ސައްހަ އަގީދާއަކާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއްވެސް ނުކުރާނެ ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކުދިންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ބައެއް ފަހަރު ޓިއުޝަން ދިނުމަށް ބޮޑެތި އުޖޫރަ ދީގެން މުދައްރިސުން ގެއަށް ގެނެސް ނުވަތަ ޓިއުޝަން ކިލާސްތަކަށް އެ ކުދިން ފޮނުވާ ކަމަށެވެ.
އަދި ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެންނައިރު، ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބާއްވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މިހާރަކަށް އައިސް އެ ބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބައެއްގެ ފޮނި އުއްމީދުތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލުވަމުން ނުދާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އެ ހުރިހާ ކަމެއްގެ ތެރެއިން ނުކުރެވޭ އެއް ކަމަކީ އެ ކުދިންނަށް އިސްލާމީ އަގީދާއާއި ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށް ނުދެވުން ކަމަށާއި އެހެނީ އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު އެ އަސާސުގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށެވެ. އަދި އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުމާއި މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާ ކަމަށްވެސް ބުންޏެވެ.
ސައްހަ އަގީދާއާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ: ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ