ހުސްވެފައިވާ އައްޑު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) މިރޭ މާލޭގައި ބާއްވާ ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން އެމްޑީޕީން މިއަދު އިއުލާން ވެސް ކޮށްފައިވެ އެވެ. އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ.
އައްޑޫގެ ކުރީގެ މޭޔަރު ސޯބެގެ މި ޖަލްސާ އަކީ މާލެ ސަރަހައްދުގައި ތިބި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެކެވެ.
މަޖިލީހަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ސޯބެ އަށް ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލަ އެވެ. އަދި އެ ގޮނޑި އަށް ހުސްވުމާ އެކު ސޯބެ ވާދަކުރައްވާނެކަން މިދިޔަ މަހުގެ 12 ގައި އިއުލާން ކުރެއްވުމާ އެކު، ސޯލިހާއި ނަޝީދު ވަނީ އޭނަ އަށް ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ.
އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 12 ގައި ހުކުމް ކުރުމާ ގުޅިގެންނެވެ.
އެހެންވެ ދާއިރާ އަށް މެންބަރަކު ހޮވަން ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 6 ގަ އެވެ. މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ސޯބެ، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ.
މި އިލެކްޝަނަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ ނިންމައިފަ އެވެ. އެއީ އައްޑޫގައ 5 ފޮށި އަދި މާލޭގައި 2 ފޮއްޓެވެ.
ސޯބެގެ ކެމްޕޭން ޖަލްސާގައި ސޯލިހާއި ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ