'ބޮޑު ބަދަލު'ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި ސިޔާސީ މަސައްކަތްތައް ފައްޓަވާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ރައްޔިތުންނަށް ލިބިދޭ ހައްގުތައް ބަދަލު ނުގެނެވޭނެހެން ގާނޫނުއަސާސީ އިސްލާހުކުރުން ކަމަށް އެ ބޭފުޅުން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ނަޝީދު، މާފަންނު ރައްޔިތުންނާ އެކު ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެ މަސައްކަތުގެ ތެރެއިން އެ ބޭފުޅުން ގެންނަވަން ނިންމަވާފައިވާ ބައެއް ބަދަލުތައް ހިއްސާކުރައްވައިފަ އެވެ.
ތަފްސީލް - ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ވޯޓު ފޮށި މެދުވެރިކޮށް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ބަދަލު ގެންނަ ކަމަށެވެ.
"ވޭތުވެދިޔަ 20 އަހަރަކީ ކުރިއާ އަޅާބަލާއިރު ވަރަށް ގިނަ ހައްގުތަކެއް ދިވެހި ރައްޔިތުންނަށް ލިބިގެން ގޮސްފައި މިހާރު މިވަނީ،" ފައްޔާޒު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އޭރު، ތިބޭފުޅުން ހާއްސަކޮށް އެ ކުރެއްވި މަސައްކަތުން އޭރު ކުރި އުއްމީދާ ހިސާބަށް އަދިއެއް ދެވުނު ތަނެއް ނުފެނޭ. ވޯޓު ފޮށި މެދުވެރިކޮށް ވެރިކަން ބަދަލުވާ ކޮންމެ ފަހަރު މި ހައްގުތަކަށް ގަބޫލު ނުކުރާ ރައްޔިތުންގެ ހައްގުތަކެއް ވާ ކަމަށް ގަބޫލު ނުކުރާ ހުދުމުހުތާރު ވެރިކަމަކަށް ވަކާލާތު ކުރާ ބަޔަކަށް އެބަ އެ ފުރުސަތު ލިބޭ ވެރިކަމަށް އައުމުގެ."
ފައްޔާޒު ވިދާޅުވީ ޕާޓީގެ އެތެރޭގައި އުފެދޭ ހިތްހަމަނުޖެހުމުގެ ސަބަބުން ވެސް އެތަން ފެންނަ ކަމަށެވެ. އަދި އެފަދަ މީހުން ވެރިކަމަށް އައިސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ 5 އަހަރަކުން އަޅުގަނޑުމެންނަށް މި ފެންނަނީ އެ ހައްގުތައް ހަނިކުރަން މަސައްކަތް ކުރާ ތަން. އެ ހައްގުތައް ނިގުޅައިގަންނަން މަސައްކަތް ކުރާ ތަން،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ތަޖުރިބާއަށް ބަލައި ގަބޫލު ކުރެވެނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވީމާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ ކަމަށް ކުރިން ހީވެފައި އޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އެއީ އެއް ބާރުން ރައްޔިތުންގެ ހައްގަކަށް އަރައިގަންނަން އުޅޭ ނަމަ އަނެއް ބާރަކުން އެކަން ހުއްޓުވާނެ ކަމަށް، އެއާ އިދިކޮޅަށް ވަކާލާތު ކުރާނެޔޭ. އެހެން ނަމަވެސް ފެނިގެން މި ދިޔައީ މަސްހުނިވެފައި އޮއްވާ ތިން ބާރު. މަޖިލީހުގެ މެޖޯރިޓީ އަދި ސުޕަމެޖޯރިޓީ ސަރުކާރަކަށް ލިބޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް އެބަފެނޭ މަޖިލީހުގެ އަސްލު ބޭނުން ފުރިހަމައަށް އަދާ ނުކުރެވޭ ތަން،" އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ފެންނަނީ ރައްޔިތުން ނިކަމެތިވެގެންދާއިރު ވެސް ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެންބަރުން ބަސް ނުބުނެ ތިބޭ ތަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ދަންނަވަން މި އުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކަށް ވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މަގުމައްޗަށް ނުކުމެ ކުރި ކަމަކީ ވެސް އެއީކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ވެރިކަމަށް އަންނަ ބަޔަކު ބޭނުންހާ ގޮތެއް އެ ހައްގުތަކަށް ނުހެދޭނެ ކަމަށެވެ.
"މިހާރު ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ފުރަތަމަ ކަމަކަށް އަހައްމިއްޔަތުކަމެއް މި ދެނީ އެ ހައްގުތައް އަދިވެސް ކަށަވަރު ކުރެވޭނީ ކިހިނެއްތޯ؟ ބަޔަކު އައިސް އެ ބައެއްގެ ފިކުރާ އެއްގޮތަށް އެ ހައްގުތައް ބަދަލު ނުކުރެވޭނެ ގޮތަކީ ކޮބައިތޯ،" އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރެވޭނެ އެއް ކަމަކީ ގާނޫނުއަސާސީ ތަފްސީލު ކުރުން ކަމަށާއި ރައްޔިތުންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ލިޔެފައި ހުރި މާއްދާތައް އޭގެ އަސްލު މަހްފޫމާ ހިލާފަށް މިހާރު ވެސް މާނަ ކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާ މުހިއްމު އެއް ހުށަހެޅުމަކީ ރައްޔިތުންގެ ހައްގުތަކާ ގުޅޭ މާއްދާތައް މިހާރަށް ވުރެ ބޮޑަށް ތަފްސީލުކޮށް، އެއްވެސް އޮޅުމެއް ނާރާ ގޮތަށް އެ ވާހަކަތައް ގާނޫނުއަސާސީގައި ލިޔުން،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވިޔަ ނުދިނުމަށް 'ބޮޑު ބަދަލު'ގެ ފަރާތުން ދައުލަތުގެ ދަރަނީގެ މިންގަނޑު ކަނޑައެޅުން ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރަށު ކައުންސިލަރުން ހިމެނޭ 'ބޮޑު މަޖިލީހަކުން' ނިންމާ ގޮތަށް ވެސް ހުށަހެޅުމެއް ގެންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އޮންނަގޮތުން ދައުލަތުގެ ދަރަނީގެ މިންގަނޑު ގާނޫނުގެ ދަށުން މިހާރު ކަނޑައެޅެނީ މަޖިލީހުގެ އާދައިގެ މެޖޯރިޓީން ކަމަށެވެ. މިއީ މުޅި ރައްޔިތުންނާ ގުޅޭ ކަމަކަށް ވާތީ، ދަރަންޏަށް ބަދަލު ގެންނަންވާނީ ރަށްރަށުގައި އުޅޭ ރައްޔިތުންގެ ބަހާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓު ޑެފިސިޓުވާތާ 18 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ ކަމަށާއި، ބަޖެޓު ޑެފިސިޓް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ގާނޫނެއް ފާސްކުރަން ހުށަހަޅާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އެހެންކަމަށް ވަންޏާ، ބިއްލޫރި ޓަނަލެއް އަޅަން އަދި ރައީސަކު ބޭނުންވެގެން، ރަސްމާލެއެއް ހިއްކަން ބޭނުންވެގެން ދައުލަތުގެ ފައިސާއަކުން ބޭނުމެއް ނުކުރެވޭނެ. ބަޖެޓު، ދަރަނި ކުރެވޭނެ މިންގަނޑު ހަމަވީމާ ދެން އިތުރަށް ދަރަންޏެއް ނުކުރެވޭނެ. އެހެންވީމާ ދެން ކުރަން ޖެހޭނީ ލިބޭ އެއްޗަކުން. އެއަށް ވުރެ އިތުރު ނުކޮށް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުށަހަޅަނީ މިންގަނޑެއް ކަނޑައަޅާފައި އެ މިންގަނޑަށް ބަދަލު ގެންނަ ނަމަ މި ދެންނެވި ބޮޑު މަޖިލީހުގެ ބަހެއް ހޯދަންވާނެޔޭ. ސަރުކާރު އިތުރަށް ދަރަނިވެރި ކުރަން ރައްޔިތުންނަށް ފެނޭތޯ، ނޫންތޯ. އޭގައި ބަސް މި ބުނަނީ މަޖިލީހާއި ކައުންސިލަރުން."
ދެން ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި:
ދައުލަތުގެ ޕްރޮކިއުމެންޓުތައް ކުރިއަށްގެންދަން ވަކި މުއައްސަސާއެއް އުފެއްދުން
މިނިވަން މުއައްސަސާތަކަކީ ހަތަރުވަނަ ބާރަކަށް ހަދާ، އެ ތަންތަން ބަލަހައްޓާ ޖަވާބުދާރީ ކުރުވަން ވަކި މުއައްސަސާއެއް ހެދުން
އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ކޮންމެ އަތޮޅަކަށް ކަނޑައެޅޭ ވަކި އަދަދަކަށް މަޖިލިސް މެންބަރުން ހޮވުން؛ އޭރުން ވޯޓު ގަތުމުގެ ކަންތައް ނައްތާލެވޭނެ
ފައްޔާޒު ވިދާޅުވީ މިއީ އެ ބޭފުޅުންނަށް ފެންނަ ހިޔާލުތަކެއް ކަމަށާއި އެ ޕާޓީން ރިޔާސީ އިންތިހާބަށް ނުކުންނައިރު މިއީ، ޕާޓީގެ މެންބަރުންނާ މަޝްވަރާކޮށްގެން ނިންމޭނެ ސިޔާސަތުތަކެއް ކަމަށެވެ.
'ބޮޑު ބަދަލު'ން ހުށަހަޅަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ތަފްސީލު ކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ