ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު "ބޮޑު ބަދަލު"ގެ ކެމްޕެއިންގެ ތެރެއިން ރޭ މާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާއި ވާހަކަދެއްކުމުން މާލެއާ ގުޅޭ ވަރަށް ބޮޑު ޝަކުވާއެއް އެބައޮތް ކަމަށާއި އެގޮތުން ދާދިފަހުން ތ. ކިނބިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ދަރިވަރުން މަދުވުމުން ސުކޫލުގައި ގްރޭޑު އެކެއް މިހާރު ނެތްކަން ފާހަގަކުރެވުނު ކަމަށެވެ.
"މި އަންނަ އަހަރު ގްރޭޑު ދޭއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ތިނެއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ހަތަރެއް ނޯންނާނެ. އިސާހިތަކު ކިނބިދޫއެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފު ބާރުމިނެއްގައި ފަޅުވަމުން އެބަދޭ. ނެތެމުން އެބަދޭ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،"
ނަޝީދު ވިދާޅުވީ މާލެ ކައިރިއަށް ރާއްޖޭގެ ރައްޔިތުން ގެނެސް، ރާއްޖެތެރެ އުވާލުމަކީ ސަރުކާރުތަކުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލް މިހާރު އުވާލާފައިވާއިރު އޭގެ ސަބަބުން އަތޮޅުތައް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"މި ދިވެހިރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމެއް. އަޅުގަނޑުމެން އަތޮޅުތައް އުވާލައިފިނަމަ، އެ މިސްރާބު ޖެހެނީ ޒަމާނުއްސުރެ އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ މި ދިވެހިރާއްޖެ އުވާލުމަށް. ވަރަށް ބޮޑު ބަދަލެއް މި ދިވެހިރާއްޖެއަށް އަންނާނެ. އޭގެ ސަބަބުން ދިވެހިންނަށް ތަނަވަސްކަން ލިބުމެއް ނޫން އޮތީކީއެއް،" ނަޝީދު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިންވެސް ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަށްތައް އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުން އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ