ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން 15:00 އަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިންދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން މިއަދު ހެނދުނުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރުނީ ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހެނދުނު 6:30 އިން 10:30އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭކލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ އއ. ތޮއްޑުއަށެވެ. އެއީ 143.9 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެއީ 66.9 މިލިމީޓަރުގެ ވާރޭއެވެ.
މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިއްމެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ވިދާޅުވިއެވެ. އެ އިދާރާއިން ވިދާޅުވީ، މިމަހުގެ 24،23 އަދި 25ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.
ބ.އަތޮޅުން އއ.އަތޮޅަށް ރީނދޫ ސަމާލު، 45 މޭލަށް ވައިގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ