ނިމުނު ހަފުތާ: ކައުންސިލްތަކުގެ އައު ސަފްހާއެއް، މަސްވެރިކަމަށް ތާރީޚީ ކާމިޔާބެއް

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުޙިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (21 މޭ) އެގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
- ބިދޭސީންގެ މައްސަލާގައި ހޯދީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ސިޔާސީ މަސައްކަތް ނުކުރެވޭނެކަމުގެ ބިރުވެރިކަމެއް މިއަދު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާ ދަނީ ފެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- އެލްޖީއޭގެ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިން ނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ހަނގުރާމައާ ގުޅިގެން ލަސްތަކެއް އައި، ނަމަވެސް މަޝްރޫޢުތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
(18 މޭ) ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން އާންމުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަ މީހަކު، ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަންވާނެއެވެ.
(18 މޭ) އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާ އުފައްދަވާފައިވަނީވެސް ހޯމަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފައިވާ ކަމަށެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ، "އައްޑޫ ސިޓީ"ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް އަލުން ތަރުތީބު ކުރައްވާފައިވާ ކަމަށެވެ.
(21 މޭ) ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ޢައްޔަންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ދަފްތަރު ނަންބަރު ރސ 535، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
(18 މޭ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑރ.މުޙައްމަދު މާހިދު ޝަރީފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ. ވަޒީރުންގެ ފެންވަރުގައި ޑރ.މުޙައްމަދު މާހިދު ޝަރީފު އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
(19 މޭ) ޙައްޖުވެރިންގެ އިސްވެރިޔަކަށް، އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ކޮންމެ އަހަރެއްގެވެސް ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާއެވެ. މިއަހަރުގެ އަމީރުލް ޙައްޖު ނުވަތަ ޙައްޖުވެރިންގެ އެންމެ އިސްފަރާތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
(17 މޭ) ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ.
(17 މޭ) ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ދަސްވެނިވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
(20 މޭ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
(18 މޭ) ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ މުބާރާތްގައި ގެނެސްދޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފައިވާ މިދިޔަ ހޯމަ ދުވަހުއެވެ. މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގ ގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
(20 މޭ) ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލާފައިވާ މިދިޔަ ބުދަ ދުވަހުއެވެ. އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔައީ، %20 އިމްޕޯޓް ޑިއުޓީއެކެވެ. މިހާރު އެ ޤައުމުން ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް މި ޑިއުޓީ މެދުކަނޑާލާފައެވެ. މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ޤައުމުގެ ތެރެއިން ހަތް ޤައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.
(18 މޭ) ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 1 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައެވެ.
(18 މޭ) ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑްއަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް 2025 އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ. މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނެސް އެކުންފުންޏަށްރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމްއެމްއޭއިން ވަނީ ދޫކޮށްފައެވެ.
(20 މޭ) ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވާލާފައިވާ ބުދަ ދުވަހުއެވެ. "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ"، ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ. ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންދާ ކަމަށް ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ.
(16 މޭ) ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކު ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަމަށެވެ. މަހުދީގެ ޖަނާޒާ މިރޭ 10 ޖަހާއިރު އޮންނައިރު މައްޔިތާއަށް ޒިޔާރަތްކުރުން މިރޭ 7އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ.
(20 މޭ) ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިނގި އޮޕަރޭޝަންގައި ހުރިހާ ޑައިވަރުންގެ ހަށިތައް ނަގާ ނިމިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ، 4 މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައެވެ. ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ.
(18 މޭ) ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު ނިޔާވީ ޚަބަރު ލިބުނީ މިދިޔަ ހޯމަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ