ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތު އެމްޑީޕީއަށް ގެނެސް، މިއަހަރު ނިމުމުގެ ކުރިން މިހާރު އޮތް ސަރުކާރު ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށްފަހު މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ހުންނެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކުރައްވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ގަރާރުގައި ސޮއިކުރައްވާނެ މެމްބަރުންގެ ތެރޭގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހިމެނޭނެ ކަމަށެވެ.
”އެ ލިސްޓުގެ ފުރަތަމަ ނަމަކީ ސޯބެ. ރައީސުލްޖުމްޙޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ހުށައަޅާ ގަރާރުގެ ފުރަތަމަ ނަމަކީ އައްޑޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ސޯބެ،“ ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށްޓަކައި މި ސަރުކާރުގެ އެއްވެސް ތަސައްވުރެއް ނުވަތަ ވިސްނުމެއް ނެތް ކަމަށެވެ. އަދިވެސް ސަރުކާރުން ގަބޫލުކުރަނީ އަތޮޅުވެރިއަކު ބަހައްޓައިގެން ކުރީގެ އުސޫލުން ކަންކަން ކުރުމުން ތަރައްގީ ލިބޭނެ ކަމަށް ކަމަށާއި، ނަމަވެސް ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގެންފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަލުން އަނބުރާ 30 އަހަރުގެ ފަހަތަށް ނުދާނެ ކަމަށެވެ. އަދި މިހާރު ނިކުމެ އުޅުއްވަނީ ސަމާސާއަކަށް ނޫން ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ގެނެސް ސަރުކާރު ބަދަލުކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ