މާފުށީ ޖަލުގައި ކަރެކްޝަންސް އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް!

ރާއްޖޭގެ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މާފުށީ ޖަލުގައި ހާއްސަ ސަރޗް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ކަރެކްޝަނަލް ސާވިސްގެ ރަސްމީ ’އެކްސް‘ އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި ދެ މުއައްސަސާގެ އޮފިސަރުން ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް، މި އޮޕަރޭޝަން ކުރިއަށްދާ ވަގުތާއި، އަމާޒުކުރާ ވަކި ސަރަޙައްދުތަކާ ގުޅޭ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕަރޭޝަނުގެ މަގްސަދު ރަސްމީކޮށް އިއުލާންކޮށްފައި ނުވިނަމަވެސް، ފާއިތުވި އަހަރުތަކުގައި ޖަލުތަކުގައި ހިންގާފައިވާ މިފަދަ އޮޕަރޭޝަންތަކަކީ މައިގަނޑު ގޮތެއްގައި ޖަލަށް ވައްދާފައިވާ މަނާ ތަކެތި ހޯދުމަށް ހިންގާ އޮޕަރޭޝަންތަކެކެވެ. މީގެ ތެރޭގައި މޮބައިލް ފޯނާއި، މަސްތުވާތަކެއްޗާއި، ތޫނު ހަތިޔާރު ހޯދުން ހިމެނެއެވެ. އަދި ޖަލުގައި ތިބެގެން ހިންގާ ސްކޭމްގެ މުއާމަލާތްތަކާއި ހަރުކަށި ފިކުރު ފެތުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުން ވެސް ހިމެނެއެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ކުރީކޮޅު މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ’ފުލް ބޮޑީ ސްކޭނަރ’އެއް ވަނީ ބަހައްޓާފައެވެ. މިއީ ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅެކެވެ. މީގެ އިތުރުން، މާލޭ ޖަލު ބަންދުކޮށް އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމާއި، ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި އެއްވެސް މަނާ އެއްޗެއް ފެނިފައިވޭތޯ ނުވަތަ ނޫންތޯ ކަރެކްޝަންސް އިން އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޖަލު ކަމަށްވާ މާފުށީ ޖަލުގެ އިތުރުން، އައްސޭރި ޖަލާއި ހުޅުމާލޭ ޖަލާއެކު ޖުމްލަ 1,200 އަށްވުރެ ގިނަ ގައިދީން މިވަގުތު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ