މުލީކޮޅު ރާޅުގަނޑު: ޖޫނިއާ ޗެންޕިއަންކަން ސައްޔިދު ހޯދައިފި

މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ޖޫނިއާ ފައިނަލުގައި ޔޫސުފް ކަޔާން ޒަކީ ބަލިކޮށް ސައްޔިދު ސަލާހުއްދީން ޗެންޕިއަންކަން ހޯދައިފިއެވެ.
ޱމުބާރާތުގެ ފައިނަލުން ސައްޔިދު ޖާގަ ހޯދީ ސެމީ ފައިނަލް ހީޓުގައި އަހުމަދު ލުޒެއިން ބަލިކުރުމަށްފަހު އެވެ. އަދި ކަޔާން ޒަކީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ހީޓުގައި ޔަސީން އަހުމަދު ނާޝިދު ބަލިކުރުމަށްފަހު އެވެ.
މިއަދު މ. މުލީގައި ކުރިއަށްދިޔަ ޖޫނިއާ ފައިނަލްގައި ސައްޔިދު ސަލާހުއްދީން ޖުމްލަ 18 ޕޮއިންޓް ހޯދިއިރު، ޔޫސުފް ކަޔާން ހަމްދާން ޒަކީއަށް ލިބުނީ 12.83 ޕޮއިންޓެވެ. އަދި ސައްޔިދުގެ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގައި 9.67 އަދި 8.33 ސްކޯކުރިއިރު، މިއީ މުބާރާތުގެ ވެސް ރެކޯޑެކެވެ.
މިދިޔަ އަހަރު މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ފައިނަލް ހީޓުގައި ވާދަކުރި ކަޔާންގެ އެންމެ ސްކޯ ރަނގަޅު ދެ ރާޅުގައި ސްކޯ ކުރެވުނީ 4.33 އަދި 8.50 ޕޮއިންޓެވެ.
މީގެ އިތުރުން މިއަދުގެ ފައިނަލްގައި ސައްޔިދުގެ ޖުމްލަ ސްކޯއަކީ، މުލީކޮޅު ރާޅުގަނޑުގައި އޯޕަން އަދި ޖޫނިއާ ބައިން ވެސް މިހާތަނަށް އެތުލީޓަކު ހޯދި އެންމެ މަތީ ސްކޯ އެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ޖޫނިއާ ބައިގެ ހީޓެއްގައި ޝަރޫފް ޝާއިރު 17.50 ޕޮއިންޓް ސްކޯ ކޮށްފައި ވާއިރު، ޖެހިގެން އައި އަހަރުގެ އޯޕަން ބައިގެ ސެމީ ފައިނަލްގައި އަހުމަދު އާގިލް (އަންމަޑޭ) ވަނީ ސައްޔިދާ ވާދަކޮށް 17.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި މީގެ ކުރިން މުލީގައި މުބާރާތް ބޭއްވި ތިން އަހަރު ވެސް ޖޫނިއާ ބައިގައި ސައްޔިދު ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ.
މިދިޔަ އަހަރު މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ޗެންޕިއަންކަމާއި ލީގުގެ ވެސް ޖޫނިއާ ޗެންޕިއަން މުހައްމަދު އިނާން އަބްދުލް ހަންނާން، މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ. ސައްޔިދާއި ޔަސީން ވާދަ ކުރި ހީޓުގައި އިނާން އާއެކު ދެން ވާދަ ކޮށްފައި ވަނީ އަހުމަދު އާލް އާދިލް އެވެ. ކަޔާން ޒަކީ އާއި ލުޒެއިން ވާދަކުރި ކުއާޓާގެ ފުރަތަމަ ހީޓުގައި ދެން ވާދަ ކުރީ ކަޔާން އަބްދުﷲ އަރީފް އާއި ހުސެއިން އަޒާން އިސްމާއިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ