ޔޫކްރެއިންއަށް ފޮނުވަން އޮތް ހަތިޔާރުގެ ޝިޕްމަންޓެއް އެމެރިކާ އިން ހިފަހައްޓައިފި

ރަޝިޔާއިން ޔޫކްރެއިންއަށްދޭ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ބައިޑަންގެ ވެރިކަމުގައި ވައުދުވި ބައެއް ހަތިޔާރުތައް ޔޫކުރޭނަށް ފޯރުކޮށްނުދީ އެމެރިކާއިން ހުއްޓުވައިފި އެވެ.
ބައިޑަންގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބައެއް ހަތިޔާރު ޕެންޓަގަންއިން މިހާރު ދަނީ ރިވިއު ކުރަމުންނެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ދިފާއު ވަރުގަދަ ކުރުމަށް ބޭނުންވާ ބާވަތްތަކުގެ ހަތިޔާރު ހިމެނެ އެވެ. އެ ފިޔަވަޅުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ބާރުތައް މިހާރަށް ވުރެ ދަށް ކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފޯކަސް ބަދަލުވެފައިވާކަން އަންގައިދެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެލީ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެގޮތަށް ނިންމީ ދުނިޔޭގެ އެހެން ގައުމުތަކަށް އެމެރިކާ އިން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން ދިރާސާކުރުމަށް ފަހު އެމެރިކާގެ މަސްލަހަތަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
ޕެންޓަގަން އިން ހެދި އެތެރޭގެ ދިރާސާއަކުން އެނގޭ ގޮތުގައި ބައެއް ހަތިޔާރަކީ ވަގުތުން ޔޫކްރޭނަށް ބަދަލުކުރަން ޖެހޭ ވަރަށް ވުރެ "ދަށް" ހަތިޔާރުތަކެއް ކަން އެނގުނު ކަމަށް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. އަސްކަރީ އެހީ މެދުކަނޑާލާފައިވާ ކަން ފާހަގަކޮށް އެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރީ ޕޮލިޓިކޯ އިންނެވެ.
ޕޮލިޓިކޯ އާއި އެމެރިކާގެ އެހެން މީޑިއާތަކުން ބުނާ ގޮތުގައި ޕެޓްރިއޮޓް ވައިގެ ދިފާއީ ސިސްޓަމްތަކާއި އެ ނޫން ހަތިޔާރު އަދި 'ހެލްފަޔާ' މިސައިލްތަކަކީ އެމެރިކާ އިން ހިފެހެއްޓި ތަކެއްޗިއްށެވެ.
އެކަން އިއުލާނު ކުރުމާ އެކު ޔޫކްރެއިން އިން ވަނީ އެ ގައުމަށް އެމެރިކާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ގިންކަލް ހާޒިރުކޮށް މިހާރު ކުރިއަށްދާ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
ޔޫކްރެއިންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަރިއާނާ ބެޓްސާ ވަނީ އެމެރިކާއިން ދިން އެހީތެރިކަމަށް ގިންކޭލްއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އަސްކަރީ އެހީ ހުއްޓާލުމުން ރަޝިއާއަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ޔޫކްރެއިންގެ ދިފާއީ ގާބިލުކަން ބަލިކަށިވުން ނޫން ކަމެއް ނުވާނެ ކަމަށާ އަދި ސުލްހަ ވެސް ގާއިމު ނުކުރެވި، އޭގެ ބަދަލުގައި ހަނގުރާމަ އާއި ޓެރަރިޒަމް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ