓު ދޭން ޖެހުނީ އޭރު ޖަލު ހުކުމެއްގައި ހުންނެވުމުން ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެތީ އެވެ.
ޗެއާޕާސަން ރިޔާސީ ޓިކެޓަށް ވާދަނުކުރެވޭ އިސްލާހަކަށް ތާއީދުކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ