މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު އިއާދަކޮށްފި، އިރުއޮއްސުމުގެ ކުރިން އެއްކޮށް ކަރަންޓު އިއާދަކުރާނެ: ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު އިއާދަކޮށްފިއެވެ. ސްޓެލްކޯއިން ދިން މައުލޫމާތުގައިވާ ގޮތުން މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތަ ގޭބިސީތަކަށް މިހާރު ކަރަންޓު ލިބެމުންދެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބައިބަޔަށް ބަހާލައިގެން ކަމަށެވެ. މިގޮތަށް މަސައްކަތް ކުރިއަށް ގެންދަނީ އެއްފަހަރާ ކަރަންޓު އިއާދަކުރުމުން އިތުރު މައްސަލަތަކެއް ދިމާވެދާނެތީ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އިއާދަކޮށްފައިވާއިރު، ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓު ނުލިބެއެވެ. މިގޮތުން ހިޔާ އެއްވަނަ ޓަވަރުން ފެށިގެން އަށްވަނަ ޓަވަރާ ދެމެދުގެ ޓަވަރުތަކާއި ވިނަރެސް ފުލެޓުތަކަށް އަދިވެސް ކަރަންޓު ނުލިބޭކަމަށް ސްޓެލްކޯއިން ފާހަގަކުރިއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަވާނެ ކަމަށެވެ. އަދި އިރުއޮއްސުމުގެ ކުރިން މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އިއާދަކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ