މަމްސް އެއިޑްގެ ”ބެކް ޓު ސްކޫލް 2025“ އަށް ދިރާގުގެ އެހީތެރިކަން

ދިރާގުގެ ސީ.އެސް.އާރގެ ދަށުން، މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ ”ބެކް ޓު ސްކޫލް 2025“ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
”ބެކް ޓު ސްކޫލް 2025“ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.  މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއަރ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެއެވެ.
މީގެ އިތުރުން، ދިރާގުން ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން މަމްސް އެއިޑް އިން ކުރިއަށް ގެންދިޔަ ”ރަމަޟާން އެއިޑް“ އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. ”ރަމަޟާން އެއިޑް“ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ. ”ރަމަޟާން އެއިޑް“ އަދި ”ބެކް ޓު ސްކޫލް“ ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަމްސް އެއިޑްއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ މި ޕާޓްނަރޝިޕްގެ މަގްސަދަކީ، މި  އާއިލާތަކަށް އެއްބާރުލުން ދިނުމާއި  ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ