ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާ ޤައުމީ ސްޓްރެޓެޖީއާ ގުޅޭ ބައްދަލުވުން ފަށައިފި

"ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ" މުރާޖައާ ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ގުޅިގެންނެވެ. މި ބައްދަލުވުމަކީ، ޤައުމީ ފެންވަރުގައި ކަމާއި ގުޅުންހުރި މުހިންމު ފަރާތްތަކާއެކު، ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ޤައުމީ ސްޓްރެޓެޖީއާއި އަމަލީ ސިޔާސަތުގެ ދެލިކޮޕީ އިތުރަށް ހަރުދަނާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ކުރިއަށްދާނީ، މިމަހުގެ 22ގެ ނިޔަލަށެވެ. 3 ދުވަހުގެ މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، ދައުލަތުގެ މުއައްސަސާތަކާއި، ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އިދާރާތަކާއި، އަމިއްލަ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ތަރައްޤީގެ ބައިވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމެވެ. މީގެ ބޭނުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި، ނަޒާހަތްތެރިކަން އިތުރު ކުރުމަށް ހަރުދަނާ ޤައުމީ އޮނިގަނޑެއް އެކުލަވައިލުން ކަމަށް އޭސީސީއިން ބުނެއެވެ.
މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ދުވަހު އަލިއަޅުވާލާފައިވަނީ ސްޓްރެޓެޖީގެ މައިގަނޑު މިސްރާބާއި، ކަނޑައެޅިފައިވާ ތަސައްވުރާއި، އަސާސްތަކާއި، ލަނޑުދަނޑިތަކުގެ އިތުރުން އެކްޝަން ޕްލޭން ބިނާވެފައިވާ ގޮތާ ބެހޭގޮތުންނެވެ. މީގެ އިތުރުން އެންމެ އިސްކަންދޭނެ ދާއިރާތަކާއި، މުއައްސަސާތަކުގެ ޒިންމާތަކާއި، ސިޔާސަތުތައް ތަންފީޒު ކުރުމުގައި ގެންގުޅޭނެ އުސޫލުތައް ބައިވެރިން މުރާޖައާ ކުރާނެއެވެ.
މަސައްކަތު ބައްދަލުވުމުގެ ދެވަނަ ދުވަހު ޚާއްސަ ކުރާނީ، ސަރުކާރުގެ މުއައްސަސާތަކުގެ ބައިވެރިވުން އިތުރު ކުރުމަށެވެ. އެގޮތުން ކޮންމެ ދާއިރާއަކުން ވަކިން ކުރަންޖެހޭ ކަންކަމާއި، މުއައްސަސާތަކުގެ މެދުގައި ކަންކަން ވިލަރެސްކުރާނެ ނިޒާމުތަކާއި، މި ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރާ ބެހޭގޮތުން ބައިވެރިން މަޝްވަރާ ކުރާނެއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ ނަޒާހަތްތެރިކަމާއި، ދައުލަތުގެ ނިޒާމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ މާލީ ހިންގުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ އިތުރުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުން ފަދަ މުހިންމު ދާއިރާތަކަށް މި ދުވަހު އަލިއަޅުވާލާނެއެވެ.
ބައްދަލުވުމުގެ ފަހު ދުވަހު ފުރުސަތު ދޭނީ، ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނަށެވެ. މިގޮތުން އަމިއްލަ ދާއިރާގެ ނަޒާހަތްތެރިކަން އިތުރު ކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، އިޖުތިމާއީ ޒިންމާދާރުކަން އިތުރުކުރުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލާއި ތަޖުރިބާ ހިއްސާކުރާނެ ކަމަށް އޭސީސީއިން ބުނެއެވެ.
ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ އެކުލަވައިލުމުގައި ގެންގުޅެނީ، މުޅި ދައުލަތާއި މުޅި މުޖުތަމައު ބައިވެރިވާ ފަދަ ޝާމިލު ގޮތްތަކެކެވެ. މިއީ، ކޮރަޕްޝަން ހުއްޓުވޭނީ ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ދާއިރާއާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަން ޤަބޫލުކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ