ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް 4 މިލިޔަން ޔޫރޯގެ އެހީއެއް

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ވިލާތުގެ އިއްތިހާދު، އީޔޫއިން 4 މިލިޔަން ޔޫރޯގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ "ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެނަމުގައި ކުރިއަށްގެންދާ މަޝްރޫއަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ. ރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު މި އެއްބަސްވުން ބަދަލުކޮށްފައިވަނީ ޚާރިޖީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ ޢަބްދުއްސަމަދެވެ. އެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާރިޔާ ކަރމެން މޮރީނޯގެ ފަރާތުން މި އެއްބަސްވުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔޫއީން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ވެރިޔާ ޑރ. ޔޯހާން ހެސޭއެވެ.
"ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި ގާބިލުކުރުން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ވިލާތުގެ އިއްތިހާދުން 4 މިލިޔަން ޔޫރޯ ހަދިޔާ ކޮށްފައިވަނީ ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް، އިއާދަކުރުމަށެވެ. މިއީ ގާތްގަނޑަކަށް 71 މިލިޔަން ދިވެހި ރުފިޔާގެ އެހީއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ، ރާއްޖޭގެ ތަރައްގީއަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޔޫއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އީޔޫއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށާއި، މި އެހީގެ ސަބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ހެސޭ ވިދާޅުވީ ކަނޑޫފާތަކަކީ ރަށްރަށުގެ ގޮނޑުތައް ހިމާޔަތްކުރުމުގައި މުހިންމު ހިއްސާއެއް ކަމަށާއި ދިރޭތަކެއްޗަށްވެސް ބޭނުންތެރި އެއްޗެއް ކަމަށެވެ. ނަމަވެސް އެ ކަނޑޫފާތަކުގެ ރައްކާތެރިކަން ކަށަވަރުވަނީ އާންމުންގެ ބައިވެރިވުމާއި ހަރުދަނާ ޕޮލިސީތަކުގެ ސަބަބުންކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގެ ޒަރީއާއިން ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވމަކީ އީޔޫގެ މަގުސަދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ''ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް'' ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ރަށު ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމުގެ ގާބިލުކަން އިތުރުކުރެވި، އާންމުންގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ