އެމެރިކާގެ ޖަލުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޑްރޯން ބޭނުންކޮށްގެން ޖަލުތަކަށް މަނާ ތަކެތި ސީދާ އެތެރެކުރުމެވެ. ސައުތު ކެރޮލައިނާގެ ޖަލުތަކުގައި އެކަނިވެސް މިއަހަރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ތަކެތި އެތެރެކުރަން އުޅުނު އެތައް ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތަށް އެތެރެކުރާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި، މޯބައިލް ފޯނާއި، ނުރައްކާތެރި ހަތިޔާރުގެ އިތުރުން، ކާބޯތަކެތީގެ ބައެއް ބާވަތްތައް ވެސް ހިމެނެއެވެ.
ޓާބެވިލް ކަރެކްޝަނަލް އިންސްޓިޓިއުޝަންގައި ޑްރޯން މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް ވަނީ އަތުލައިގަނެފައެވެ. ޖަލުގެ ކަޅު ބާޒާރުގައި މި ތަކެތީގެ އަގު 165,000 އެމެރިކާ ޑޮލަރަށް މައްޗެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޑްރޯން ބޭނުންކުރުމުން ޖަލުގެ އާންމު ސަލާމަތީ ފިޔަވަޅުތަކަށް ފިލައިގެން، ރޭގަނޑުގެ ވަގުތުތަކުގައި ގައިދީން ތިބޭ ސަރަހައްދުތަކަށް ތަކެތި ވައްޓާލުމުގެ ފުރުސަތު ކުށްވެރިންނަށް ލިބިގެންދެއެވެ.
ޖަލުތަކަށް މިގޮތަށް އެތެރެކުރާ ތަކެތީގެ ސަބަބުން ހަމަނުޖެހުންތައް ހިނގުމާއި ކުށްކުރުމަށް މަގުފަހިވުމުގެ އިތުރުން ޖަލުން ފިލުމުގެ ނުރައްކާ ބޮޑުވާކަމަށް އޮފިޝަލުން އިންޒާރު ދެއެވެ. މީގެ ކުރިން ހިނގާފައިވާ ހާދިސާއެއްގައި، ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިން އާލާތްތަކެއް ބޭނުންކޮށްގެން ގައިދީއަކު ޖަލުން ފިލާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި، އެ ބާވަތުގެ އުޅަނދުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ދިނުމަށާއި، ގާނޫނުތައް ހަރުދަނާކުރުމަށް އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ފެޑަރަލް ސަރުކާރުގައި ދަނީ އެދެމުންނެވެ. ކާބޯތަކެތި ޑެލިވަރީކޮށްދޭހާ ފަސޭހައިން ޑްރޯން މެދުވެރިކޮށް މިފަދަ ތަކެތި ފޯރުކޮށްދެމުންދާއިރު، އެފަދަ އުޅަނދުތައް ދެނެގަނެ ހުއްޓުވުމަށް ޖަލުތަކުގެ އިސްވެރިން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.
ޑްރޯން ބޭނުންކޮށްގެން ޖަލުތަކަށް މަނާ ތަކެތި އެތެރެކުރުން އާއްމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ