އިނގިރޭސިވިލާތާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އާ ދެމެދު އަހަރަކު ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ އަގުހުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ގަލްފްގެ ބައިވެރިންނާ އެކު އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް ލަންޑަނުން އެޅި މުހިންމު ފިޔަވަޅެކެވެ.
ޖީސީސީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވެއިތު، ގަތަރު، އޮމާން އަދި ބަހުރޭނެވެ.
އިނގިރޭސި ވިޔަފާރިއާ ބެހޭ ވަޒީރު ޕީޓާ ކައިލް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ އީރާނު ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް މާހައުލުގައި، އިގްތިސާދީ ގޮތުން އޮތް އިތުބާރު ހާމަކޮށްދޭ ވަރުގަދަ ނިޝާނެކެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، ވިޔަފާރީގެ ދާއިރާ ފުޅާކޮށް، ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވުމުގެ ސަބަބުން، ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ދެގުނަ އިތުރަށް، އަހަރަކު 3.7 ބިލިއަން ޕައުންޑް (4.96 ބިލިއަން ޑޮލަރު) މި އެއްބަސްވުމުގެ ސަބަބުން އިގްތިސާދަށް ވަންނާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، އިނގިރޭސިވިލާތުން ގަލްފްގެ ގައުމުތަކަށް އެތެރެކުރާ މުދަލުގެ %93 އިން ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ އެވެ. މީގެ ތެރޭގައި ގޮވާމުގެ ބާވަތްތަކާއި، ޗީޒް، ޗޮކްލެޓް އަދި ބަޓަރު ފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން އެއްގަމު އުޅަނދު އުފެއްދުމުގެ ސިނާއަތާއި ވައިގެ ދަތުރުފަތުރާ ގުޅޭ އުފެއްދުންތަކާއި އިލެކްޓްރޯނިކްސް އަދި ކާބޯތަކެތީގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ބަދަލުގައި، އިނގިރޭސިވިލާތުން ވެސް ގަލްފް ގައުމުތަކުން އެތެރެކުރާ ތަކެތީގެ ޓެރިފް ކުޑަކުރާނެ އެވެ. ނަމަވެސް، ގަލްފުން އެތެރެކުރާ ތެލާއި ގޭހަކީ މިހާރު ވެސް ޑިއުޓީ ނުނަގާ ތަކެއްޗެވެ.
ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލްބުދައިވީ ވިދާޅުވީ، މި އެއްބަސްވުމުގެ މަގްސަދަކީ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތަކުގެ ދާއިރާއިން އަމަލީ ގޮތުން ފެންނަން ހުންނާނެ ފަދަ އިގްތިސާދީ މަންފާތަކެއް ހޯދައިދިނުން ކަމަށެވެ.
ނަމަވެސް، މި އެއްބަސްވުމުގައި އިންސާނީ ހައްގުތަކާ ގުޅޭ ވަކި ހާއްސަ މާއްދާތަކެއް ހިމަނާފައި ނުވާތީ، ބައެއް ޖަމާއަތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ޓްރޭޑް ޖަސްޓިސް މޫވްމަންޓްގެ ފަރާތުން ޓޮމް ވިލްސް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ބައިތައް ނުހިމެނުމަކީ އިނގިރޭސިވިލާތުން ފަހަތަށް އެޅި ފިޔަވަޅެކެވެ.
އިނގިރޭސިވިލާތާއި ގަލްފުން 5 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ