އެމްޑީޕީއިން ރައްޔިތުންނަށް ހޯދައިދިން އެންމެ މުހިންމު ޙައްޤަކީ ދުލާއި ގަލަމުގެ މިނިވަންކަން: ފައްޔާޒް

ދުލާއި ޤަލަމުގެ މިނިވަންކަމުގެ ހައްޤަކީ ފެހި ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ހޯދައިދެވުނު އެންމެ މުހިންމު އެއް ހައްޤުކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ބޮޑު ބަދަލު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނާއި އާއްމު ރައްޔިތުން މަގުތަކަށް ނިކުމެ ލޭއޮހޮރުވައިގެން ކުރި ބުރަ މަސައްކަތުން ބަދަލުކުރެވުނު ޤާނޫނު އަސާސީއާއިއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އައިކަމުގައެވެ. އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ ޙައްޤަކުން ޙައްޤަކުން އެހުރިހާ ބާރެއް ދަމައިގަންނަމުންދާ މަންޒަރުކަމަށް ފައްޔާޒު ވިދާޅުވިއެވެ. ވަކިން ޙާއްޞަކޮށް ބަސް ބުނުމުގެ މިނިވަންކަމާއި ރައްޔިތުން ހަޅުތާލުކުރުމުގެ މިނިވަންކަން މިސަރުކާރުން ނިގުޅައިގަންނަމުންދާ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
މިގޮތުން އަދަދުގެ ދެ ނޫސްވެރިން ނުޙައްޤުން ޖަލަށްލާފައިކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ބަސް ބުނުމުގެ މިނިވަންކަން ބޭނުންކުރުމުގެ ޙައްޤު ދިފާއުކުރުމަށް ނިކުތް ފަރާތްތައްވެސް ޖަލަށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒުވަނީ ހައްޔަރުކުރެވިފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ރައީސް ޑރ. މުއިއްޒުއަށް ގޮވާލައްވާފައެވެ.
ފައްޔާޒުގެ ވިދާޅުވީ، ބޮޑު ބަދަލުގެ ނަމުގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ މަސައްކަތަކީ މީގެ ވިހި ތިރީސް އަހަރު ކުރިން ކުރި މަސައްކަތް ފުރިހަމަ ކުރުމުގެ މަސައްކަތްކަމަށެވެ. މިގޮތުން އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގައި ކުލަޖެހިގެން ދިޔަކަމުގައި ވީނަމަވެސް މިހާރު ފެންނަނީ ކޮންމެ ވެރިކަމެއް ބަދަލުވާ ފަހަރަކު ޙައްޤުތައް ނިގުޅައިގަންނަތަން ކަމުގައި އޭނާ ވިދާޅުވިއެވެ. މިގޮތުން ޤާނޫނު އަސާސީ ޤަބޫލު ނުކުރާ ބަޔަކަށް ވެރިކަން ލިބި އެކި ސަބަބުތަކަޢްޓަކައި ހުދުމުހުތާރު ވެރިކަން ބޭނުންވާ ބަޔަކު އެބަޔަކު ބޭނުންވާ ގޮތަކަށް ޤާނޫނު އަސާސީ ބަދަލުކުރަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
“ ވޯޓުފޮށި މެދުވެރިކޮށް އަޅުގަނޑުމެން ހޯދި ޙައްޤުތައް، ޤާނޫނު އަސާސީ ޤަބޫލު ނުކުރާ ބަޔަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް އެބަލިބޭ، އެކި ސަބަބުތަކައްޓަކައި ހުދުމުހުތާރު ވެރިކަން ބޭނުންވާ ބަޔަކަށް ދިވެހިރާއްޖޭގެ ވެރިކަމާއި ހިސާބަށް އެބައާދެވޭ. މިކަން ބަދަލުކުރުމަކީ އަޅުގަނޑުމެނަށްއޮތް އެންމެ ބޮޑު މަސްއޫލިއްޔަތު “ ފައްޔާޒު
މިވަގުތު އެބޭފުޅުންނަށްއޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ މިފަދަ ކަންކަން ބަދަލުކުރުންކަމުގައި އޭނާ ވިދާޅުވިއެވެ. މިގޮތުން އެމްޑީޕީއިން ދެކުނު އުންމީދު ނިގުޅައި ނުގަނެވޭނެފަދަ ގޮތަކަށް ދަރިންގެ ދަރިންނާ ހަމައަށް ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއާއި ހަމައަށް ގެންދެވޭނެގޮތެއް ހޯދުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ