ބޮޑެތި ލުއިތައް ލިބޭ "ސީޕާ" އެއްބަސްވުމެއް ރާއްޖެއިން ޔޫއޭއީއާއެކު ގާއިމްކުރަނީ

ޓެރިފް ކުޑަކުރުން ހިމެނޭ ގޮތުން ވިޔަފާރީގެ ގިނަ ހުރަސްތައް ނައްތާލާ އެއްބަސްވުމެއް ކަމަށްވާ "ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް (ސީޕާ) އެއްބަސްވުން ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ގާއިމްކުރުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ރޭ ވިދާޅުވީ ޔޫއޭއީއާ އެކު ސީޕާ އެގްރިމެންޓެއްގައި ސޮއިކުރުމުގެ މަޝްވަރާތައް މިހާރު "އެޑްވާންސްޑް ސްޓޭޖަށް" ގޮސްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރަނީ އޭނާ ވިދާޅުވި ގޮތުގައި ޔޫއޭއީގެ ފޮރިން ޓްރޭޑް މިނިސްޓްރީ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެވެ.
"އެއީ ގާތްގަނޑަކަށް ފްރީ ޓްރޭޑް އެގްރިމެންޓެއް ހަމަ. އެއީ ޔޫއޭއީގައި އޮންނަ އެންމެ ވަރުގަދަ އެކްސެސް އެއްބަސްވުން،" ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ވެސް ރާއްޖެއިން ހިމަނާނީ މަހުގެ އުފެއްފުންތަކެވެ. އަދި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި ލުއި ގޮތްތައް ހޯދުމަކީ ރާއްޖެއިން ގައުމުތަކާ އެކު ކުރާ ވިޔަފާރީގެ ހުރިހާ މަޝްވަރާއެއްގައި ވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
"އަޅުގަނޑުމެންގެ ރާއްޖޭގައި މިހުންނަ މަސްވެރިކަމުގެ އާދަކާދައަކީ ހަމަ ދުނިޔޭގައި ވެސް އެހެން އެއްވެސް ގައުމެއްގައި ނެތް ވަރުގެ ދެމެހެއްޓެނިވި އާދަތަކެއް ކަމަށް ވާތީ، އޭގެ މައްޗަށް ބަރޯސާވެގެން އެކަމާ ގުޅުވައިގެން އަޅުގަނޑުމެންގެ މާކެޓިން މަސައްކަތް މިދަނީ،" މުންދު ވިދާޅުވި އެވެ.
މުންދު އެގޮތަށް ވިދާޅުވިއިރު، އިނގިރޭސިވިލާތުން ރާއްޖެ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ވެސް ދެ އަހަރުގެ މުއްދަތަކަށް މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ