ދިވެހި ސާފް ލީގު 2026: ފުވައްމުލަކުގައި ބޭއްވި ފުރަތަމަ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ޔަސީނަށް
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ފުރަތަމަ މުބާރާތް ކަމަށްވާ "އެލޭއިސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 17 އިން 20 ގެ ނިޔަލަށް ފުވައްމުލަކުގެ މަޝްހޫރު އެލޭއިސް ސާފް ބްރޭކުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފޯރިގަދަ ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދުއެވެ. ޔަސީން މި ޝަރަފުވެރި މަޤާމު ކަށަވަރުކުރީ ފައިނަލްގެ ފަހު ހީޓުގައި މުޙައްމަދު އިނާނާ ވާދަކޮށް 9.07 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި އިނާނަށް ހޯދުނީ 8.93 ގެ ސްކޯއެކެވެ. ދިވެހި ސާފް ލީގު 2026 ގެ އެލެއިސްގެ ވަނަތަކަށް ދިޔަ އެތުލީޓުން-- މީގެ އިތުރުން، މުބާރާތުގެ ޝޯޓްބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ކާމިޔާބުކުރީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދެވެ. އޭނާ މި ބައިގެ އެއްވަނަ ހޯދީ އޯޕަން ބައިގެ ފައިނަލްގައިވެސް ވާދަކުރި މުޙައްމަދު އިނާނާ ބައްދަލުކޮށް، 14.33 ގެ މަތީ ސްކޯއެއް ހޯދައިގެންނެވެ. މި ބައިގެ ފައިނަލްގައި އިނާނަށް ލިބުނީ 12.17 ގެ ސްކޯއެކެވެ. ދިވެހި ސާފް ލީގުގައި ނުހިމެނޭ ނަމަވެސް، މި މުބާރާތުގެ ތެރެއިން ކުރިއަށްދިޔަ އިތުރު ތިން އިވެންޓަކުންވެސް ވަނީ ވަނަތައް ހޮވާފައެވެ. އެގޮތުން ޝޯޓްބޯޑް އަންހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑް ފިރިހެނުންގެ އޯޕަން ބަޔާއި ބޮޑީބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިން ދެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދު ޖިވާއު ޖިހާދެވެ. ފިރިހެނުންގެ އޯޕަން ބަޔާއި ބޮޑީބޯޑް ފިރިހެން 18 އަހަރުން ދަށުގެ ބައިން ދެ ފަޚުރުވެރި ޗެމްޕިއަންކަން ހޯދި އަޙްމަދު ޖިވާއު ޖިހާދު-- މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. މި އަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް ނިމިފައިވާއިރު، ކުރިއަށް މި ސީޒަނުގައި އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެއީ ޖުލައި މަހުގެ ފަހުކޮޅު މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތާއި، އޮގަސްޓް މަހުގެ ފަހުކޮޅު ލ. މާބައިދޫގައި އޮންނަ "ކެރަންޑޫ" މުބާރާތުގެ އިތުރުން، ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަންނަމާރި ޗެލެންޖް 1448" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ