އުއްމީދަކީ މޫދު ވިނައިގެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ހޯދުން: މިނިސްޓްރީ
ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރާ ކަމަށާއި އުއްމީދަކީ އެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ލިބުން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބ. ފެހެންދޫގައި އެ މަސައްކަތް ފެށީ 100 ވަރަކަށް ކިލޯގެ މޫދުވިނަ އާލާކުރަން ކަމަށެވެ. އެކަމަކު، މިހާރު 63 ޓަނުގެ މޫދުވިނަ އާލާކޮށް، އެކްސްޕޯޓު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ފަރެއްގައި ހެދިފައިވާ މޫދުވިނަތަކެއް: ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރޭ --- އެހެންވެ، މިއީ ރަނގަޅު އިންވެސްޓުމަންޓެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ ވަނީ މިހާރު މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް މޫދު ވިނަ އާލާކުރުމުގެ މަސައްކަތް ފުޅާކުރަންކަން ހާމަކުރައްވާފައެވެ. މިގޮތުން، އުންމީދަކީ މި މަސައްކަތް ފުޅާވެ، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ނުވަތަ އެއަށް ވުރެ ބޮޑު އާމްދަނީއެއް ކައިރި މުސްތަގުބަލެއްގައި ލިބުންކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މެރިކަލްޗާއަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި އެބަހުއްޓެވެ. އޭގެތެރޭގައި، ކ. މަނިޔަފުއްޓާއި މ. އަތޮޅާއި ބޮޑު ތިލަދުންމައްޗާއި ތ. އަތޮޅު ހިމެނެއެވެ. ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް 2024 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ. އޭރު މިނިސްޓަރު ވަނީ، މަހުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ މެރިކަލްޗާ ސިނާއަތް، ބިލިއަނުން ރުފިޔާ ލިބޭ ވަރަށް ތަރައްގީކުރުމަކީ އުއްމީދެއް ކަމަށް ވެސް މިދިޔަ މާރިޗު ހަތަރެއްގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ. https://sun.mv/218701 މެރިކަލްޗާއަކީ ކަނޑުގެ ދިރުންތައް އާލާކޮށް، ވިޔަފާރިކޮށްގެން މަންފާ ހޯދުމަށް ކުރާ ކަނޑުފަޅުގެ ދަނޑުވެރިކަމެވެ. އެ ސިނާއަތަކީ، ދަނޑުވެރިކަމަށް ވުރެ ބޮޑަށް ރާއްޖެއަށް ނަފާ ހޯދޭނެ ދާއިރާއަކަށްވާއިރު، މިހާތަނަށް އެ ސިނާއަތް ކުރިއަރުވަން ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ