ތިމާވެށި ހިމާޔަތްކުރަން ފިޔަވަޅު އަޅަން އަހަރަކު 7 މިލިއަން ރުފިޔާ ހޭދަކުރަނީ
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ގްރީން ފަންޑުން ހަރަދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުންކަން ފާހަގަކުރައްވާފަ އެވެ.އެހެންކަމުން އެ މަސައްކަތަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރަށް ޚަރަދުކުރާނޭ ފައިސާ ކަމަށާއި މިކަމުގެ ސަބަބުން މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން ކުރިއަށްވުރެ ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެ ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށެވެ.އެގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމާއި އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތު ކުރުމާއި މޮނިޓަ ކުރުމާއި ކޮންޒަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކޮށް، ތިމާވެށީގެ ދިރާސާތަކާއި މައުލޫމާތު އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.އޭގެ އިތުރުން އެ ދާއިރާގެ ފަންނީ ގާބިލުކަން އިތުރު ކުރުމާއި އެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބްތަކާ ގުޅިގެން ތިމާވެށީގެ ތަފާތު ޕްރޮގްރާމްތައް ހިންގައި ވީހާ ވެސް ގިނަ ބަައެއްގެ ބައިވެރިވުން އެ މަސައްކަތަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ