އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް އަވަސްކުރުމަށްޓަކައި، ޕާކިސްތާނުން ކުރަމުން އަންނަ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފި އެވެ.
މިއީ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަސްކަރީ ފިޔަވަޅުތައް އަލުން އަޅަން ފަށާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދިން ހަމަލާތައް މެދުކަނޑާލުމަށްވީ އެއްބަސްވުމަށް ހަ ހަފުތާ ވެފައިވާއިރު، ތެލުގެ އަގު އުފުލުމާއި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ބިރު ބޮޑުވެ، މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ބައެއްގެ ގޮތުން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރު ތެހެރާނަށް ވަޑައިގަތުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ އެވެ.
"މަޝްވަރާތައް އަވަސްކުރުމަށްޓަކައި އަޅުގަނޑުމެން އަންނަނީ އީރާނުގެ އެކި ގްރޫޕްތަކާ ވާހަކަދައްކަމުން. ޓްރަމްޕްގެ ކެތްތެރިކަން ކޮޅުންލަމުންދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭތޯ އަދި މަދު ދުވަސްކޮޅަކަށް އިންތިޒާރު ކުރައްވަން ތައްޔާރަށް ހުންނެވި ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ހުރިހާ ގޮތަކުން ތައްޔާރަށް،" ޓްރަމްޕް ވިދާޅުވި އެވެ.
"އީރާނުގެ މައްސަލަ މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި. އެއްބަސްވުމަކަށް އާދެވޭނެ. ނޫނީ އަޅުގަނޑުމެން ބައެއް ހަރުކަށި ފިޔަވަޅުތައް އަޅާނަން."
މި އިންޒާރުތަކަށް ރައްދު ދެމުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، އަލުން ހަމަލާއެއް ދީފި ނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެންދާނެ ކަމަށެވެ.
"އީރާނަށް ދޭ ހަމަލާތައް ތަކުރާރުވެއްޖެ ނަމަ، މިފަހަރުގެ ހަނގުރާމަ މި ސަރަހައްދުން ބޭރަށް ވެސް ފެތުރިގެންދާނެ،" އެ ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.
އީރާނުން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުންތަކުގައި ކުރިން ވެސް ބުނަމުންދިޔަ ކަންތައްތަކަށް ބާރުއަޅާފައިވެ އެވެ. އޭގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމާއި އެމެރިކާ ސިފައިން ސަރަހައްދުން ފޭބުމުގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތުން ހިމެނެ އެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ކަނޑައަޅާފައިވާ 'މެރިޓައިމް ކޮންޓްރޯލް ޒޯން'ގެ ޗާޓެއް ވެސް އީރާނުން ވަނީ އާންމުކޮށްފަ އެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އީރާނުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ޗައިނާ އާއި ދެކުނު ކޮރެއާގެ ބައެއް ތެޔޮ ޓޭންކަރުތައް މި ހަފުތާގައި އީރާނާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ސަރަހައްދު ހުރަސްކޮށްފައިވެ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ މި ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. މިއީ އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު މަރުވި ހަނގުރާމައަށް ފަހު ކުރިމަތިވެފައިވާ ހާލަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ