ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން

ޓެންސެންޓްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ "ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.އެން.ސީ) މޯލްޑިވްސްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފިއެވެ. މި މުބާރާތަކީ ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ. މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖުލައި 24 އިން 26 އަށް "އިން-ގޭމް ކޮލިފައިންގް" ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްދާއިރު، އޮގަސްޓް 3 އިން 7 އަށް "ނޭޝަނަލް ނޮކްއައުޓްސް - ސަވައިވާސް ސާކަލް" އޮންލައިންކޮށް ކުރިއަށްދާނެއެވެ.
މުބާރާތުގެ ފޯރިގަދަ "ލޭން ނޭޝަނަލް ފައިނަލްސް" ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 އިން 15 އަށެވެ. މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ.
މި ޕާޓްނަޝިޕްއާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒު ވިދާޅުވީ، "ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން، އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް. އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫއިން އަބަދުވެސް ދެމިއޮންނާނެ."
މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، ރާއްޖޭގައި ގޭމިންގްއަށް ހާއްސަ ޕްލެޓްފޯމެއް ތައާރަފުކުރި ފުރަތަމަ ބްރޭންޑުގެ ހައިސިއްޔަތުން، އޫރީދޫއަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމަގައި އިސްދައުރެއް އަދާކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މި ޕާންޓްނަޝިޕްއާ އެކު ކުޅުންތެރިން ބާރުވެރިކޮށް ރާއްޖޭގައި އީ-ސްޕޯޓްސްގެ ވާދަވެރިކަން އިތުރުކުރުމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޫރީދޫ ނޭޝަން މެދުވެރިކޮށް އޫރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގޭމިންގް އަދި އީ-ސްޕޯޓްސް ކުރިއަރުވައި، ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އޫރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ