ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދުވަނީ ހުރިހާ ދަރިވަރުންނަށްވެސް ރިޕޯޓުފޮތް ޙަވާލުކޮށްފައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ނިންމާ މިއަދު ދަރިވަރުންނަށް ރިޕޯޓުފޮތް ދީފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގައެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 12އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 25 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ. އަދި މިއަހަރު ގްރޭޑް 1އަށް ވަނުމަށްޓަކައި އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެއެވެ.
އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އިތުރު ސްކޫލެއްވެސް ހުޅުވާފައެވެ. ގްރޭޑް 1 އިން ފެށިގެން 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލުން 1900އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ