ކޭޕްވާޑްގެ ކީޕަރު ވޮޒީނިއާގެ މަޤްބޫލުކަން އެހެން ހަރުފަތަކަށް
މީގެ ހަތަރު އަހަރު ކުރިން އާޖެންޓީނާއިން ފްރާންސްގެ މައްޗަށް ހޯދި ކާމިޔާބީއަށްފަހު ލިއޮނެލް މެސީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް އެހެން ހުރިހާ ޕޯސްޓަކަށްވުރެ ގިނަ ލައިކް ލިބުމުން، ވޯލްޑް ކަޕްގެ މުހިންމުކަން ޒަމާނީ ގޮތެއްގައި ވަނީ ފެނިގެން ގޮސްފައެވެ. ޖުމްލަ 74.7 މިލިއަން ޔޫޒަރުން ވަނީ އެ ޕޯސްޓަށް ލައިކް ދީފައެވެ. މިއީ އިންސްޓަގްރާމްގެ ތާރީޚުގައި އެހެން ޕޯސްޓަކަށް ލިބުނު އަދަދަށްވުރެ 15 މިލިއަން އިތުރު އަދަދެކެވެ. އޭގެ ދެ ދުވަސް ފަހުން ވޯލްޑް ކަޕް ތަށި ހިފައިގެން ހުރެ މެސީ ކުރި ޕޯސްޓަކަށްވެސް 53 މިލިއަން ލައިކް ލިބިފައިވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މެސީ ކަނޑައެޅިގެންދިޔަ ވަގުތެވެ. އޭނާގެ އަމިއްލަ އަމާޒުތައް ގަތަރުގައި ފުރިހަމަވެ، އޭނާއާއި އޭނާގެ ސަޕޯޓަރުން ދެކެން ބޭނުންވި އެންމެ ބޮޑު ކާމިޔާބީ ވަނީ ހާސިލުވެފައެވެ. ޕެލޭ އިން ފެށިގެން ޑިއޭގޯ މަރަޑޯނާއާ ހަމައަށް، އަދި ޖެފް ހާސްޓުން ފެށިގެން ގާޑް މުލާއާ ހަމައަށް، ދިރިއުޅުމާއި ތާރީޚު ބައްޓަންކުރުމުގެ ބާރު ވޯލްޑް ކަޕްގައި ޒަމާނުއްސުރެ އޮވެއެވެ. ނަމަވެސް، ހީނުކުރާ ފަދަ އާދައިގެ މީހުންވެސް ރޭގަނޑެއްގެ ތެރޭގައި ތަރިންނަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން މި މުބާރާތުގައި އަދިވެސް އެބައޮތްކަން ފާއިތުވި ހަފްތާގައި ވަނީ ސާބިތުކޮށްދީފައެވެ. ކޭޕް ވާޑްގެ އެންމެ ފާހަގަކޮށްލެވޭ ބަތަލު ކަމަށްވާ ވޮޒީނިއާ ކުރެން އަހާލާށެވެ. އުމުރުން 40 އަހަރުގެ މި ގޯލްކީޕަރަކީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގައި ސްޕެއިންއަށް އޮތް އެންމެ ބޮޑު ހުރަހެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ހައިރާންކުރަނިވި އެއް ނަތީޖާއެވެ. ކޭޕް ވާޑްގެ 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ-- ހޯމަ ދުވަހު މުޅި ދުނިޔޭގެ ސަމާލުކަން ވޮޒީނިއާއަށް ހުއްޓި، ހިނދުކޮޅެއްގެ ތެރޭގައި އޭނާ ސޯޝަލް މީޑިއާގެ ތަރިއަކަށް ބަދަލުވެގެންދިޔައެވެ. ކޭޕް ވާޑް އާއި ސްޕެއިން ބައްދަލުކޮށް އެއްވަރުވި މެޗަށްފަހު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ވޮޒީނިއާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50،000 އިން 7 މިލިއަނަށް އެރިއެވެ. އުރުގުއޭއާ ވާދަކޮށް އެއްވަރުވި މެޗާ ހަމައަށް އެ އަދަދު ވަނީ 14.9 މިލިއަނަށް އިތުރުވެފައެވެ. މިއީ ގަބޫލުކުރަންވެސް ދަތި އަދަދެކެވެ. މިހާރު އެ އަދަދު އުޅެނީ 15.4 މިލިއަނަށް އަރާފައެވެ. ވޮޒީނިއާއަށް ކުއްލިއަކަށް ލިބުނު މަގުބޫލުކަމާއެކު، އިނގިރޭސިވިލާތުގެ ބުކާޔޯ ސަކާ (8.1 މިލިއަން)، ނޯވޭގެ ކެޕްޓަން މާޓިން އޮޑެގާޑް (7.2 މިލިއަން) އަދި އެމެރިކާ ގައުމީ ޓީމުގެ އެންމެ މަޝްހޫރު ތަރި ކްރިސްޓިއަން ޕުލިސިޗް (7.5 މިލިއަން) އަށް ވުރެވެސް އޭނާގެ އިންސްޓަގްރާމް ފޮލޯވަރުން މިހާރު ގިނައެވެ. މި ބާރުމިނުގައި ކުރިއަށްދާނަމަ، އެންމެ ފަހުގެ ބެލޮންޑޯ ކާމިޔާބުކުރި ފްރާންސްގެ އުސްމާން ޑެމްބެލޭ (21.2 މިލިއަން) އާ ވެސް އޭނާ ވަރަށް އަވަހަށް އަރާހަމަކޮށްފާނެއެވެ. ކްރިއޭޓިވް ސްޕޯޓްސް އެޖެންސީއެއް ކަމަށްވާ 'އިއަރ ޓު ދަ ގްރައުންޑް' ގެ އޯވެން ލެވެޓީ ބުނިގޮތުގައި، ވޯލްޑް ކަޕަކީ މީހެއްގެ ޕްރޮފައިލް މުޅިން ބަދަލުކޮށްލަފާނެ އެއްޗެކެވެ. ކޭޕް ވާޑްގެ 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ-- "އެއީ މަޝްހޫރު ތަރިއެއްގެ އެންމެ ބޮޑު ކާމިޔާބީ ފާހަގަކުރެވޭ ވަގުތަށް ވެދާނެއެވެ. އަދި އާ މޮޅު ކުޅުންތެރިއަކު ދުނިޔެއަށް ތަޢާރަފްވާ ވަގުތަށްވެސް ވެދާނެއެވެ. އެފަދަ ވާހަކަތަކަށް އަހަރެމެން ޒަމާނުއްސުރެ އާދަވެފައިވީ ނަމަވެސް، މި މުބާރާތްތަކުން އުފެދޭ އެންމެ ބޮޑެތި ތަރިންނަކީ އަބަދުވެސް އެންމެ ހުނަރުވެރި ކުޅުންތެރިން ނޫންކަން ވޮޒީނިއާ ސާބިތުކޮށްދެއެވެ." އޯވެން ލެވެޓީ ބުންޏެވެ. ކޭޕް ވާޑްގެ ގޯލްކީޕަރު ވަރަށް އަވަހަށް އެހެން އެފްރިކާގެ ކުޅުންތެރިއެއް ކަމަށްވާ ރޮޖާ މިލާއާ އެއް ސަފެއްގައި ގުނާލެވިދާނެއެވެ. ރޯމްގައި ތަށި އުފުލާލި ވެސްޓް ޖާމަނީ ޓީމުގެ ކުޅުންތެރިއަކަށްވުރެ ބޮޑަށް 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް އާ ރޮޖާ މިލާގެ ނަން ވަނީ ގުޅިފައެވެ. އުމުރުން 38 އަހަރުގައި ވޯލްޑް ކަޕްގައި އަލަށް ކުޅެން ނުކުމެ ކޯނަރު ދަނޑި ކައިރީގައި ނަށަމުން އުފާފާޅުކުރި މިލާ އަކީ ކެމަރޫންގެ ލަނޑުޖެހުމުގެ ރަސްގެފާނެވެ. ވޮޒީނިއާގެ ވާހަކައަކީ އާދަޔާ ހިލާފު ވާހަކައެކެވެ. އުމުރުން 25 އަހަރު ވަންދެން އޭނާއަކީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއް ނޫނެވެ. އޭނާގެ ކެރިއަރު ފަށައި، ކޭޕް ވާޑް، މޮލްޑޯވާ، ޕޯޗުގަލް، ސައިޕްރަސް އަދި ސްލޮވާކިއާގައި އޭނާ ވަނީ ކުޅެފައެވެ. އެމެރިކާއަށް ދަތުރުކުރުމަށް ބޭނުންވާ ވިސާގެ ހަރަދު ދެއްކުމުގެ ތަނަވަސްކަން ވޮޒީނިއާގެ މަންމަގެ ކިބައިގައި ނެތް ކަމަށް ބުނިނަމަވެސް ފަސޭހައިން ހަމަނުޖެހޭ އެމެރިކާ ވިސާވެސް ވަނީ އަވަހަށް ހަމަޖެހިފައެވެ. އަދި އުރުގުއޭއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގައި އޭނާގެ މަންމަ މެޗު ބެލީ ވީއައިޕީގައި ހުރެއެވެ. 2016 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ވަނީ އަޔަލެންޑްގެ ރޯވިންގ ކުޅޭ ދެބެން ކަމަށްވާ ޕޯލް އަދި ގެރީ އޯ ޑޮނޮވަން ފަދަ ތަރިން މަޝްހޫރުވެފައެވެ. އެމީހުން މަޝްހޫރުވެގެން ދިޔައީ ރޭހަށްފަހު ދިން މަޖާ އިންޓަވިއުތަކުގެ ސަބަބުންނެވެ. އަދި 2024 ގައި އަތުގައި އޮތް ފިސްތޯލަ ފިޔަވައި އެއްވެސް އިތުރު އާލާތަކާ ނުލައި ޕެރިސް އޮލިމްޕިކްސްއަށް ނުކުތް ތުރުކީގެ ޝޫޓަރު ޔޫސުފް ޑިކެކް ވެސް ވައިރަލްވިއެވެ. ނަމަވެސް، މީހެއްގެ ޕްރޮފައިލް މައްޗަށް ޖައްސާލުމަށް ވޯލްޑް ކަޕާ އެއްވަރުގެ އެހެން އެއްޗެއް ނެތެވެ. ނިއުޒީލެންޑްގެ ޑިފެންޑަރު ޓިމް ޕޭން އަކީވެސް ފާއިތުވި މަހު މިކަން ތަޖުރިބާކުރި އެކަކެވެ. "ފީފާގެ އެންމެ ނުދަންނަ ކުޅުންތެރިޔާ" ގެ ލަގަބު ލިބުމަށްފަހު، އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު 5،000 އިން ގާތްގަނޑަކަށް 6 މިލިއަނަށް ވަނީ އަރާފައެވެ. ފަހަކަށް އައިސް ލިއޮނެލް މެސީ، ކީލިއަން އެމްބާޕޭ އަދި އާލިން ހާލަންޑްގެ ކުޅުމާ މެދު އުފާވެރިކަމާއެކު ދައްކަމުންދާ ވާހަކަތަކުގެ ތެރެއަށް، ވޮޒީނިއާ ވެސް މިހާރު ވަނީ މުޅި ދުނިޔޭގެ މި ސަމާލުކަމުގެ ތެރެއަށް ވަދެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ