ރާއްޖޭގައި މަރުވި އިޓަލީގެ ފަސް ޑައިވަރުގެ މަރުގެ މައްސަލައިގައި މިހާރު ބަލަމުންދާ އާ ތިރަރީއެއް އެބައޮތް ކަމަށާއި އެ ގްރޫޕުން ގަސްތުގައި ނުރައްކާތެރި ފުން ހޮހަޅައެއްގެ ތެރެއަށް ވަދެ ތާށިވީ ކަމަށް ބެލުމުގެ ބަދަލުގައި، ބައެއް ފީނުމުގެ މާހިރުން ލަފާކުރަނީ "ވެންޗޫރީ އިފެކްޓް" ކިޔާ ބާރުގަދަ އޮއިވަރެއްގެ ސަބަބުން، އެމީހުންނަށް ނޭނގި ހޮހަޅައިގެ ތެރެއަށް ދަމައިގަތީ ކަމަށް އިޓަލީގެ ނޫހެއް ކަމަށްވާ "ރިޕަބްލިކާ" އިން ބުނެފިއެވެ. މިއީ އަދި ކަށަވަރުވެފައިވާ ކަމެއް ނޫން ނަމަވެސް، ތަހުގީގުގައި ބަލަމުންދާ ކަމެއް ކަމަށް އެނޫހުގައި ބުނެފިއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ޑައިވަރުންނަކީ ތަޖުރިބާކާރު އަދި މަތީ ފެންވަރަށް ތަމްރީނުވެފައިވާ ބަޔަކަށް ވުމުން، ހޮހަޅައަށް ފީނުމުގެ ހާއްސަ ތަމްރީނާއި، މަގުދައްކާ ވަލާއި، އަދި ރަނގަޅު ޕްލޭނަކާ ނުލައި އެފަދަ ނުރައްކާތެރި ތަނަކަށް އެމީހުން ގަސްތުގައި ވަދެފާނެތޯ ތަހުގީގު ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ. އެހެންކަމުން، ބައެއް މާހިރުން ލަފާކުރަނީ އެ ގްރޫޕުން ހޮހަޅައިގެ ތެރެއަށް ވަންނަން އުޅުމުގެ ބަދަލުގައި، ހޮހަޅައިގެ ދޮރުމަތީގައި ފޮޓޯ ނެގުމަށް ނުވަތަ ބަލާލުމަށް މަޑުކޮށްލައިގެން ތިބީ ކަމަށެވެ.
އިޓަލީގެ ނޫހުގައި ވަނީ ކަނޑުއަޑީގައި ކަންތައް ހިނގާފާނެ ގޮތުގެ ތަސައްވަރެއް ކުރަހާލާފައިވެއެވެ. އެ ހޮހަޅައަކީ ތަނަވަސް ބައިތަކަކާއި ހަނި މަގުތަކެއް އެކުލެވޭ ތަނެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ސައިންސްގެ ހަމަތަކުން ބަލާއިރު، ހަނި ތަނަކުން ފެން ދާއިރު އޭގެ ބާރުމިން އިންތިހާއަށް ގަދަވެ، ޕްރެޝަރަށް ބަދަލު އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހޮހަޅައިގެ ދޮރުމަތީގައި ތިބޭ ޑައިވަރުން އެތެރެއަށް ދަމައިގަތުމުގެ ނުވަތަ އެތަނުން ނުކުންނަން އުނދަގޫވާ ފަދަ ބާރުގަދަ އޮއިވަރެއް އުފެދެއެވެ. "ވެންޗޫރީ އިފެކްޓް" ބިނާވެފައިވަނީ މި ހަމައިގެ މައްޗަށެވެ.
މީގެ އިތުރުން، ފީނުމުގެ ފަންނީ މާހިރުންގެ ބަސްތައްވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ހޮހަޅައެއްގެ ދޮރުމައްޗަށް ކައިރިވާ ޑައިވަރަކަށް ހާއްސަކޮށް ހަނި ތަންތަނުގައި އޮއިވަރު ހުންނަ ނުރައްކާތެރި މިންވަރު އަންދާޒާ ނުކުރެވިދާނެއެވެ. ކުއްލިއަކަށް އޮއިވަރަށް އަންނަ ބަދަލެއްގެ ސަބަބުން، ކިތަންމެ ތަޖުރިބާކާރު މީހަކަށްވެސް ކޮންޓްރޯލް ގެއްލިދާނެއެވެ. މި ތިއަރީ ބުނާގޮތުން، ފަރު ކައިރިން ބޭރުފުށުން އަމާންކޮށް ފެނުނު ނަމަވެސް، ހޮހަޅައިގެ އެތެރެއަށް މަދު މީޓަރުކޮޅަކަށް ވަދެވުމުން ކަންތައް އިންތިހާއަށް ނުރައްކާވެގެން ދިޔައީއެވެ.
އިޓަލީގެ ނޫހުން ބުނީ މި ހާދިސާ ހިނގާފައިވާނެ ކަމަށް ބެލެވޭ އެއް ގޮތަކީ، އެންމެ ފުރަތަމަ އެކަކު އެތެރެއަށް ދަމައިގަތުމުން، އެމީހާ ސަލާމަތްކުރުމަށް އެހެން މީހުން މަސައްކަތް ކުރުމެވެ. ފީނާ ޓީމުތަކަކީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމުން، ކުއްލި ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީވާން އުޅުމަކީ އާންމު ކަމެކެވެ. އަނެއް ގޮތަކީ، މުޅި ގްރޫޕް އެކުގައި ތިއްބާ ބާރުގަދަ އޮއިވަރެއްގައި އެންމެން އެއްފަހަރާ އެތެރެއަށް ދަމައިގަތުމެވެ.
ހޮހަޅައިގެ ތެރެއަށް ވަދެވުމާއެކު، ހާލަތު ވަރަށް އަވަހަށް ގޯސްވެގެންދާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ކަނޑުއަޑީގެ ހޮހަޅަތަކުގައި ފެންނަ ފެނުމަކީ ސިކުންތުކޮޅެއްގެ ތެރޭގައި މުޅިން އަނދިރިވެދާނެ އެއްޗެކެވެ. ޑައިވަރުންގެ ފިންސްގެ ސަބަބުން ހޮހަޅައިގެ ތަޅުމުގައި ނުވަތަ ފާރުގައި ހުންނަ ކިސަޑުތައް (ސެދިމެންޓް) ނައްޓާލާ، ފެންގަނޑު ކިލަނބުވެ، ކުރިމަތިން އެއްވެސް އެއްޗެއް ނުފެންނަ ވަރުވެއެވެ. މިއަށް ޑައިވަރުން ކިޔަނީ "ސިލްޓް-އައުޓް" އެވެ. މިފަދަ ހާލަތްތަކުގައި، ފީނާ މީހުންނަށް ވަގުތުން މިސްރާބު އޮޅި މައްޗާއި ތިރި ވަކިކުރަން ނޭނގުމާއި، ނުކުންނާނެ ދޮރު ނުފެނުމާއި، ނުވަތަ އެކުގައި އުޅޭ މީހުންވެސް ނުފެންނަ ހިސާބަށް ކަންތައް ދެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެނުގެ އަޑީގައި ހާސްވުމާއި މިސްރާބު އޮޅުމަކީ ވަރަށް އަވަހަށް ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ކުއްލިއަކަށް އަނދިރިކަމާއި އޮއިގަދަ ފެނުގެ ތެރޭގައި ތާށިވާ ޑައިވަރަކަށް ބާރަށް ނޭވާލެވި، ޓޭންކުގައި ހުންނަ ވައި އަވަހަށް ހުސްވެ، މަޑުމައިތިރިކަމާއެކު ގޮތް ނިންމަން އުނދަގޫވެއެވެ. ހޮހަޅައިގެ މަގުތައް ހަނިވެފައި އޮޅުންބޮޅުން ބޮޑުނަމަ، "ގައިޑް ލައިން" އެއް ނެތި އެނބުރި ދިއުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ހުޅުވާލެވިފައިވާ ކަނޑުގެ ސަރަހައްދުތަކުގައި ފީނުމުގެ ތަޖުރިބާ ކިތަންމެ ބޮޑު މީހަކަށް ވިޔަސް، ހޮހަޅައިގެ މާހައުލުގައި ނުރައްކަލާ ކުރިމަތިވެދާނެއެވެ. ސަބަބަކީ ހޮހަޅައަށް ފީނުމަކީ މުޅިން ތަފާތު، ހާއްސަ ހުނަރުތަކެއް ބޭނުންވާ ދާއިރާއަކަށް ވާތީއެވެ.
މީގެ އިތުރުން، މީހުން ސަލާމަތްކުރުމާއި ހަށިގަނޑުތައް ނެގުމުގައި ހުރި ދަތިތަކާ ބެހޭގޮތުންވެސް ރިޕޯޓްގައި ލިޔެފައިވެއެވެ. އެގޮތުން ހޮހަޅައިގެ މާހައުލު ހުރިގޮތުން އެ މަސައްކަތްތަކަށް ހުރަސް އެޅުނުކަން ފާހަގަކޮށްފައިވެއެވެ. ހަށިގަނޑުތައް ނެގުމަށް މަސައްކަތްކުރި ޓީމުތަކަށް އެ ސަރަހައްދަށް ވަނުމުގައި ބާރުގަދަ އޮއިވަރާއި ދަތި ހާލަތްތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ. މިއީ ހޮހަޅައިގެ އެތެރޭގައި އާދަޔާ ހިލާފަށް ބާރުގަދަ އޮއިވަރެއް ހުރިކަމަށް ބައެއް މާހިރުން ކުރާ ތުހުމަތަށް ލިބޭ ބާރެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ ކަނޑައެޅިގެން ސާބިތުވާ ހެއްކެއްގެ ގޮތުގައި މި ލިޔުމުގައި ބަލާފައެއް ނުވެއެވެ.
މިހާރު ކުރިއަށްދާ ތަހުގީގީ މަރުހަލާއަކީވެސް މުހިންމު ބައެއްކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ކަން ހިނގައިދިޔަ ގޮތް ސީދާ ދެނެގަތުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުންނާއި ތަހުގީގު ކުރާ ފަރާތްތަކުން ޑައިވް ކޮމްޕިއުޓަރުތަކާއި، ފެނުގެ އަޑީގައި ބޭނުންކުރާ ކެމެރާތަކާއި، ސާމާނުތަކާއި، ހުއްދަތަކާއި، ރާވާފައިވާ މަގުތަކާއި އަދި މުއާސަލާތީ ކަންކަން ބަލަމުންދާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ޑައިވް ކޮމްޕިއުޓަރުތަކުން ފުންމިނާއި، ވަގުތާއި، މައްޗަށް އެރުމާއި އަޑިއަށް ދިޔަގޮތުގެ ތަފްސީލްތަކުގެ އިތުރުން އިތުރުން، ޑައިވަރިން ބަންދުވެފައިވާ ސަރަހައްދަކަށް ވަނީ ކުއްލިއަކަށްތޯ ނުވަތަ ގަސްދުގައިތޯ އެނގިގެންދާނެއެވެ. ކެމެރާ ފޫޓޭޖްތައް ފެނިއްޖެނަމަ، އެމީހުންގެ އެންމެ ފަހުގެ ހަރަކާތްތައް ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.
"ވެންޗޫރީ-އިފެކްޓް" އާ ގޮތުން ދެވޭ ތަރުޖަމާއަކީ މި ހާދިސާއަށްފަހު އުފެދިފައިވާ އެއް ހީކުރުން ނުވަތަ ހައިޕޮތެސިސް ކަމަށާއި، އެއީ އަދި ހަގީގަތެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް މި ލިޔުމުގައި ތަކުރާރުކޮށް ބުނެފައިވެއެވެ. މި މަރުތައް ދިމާވީ މޫސުމުގެ ސަބަބުންތޯ، ރޭވުމުގެ ގޯހަކުންތޯ، ފަންނީ މައްސަލައަކުންތޯ، އިންސާނީ ކުށަކުންތޯ ނުވަތަ މި ހުރިހާ ކަމެއް އެކުވެގެންތޯ ތަހުގީގު ކުރާ ފަރާތްތަކުން އަދި ނިންމާފައި ނުވާ ކަމަށް އިޓަލީގެ ނޫހުން ބުންޏެވެ.
ފަތުރުވެރިންތައް މަރުވީ ބާރުގަދަ އޮއިވަރެއްގެ ސަބަބުން ކަމަށް ވެދާނެ - ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ