ވިލުފުށީ އަލިފާނުގެ ހާދިސާ: ފިހުނު ދިވެހި މީހާގެ ހާލު ސީރިއަސް

ވިލުފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު 2 މީހުންގެ ތެރެއިން ދިވެހި މީހާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:10 ގައި އެރަށު ބަނދަރުގައި އަޅާފައި އޮތް ދެ ތެޔޮބޯޓެއްގައި ރޯވެގެންނެވެ. މި ދެ ތެޔޮބޯޓަކީ ވެސް އަލިފާނުގެ ހާދިސާގައި އަނިޔާވި ދިވެހި މީހާގެ ދެ ބޯޓެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ވިލުފުށި ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ދިވެހި މީހާގެ ހަށިގަނޑުގެ 35 އިންސައްތަ ފިހިފައިވާކަމަށެވެ. މިވަގުތު އޭނާއަށް ވިލުފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި، އިތުރުފަރުވާއަށް އޭނާ މާލެ ގެނައުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް ވިލުފުށީ މެމްބަރު ވިދާޅުވިއެވެ.
މި ހާދިސާގައި ބިދޭސީ މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން އޭނާގެ މޫނުމަތީގެ ބައެއް ފިހިފައިވާއިރު ދޯނިން ފުންމާލަން އުޅުމުގެ ތެރޭގައި ބޯވެސް ވަނީ ފަޅައިގެން ގޮސްފައެވެ. ބޯޓުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައިވެސް، ވިލިފުށީގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެފަހަރު ހިނގި އަލިފާނުގެ ހާދިސާގައިވެސް ގެއްލުންވެފައިވަނީ މިއަދު ހިނގި ހާދިސާގައި އަނދައިގެންދިޔަ ބޯޓުތަކުގެ ވެރިފަރާތުގެ އުޅަނދަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ