މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ ޒިންމާދާރު ނޫސްވެރިކަން

މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ ޒިންމާދާރު ނޫސްވެރިކަން ކަަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ޓީވީއެމްގައި ބޭއްވި އެވޯޑް ޝޯ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ހީނާ ވިދާޅުވީ ޒިންމާދާރު ނޫސްވެރިކަމަކީ އެންމެ އަވަހަށް ޚަބަރެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި "ބްރޭކިންގް ނިއުސް" އެއް ތައްޔާރުކުރާއިރުވެސް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން ކަމަށެވެ.
ޕީއެސްއެމް ނިއުސް ޓީމަކީ ތަޢުލީމީ އަދި ފަންނުވެރި ބައެއްކަން ފާހަގަކުރައްވައި، ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާއިރު ނޫސްވެރިކަމުގެ ހަރުދަނާ ސިފަތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ދިވެހިބަސް ކުރިއަރުވައި، ކުޑަކުދިން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގަތެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބު ވިދާޅުވީ، ޓީވީއެމްގެ ނިއުސް ޓީމަކީ ރާއްޖޭގައި އޮތް އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް އަންނަ އަހަރު ފަރުމާކުރައްވާނެކަން ޝަކީބު އިޢުލާންކުރެއްވި އެވެ.
މިދިޔަ އަހަރު ޕީއެސްއެމް ނިއުސްއަށް އެވްރެޖްކޮށް 2 މިލިއަން ވިއުސް ލިބިފައިވާއިރު، "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ވަނީ އެންމެ މޮޅު ޑޮކިއުމަންޓްރީގެ އެވޯޑް ހޯދާފަ އެވެ. ރޭގެ ހަފުލާގައި ތަފާތު 19 ދާއިރާއަކުން އެވޯޑް ދެވުނުއިރު، ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނީ ހަފީޒާ އަބްދުއްސައްތާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ