އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާ އަދި ވިޔަފާރިތަކަށް، ޓެކްސްއާ ގުޅުންހުރި މައްސަލަތަކުގައި މިހާރު ކުރިއަށްދާ އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ތަހުގީގުތަކުން މުޅި އުމުރަށް ރައްކާތެރިކަން ދީފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން އިއްޔެ ނެރުނު އަމުރެއްގަ އެވެ.
އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ސޮއިކުރެއްވި މި އަމުރުގައި ބަޔާންކޮށްފައިވަނީ، ޓްރަމްޕާއި އޭނާގެ ގާތްތިމާގެ މީހުން ނުވަތަ ވިޔަފާރިތަކާ ގުޅުންހުރި ޓެކްސްގެ އެއްވެސް މައްސަލައެއް ބެލުމާއި އެފަދަ މައްސަލަތަކުގައި ދައުވާކުރުން ދާއިމަށް މަނާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އިންޓާނަލް ރެވެނިއު ސާވިސް (އައިއާރުއެސް)އާ އެކު މިދިޔަ ހޯމަ ދުވަހު އެއްބަސްވުމަކަށް އައުމުގެ ކުރިން ހުށަހަޅާފައިވާ ޓެކްސް ރިޓާންތަކާ ގުޅޭ ހުރިހާ މައްސަލައެއް ވެސް ހިމެނެ އެވެ.
މި ފިޔަވަޅު އަޅާފައިވަނީ 2018 އާއި 2020އާ ދެމެދު ޓްރަމްޕްގެ ޓެކްސްގެ މައުލޫމާތުތައް މީޑިއާތަކަށް ލީކުވި މައްސަލައިގައި، އައިއާރުއެސްއާ ދެކޮޅަށް އޭނާ ހުށަހެޅި 10 ބިލިއަން ޑޮލަރުގެ ދައުވާގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ސެނެޓަރު އެޑަމް ޝިފް ވަނީ މިއީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުގެ އެތިކްސް ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރިޗަޑް ޕެއިންޓާ ވިދާޅުވީ، ޓްރަމްޕަށް މިފަދަ އިސްތިސްނާތަކެއް ދިނުމަކީ އެމެރިކާގެ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވުން އެކަށީގެންވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ މި އަމުރުގެ ދަށުން، ސިޔާސީ މަގްސަދެއްގައި ގާނޫނީ ގޮތުން އަމާޒުވެފައިވާ ކަމަށް ބުނާ ފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި 1.776 ބިލިއަން ޑޮލަރުގެ 'އެންޓި-ވެޕަނައިޒޭޝަން ފަންޑެ'އް ވެސް ވަނީ އުފައްދާފަ އެވެ. ފާޑުކިޔާ ފަރާތްތަކުން މި ފަންޑަކީ ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ބްލާންޗް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
ބްލާންޗް ސެނެޓަރުންނަށް ވިދާޅުވީ، ސިޔާސީ ގޮތުން ފުރައްސާރަ ލިބިފައިވާ ކަމަށް ގަބޫލުކުރާ ކޮންމެ މީހަކަށް ވެސް މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެއީ [ކުރީގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން] ހަންޓާ ބައިޑަން ކަމަށް ވިޔަސް، ނުވަތަ ސިޔާސީ ނުފޫޒުގެ ޝިކާރައަކަށް ވެފައިވާ އެހެން ފަރާތެއް ކަމަށް ވިޔަސް، އެ އެންމެންނަށް ވެސް މި ފަންޑަށް ހުށަހެޅޭނެ،" އޭނާ ވިދާޅުވި އެވެ.
ޓްރަމްޕާއި އާއިލާ ޓެކްސްގެ މައްސަލަތަކުން ދާއިމަށް ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ