ރާހުލްއާ ގުޅޭގޮތުން ފަތުރަމުންދާ ވީޑިއޯތައް ދޮގުކޮށްފި

ފިލްމު "އާޝިގީ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި 90އިގެ އެކްޓަރު ރާހުލް ރޯއި މަގުމަތިވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާއި ވީޑިއޯތައް އެކްޓަރު ދޮގުކޮށްފިއެވެ. ދާދިފަހުން ރާހުލް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އާއިލާއިން ރާހުލްއަށް ވަރަށް ރަނގަޅަށް އަޅާލާ ކަމަށާއި، އޭނާ އުޅެމުންދާ ސާދާ ދިރިއުޅުމަކީ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެއް ކަމަށެވެ. އަދި އޭނާއަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދޮގު ވީޑިއޯތަކަށް ސަމާލުނުވުމަށް ރާހުލް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. ރާހުލްގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، އޭނާ އަކީ ހާލުގައި ޖެހި، މަގުމަތިވެފައިވާ މީހެއް ނޫން ކަމަށެވެ. އޭނާގެ އަންނައުނާއި، ކާބޯތަކެއްޗާއި، ކާރާއި އަދި ބޯހިޔާވަހިކަން ވެސް އެބަހުރި ކަމަށާއި، އޭނާގެ ދައްތަ ޕްރިޔަންކާ އާއި ޅިޔަނު ރޯމީރު ސެން އޭނާއަށް ވަރަށް ފުރިހަމައަށް އަޅާލާ ކަމަށް ރާހުލްގެ ޕޯސްޓުގައި ބުނެފައިވެއެވެ. އުމުރުން 60 އަހަރުގެ މި އެކްޓަރު، އޭނާއާ ބެހޭގޮތުން ހަދާފައިވާ ދޮގު ވީޑިއޯތައް ކުށްވެރިކުރަމުން ބުނީ، އޭނާގެ އާއިލާއިން އޭނާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެމުންދާއިރު، އެމީހުންގެ ބޮލުގައި ބަދުނާމު އެޅޭކަހަލަ ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ. ރާހުލް އެކްޓަރުގެ ދައްތަ އަދި ޅިޔަނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް "އަހަރެންނަށް ލޯތްބާއި އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. މިއީ އަހަރެންނަށް ފާޑުކިޔާ މީހުންނާއި ދޮގު ވީޑިއޯ ހަދާ މީހުންނަށް ދޭ މެސެޖެއް. އަހަރެން މިހުރީ ވަރަށް ސަލާމަތުން، އަހަރެންގެ ދައްތަ އާއި ޅިޔަނު އަހަރެންނަށް ވަރަށް ރަނގަޅަށް އަޅާލާ. އަހަރެން ދިރިއުޅެނީ ދައްތަގެ ގޭގައި. އަހަރެމެންގެ ވަރަށް ރީތި ގެއެއް އެބަހުރި. އަހަރެންނަކީ މަގުމަތިވެފައިވާ މީހެއް ނޫން. ފެންނަމުންދާ ވީޑިއޯތަކަކީ ދޮގު މައުލޫމާތު" ރާހުލްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ. "އަހަރެން ސާދާ ހެދުން އެޅުމާއި، ބޮޑީގާޑުންނާ ނުލައި އުޅުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް. ބައެއް ފަހަރު އޮޓޯގައި ދަތުރުކުރުމަކީ އަވަސް އަދި ފަސޭހަ ގޮތަކަށްވާތީ ކުރާ ކަމެއް. އަހަރެން ކޮށްފައިވާ ބައެއް މަސައްކަތްތަކަކީ މާލީ އެހީއެއް ހޯދުމުގެ ނިޔަތުގައި ކުރި ކަންކަމެއް ނޫން" ރާހުލް ދިރިއުޅުމުގެ އާދަކާދައާ ބެހޭގޮތުން ބުނެފައިވެއެވެ. ރާހުލް އިތުރަށް ބުނީ ފިލްމީ ދާއިރާއިން ރަނގަޅު ފުރުސަތަކަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރި ކަމަށާއި، ނަމަވެސް އެފަދަ ފުރުސަތެއް ނުލިބުމުން އަތަށް އައި ކޮންމެ މަސައްކަތެއް ގަބޫލުކުރީ ކަމަށެވެ. އަދި އޭނާގެ ނަމުގައި ފައިސާ ހޯދަން އުޅޭ މީހުންނަށް ނުހެއްލުމަށާއި، އެފަދަ ކަމެއް ވާނަމަ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުން އެކަން ޔަގީންކުރުމަށް ރާހުލް ވަނީ އިލްތިސާމްކޮށްފައެވެ. ނުވެސް ދަންނަ އާއްމުންނާ ބީރައްޓެހި އަންހެނަކާ އެކު ރާހުލް ނަށާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ބައެއް ބެލުންތެރިން ވަނީ އެކްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔައި އެއީ އޭނާ މާލީ އެހީތެރިކަން ބޭނުންވެފައިވާތީ ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން، ރާހުލްގެ އެއްވެސް ހުއްދައަކާ ނުލައި އެކްޓަރުގެ ނަން ބޭނުންކޮށްގެން، މާލީ އެހީތެރިކަމަށް އެދި ބައެއް ފޭކު ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ފިލްމީ ދާއިރާއިން ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އަދިވެސް އެ ފުރުސަތު ގަބޫލުކުރާނެ ކަމަށާއި އެދުވަހަކުން ސަޕޯޓަރުންނާ އެކަން ހިއްސާކުރާނެ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ. ރާހުލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2023ގައި ރިލީޒްކުރި "އާގްރާ" ކިޔާ ފިލްމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ