ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމުގެ ޔަގީންކަން މިއަދު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ދެއްވައިފި އެވެ.
އަދަދު އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ އައްޑޫގައި ހުރި މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.
"މަޖިލިސް ތެރެއިން އިރާދަކުރެއްވިއްޔާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަދި އިރާދަކުރެއްވިއްޔާމުން ހަމަ އައްޑޫގައި ހުރި މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރާނަން،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އޭނާއަށް ބައި-އިލެކްޝަން ކާމިޔާބުކުރެއްވުނީ އެމްޑީޕީ މެންބަރުންނާއި އާއިލާގެ މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
މި ނަތީޖާއަކީ އެމްޑީޕީގެ ލީޑާޝިޕުން އެކުގައި މަސައްކަތް ކުރުމުގެ ނަތީޖާކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީން އެކުގައި މަސައްކަތްކޮށްފިނަމަ ކަންކަން ރަނގަޅުވާނެ ކަމަށެވެ.
"އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ހުރިހާ އެންމެންގެ މަސައްކަތުން ކާމިޔާބުކުރެވުނީ. އެމްޑީޕީ އެކުގައި މަސައްކަތް ކުރެވުނު ނަތީޖާ މިއީ. މީގެއިން ދައްކަނީ މިގޮތަށް އެއްކޮށް ތިބެއްޖެއްޔާމުން ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެކަން،" ސޯބެ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ކުރިން އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައެވެ.
ސަރުކާރުން ހިތަދޫ އުތުރު ދާއިރާއަށް ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ނަތީޖާ ނުކުތީ ސަަރުކާރާ ދެކޮޅަށްކަން ސޯބެ ފާހަގަކުރެއްވި އެވެ.
މީގެ ކުރިން 2011 ވަނަ އަހަރު ސޯބެ އެންމެ ފުރަތަމަ އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ވެސް ހިތަދޫ އުތުރު ދާއިރާއިންނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އިންތިހާބުގައި ވެސް ތަނަވަސް އަގުލަބިއްޔަތަކުން އެ ގޮނޑި ސޯބެ ދިފާއުކުރެއްވި އެވެ. އަދި 2014 ވަނަ އަހަރު 1،147 ވޯޓު ސޯބެއަށް ލިބިވަޑައިގެންނެވިއިރު 2017 ވަނަ އަހަރު 1،376 ވޯޓު އޭނާ ކާމިޔާބު ކުރެއްވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަދަދު އެކްސްކްލޫސިވް: ސޯބެ ދެއްވީ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަގީންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ