"މިޑިލް ބްލޮކާ އަކަށް ކުޅޭކަން ނޫނޭ އައީ. ފުރަތަމަ އެންމެ ކުޅޭ ހިތްވީ، ހަމަ އެންމެ ކުޅޭ ހިތްވަނީ ވެސް ސެޓަރަކަށް. އަދިވެސް، ދެން މިޑިލް ބްލޮކަރަކަށް ހެދީ އޭ" މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑިލް ބްލޮކަރުންގެ ތެރޭގައި ހިމެނޭ ފައިރޫޒް އޭނާގެ ކެރިޔަރުގެ ފެށުމުގެ ވާހަކަ ދައްކަމުން ބުނި ވާހަކަ އެވެ.
ވޮލީބޯޅަ އަށް މަޝްހޫރު އަތޮޅެއް ކަމަށްވާ ވ. އަތޮޅު ކެޔޮދޫ އަށް އުފަން ފައިރޫޒް އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑިލް ބްލޮކަރެވެ. އޭނާގެ މަސައްކަތާ ވޮލީ އަށް އާ ކުޅުންތެރިން ނެރެދިނުމާ ޒުވާން ކުޅުންތެރިން ގޮވައިގެން އުޅޭ އުޅުން އެއީ މުޅި ވޮލީ އާއިލާ އިން ވެސް ބަލައިގަންނަ ކަމެކެވެ.
ކުޑައިރުގެ ހަނދާންތައް އާ ކުރާއިރު، ފައިރޫޒްގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ ބޯޅަ ހިފައިގެން ރަށްޓެހިންނާއެކު ފުޓުބޯޅަ ކުޅެންދާ ހަނދާނެވެ.
"އެންމެ ފުރަތަމަ ކުޅެން ފަށާނީ ދެން ދިވެއްސެއް ވެއްޖެއާ އަނެއްހެން ބުނަންޏާ ފުޓުބޯޅަ ކަން ނޭނގެ. ފުޓުބޯޅަ ކުޅެން ފެށީ އެގޮތައް. އެ ދެން އޭރުގައި ކުޅޭނީ. ގިނަ ކުޅިވަރުތަކެއް ނުހުންނާނެ ކުޅޭކަށް. ދެން އަތޮޅަކީ ވޮލީ އަށް މަޝްހޫރު އަތޮޅެއް. އެކަމަކު އެންމެން ވެސް ފަށާނީ މިސާލަކަށް ފުޓުބޯޅަ ކުޅެން ކަންނޭނގެ ކޮންމެ ދުވަހަކު ހަވީރު. ކޮންމެ ރަށެއްގައި ވެސް ދަންޏާ ދާނީ."
އޭރު ކުޅުމުގެ ތެރޭގައި މާބޮޑަށް ފައިރޫޒް މަސްއޫލުވެސް ނުވެ އެވެ. އެކަމަކު އޭނާގެ އެއްމާބަނޑު ކޮށްކޮ ފާޒިލް އޭރުވެސް ވޮލީ ކުޅެ އެވެ.
ފައިރޫޒްގެ ވޮލީގެ ފެށުމަކީ އޭނާގެ އިސްކޮޅެވެ. އޭނާ އަށް ވޮލީގެ ތެރެއަށް ނުކުމެވުނީވެސް ފައިރޫޒް ގަބޫލުކުރާ ގޮތުންނަމަ އިސްކޮޅުގެ ސަބަބުންނެވެ. ފައިރޫޒްގެ ދިގު އިސްކޮޅުގެ ސަބަބުން އޭނާ އަށް ވޮލީ ކޯޗު "ޖައްލެ" ދިން ފުރުސަތެއްގައި އޭނާ އެންމެ ފުރަތަމަ ކުޅުނީ ސޮނެވާ އައިލަންޑް ރިސޯޓުގަ އެވެ. އަދި އެ މުބާރާތައް ފަހު ޝަރަފް ކޯޗަށް އޭނާ ފެނި އޭނާ މާލެ ގަނައީ އެވެ.
ވޮލީ ކުޅެން ފެށުމާއެކު ފައިރޫޒް އެންމެ ފުރަތަމަ ކުޅެން ބޭނުންވީ ވޮލީގައި އެންމެ މަސްއޫލިއްޔަތު ބޮޑު އެއް މަގާމު ކަމުގައިވާ ސެޓަރަކަށެވެ. އަދިވެސް ސެޓަރަކަށް އޭނާ ކުޅެން ބޭނުންވެ އެވެ.
އެކަމަކު ރާއްޖޭގައި މިޑިލް ބްލޮކަރުން މަދުވެފައި، އިސްކޮޅު ހުރުމުގެ ސަބަބުން ކޯޗުންގެ އެދުމަށް ފައިރޫޒް މިޑިލް ބްލޮކަރަކަށް ކުޅެން ފެށީ އެވެ.
"އޭރުގަ އެއްކަލަ ރާއްޖޭގައި މިޑިލް މަދޭ ކިޔާފައި. ހަމަ މިޑިލް އަކަށް ހެދީ. އޭގެ އެންމެ ބޮޑު ރޯލެއް ކުޅުނީ ހަމަ ޖައްލެ އާއި ޝަރަފުއާ. އެއްކަލަ ނެރުނީ އެމީހުން ވީމަ. ދެން ހަމަ މެދަކަށް ޖެއްސުވީ." ފައިރޫޒް ބުންޏެވެ.
ފައިރޫޒް ގަބޫލުކުރާ ގޮތުގައި ބުރަ މަސައްކަތްކޮށް ކާމިޔާބީއަށް ވާސިލްވުމަކީ ނުވާނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް އޮތީ މަސައްކަތް ކުރުން ކަމަށް ފައިރޫޒް ބުންޏެވެ. އަދި މިހާރުވެސް މެދަށް ކުޅޭއިރު، އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ފައިރޫޒް މަސައްކަތް ކުރެ އެވެ.
"އަސްލު މެދަށް ކުޅުމަކީ ވޮލީގައި އެެންމެ އުނދަގޫ ކަންތައް. މެދަށް ކުޅުމަކީ ކޮންމެ ކޮންމެ މީހަކަށް މެދަށް ނުކުޅެވޭނެ. ދެން ހުރި ޕޮޒިޝަންތަކަށް ހަމަ ކުޅެވިދާނެ ކޮންމެ ގަޑިއަކުވެސް އަރާ އެނގޭ. އެކަމަކު މެދަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. ވަރަށް ޒިންމާ އެއީ." ފައިރޫޒް ބުންޏެވެ.
ގައުމީ ޖާޒީގައި ފައިރޫޒްގެ ފުރަތަމަ ފެނިގެން ދިޔައީ 2013 ވަނަ އަހަރު އެވެ. ޖޫނިއާ ޓީމުގައި ހިމެނި ކުޅުނު މުބާރާތަކަށްފަހު ސީނިއާ ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުނީ އެވެ. ސީނިއާ ޓީމާއެކު ހަމަ އެ އަހަރު، ސެންޓްރަލް ޒޯނުގެ ރިހި މެޑަލް ހޯދުމުގެ އުފާ ވެސް އޭނާ އަށް ލިބުނެވެ.
"އަސްލު މި ކޮޅަށް (ރާއްޖެ) އައީމަ އެނގުނީ އެއީ ކިހާބޮޑު ކާމިޔާބީއެއްކަން. އަނެއްހެން ހަމަ ނޭގުން ދޯ. އެއްކަލަ އެކޮޅުގަ އުޅުން އިރު، ނޭނގޭ މި ހޯދުނީ ކިހާބޮޑު ކާމިޔާބީއެއްކަން. އަލަށް ދިޔައީމަ އެކަހަލަ އެއްޗެއް، އެކަމަކު އައީމަ އެނގުން މި ހޯދުނީ ވަރަށް ބޮޑު ކާމިޔާބީއެއްކަން. ސެންޓްރަލް ޒޯނުގެ ސިލްވާ މެޑަލް އަކީ އޭގެ ފަހުން އަހަރުން އުޅެ އުޅެވެސް ހަމަ އެ ހިސާބަށް ކިރިޔާ ދެވޭވަރު ވަނީ. ނުދެވޭ ދޯ. އެހެންވީމަ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއްތާ އެއީ. ފައިރޫޒް ބުންޏެވެ.
ފުރަތަމަ މުބާރާތުގައި ރިހި މެޑަލް އެޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗަކީ ފައިރޫޒްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ މެޗެއް ނޫނެވެ.
"އެއީ ހަޔާތުގައި ވެސް ކުޅުނު އެންމެ މޮޔަ މެޗު އެއީ. ނޭނގޭ އުޅެވުން ނޫޅެވުން ގޮތެއް ވެސް. އަނެއްހެން ޕްރެޝާ ވެގެން އެއް ނޫން. ދެން ހަމަ ފުދޭވަރަކަށް ވާނުވާކޮށް ދިޔަ މެޗެއް އެއީ، އަނެއްކާ ވަރަށް މަޖާކޮށް ދިޔައީ، އެއީ ބަލިވާން ވެސް ނުޖެހޭ މެޗެއް. ހަމަ މަށާހެދި ބަލިވީވެސް" ފައިރޫޒް ބުންޏެވެ.
ފައިރޫޒްގެ ކެރިޔަރުގައި އެންމެ ހިތްދަތި ވަނީ ގައުމަށް މެޑަލް ހޯދަ ދެވޭނެ މުބާރާތްތަކުން މެޑަލް އެއް ނުހޯދި ނިންމާލަން ޖެހޭ ވަގުތުތަކުގަ އެވެ. އޭނާ ދެކޭ ގޮތުގައި އެއިން ކޮންމެ މުބާރާތެއްގެ ނާކާމިޔާބީއަކީ އެތައް ރެޔެއްގެ ނިދިން އޭނާ މަހުރޫމްކޮށްލާ މުބާރާތްތަކެވެ.
"ފުރަތަމަ މުބާރާތަކީ ވެސް އަހަރެމެން ދެ ސެޓު ގެންގޮސްފަ ދެން ބަލިވި މުބާރާތެއް. ދެން ގޮސް މިސާލަކަށް އެންމެ ފަހުން އައިއޯއައިޖީގައި ވެސް ދެ ސެޓު މަޑަގަސްކަރަ އަތުން ހޯދާފަ ބަލިވީ. ދެން ހަމަ އެކަހަލަ އެއްޗެހި އެއީ ހަމަ ވަރަށް ގިނަ ދުވަހެއްގެ ނިދި އެދަނީ" ފައިރޫޒް ބުންޏެވެ.
ފައިރޫޒް ބުނީ ރާއްޖެއިން މުބާރާތްތަކަށް ނުކުންނައިރު، އިތުރަށް ތައްޔާރުވެއްޖެ ނަމަ ހާއްސަކޮށް އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވެއްޖެ ނަމަ މެޑަލް ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ ހަ އަހަރު ކުރިން، މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު، އާލަމީ ވަބާ، ކޮވިޑް-19ގެ ސަބަބުން އައި، ލޮކްޑައުން އަށް ފަހު އެނބުރި ކޯޓަށް ނުކުތްއިރު، ފައިރޫޒްގެ ބަރުދަން ހުރީ 100 ކިލޯއިން މަތީގަ އެވެ.
އެހެންވެ، އެނބުރި ފިޓްވެވޭނެ ކަމާމެދު ވެސް ފައިރޫޒް ހުރީ ޝައްކެއްގެ ތެރޭގަ އެވެ. އެކަމަކު، ކެރިއަރުގެ ފަހު އަހަރުތައް ގުނަމުން އަންނާތީ ފިޓްކޮށް ހުރެ ކުޅެން އޭނާ ބޭނުންވި އެވެ.
އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފައިރޫޒްގެ ބޮޑު މެސެޖެއް އެބައޮތެވެ. އެއީ "ކުޅެލަން ކުޅެލަން" ނުކުޅެ، ކަމަކަށް ޓާގެޓްކޮށް އެކަން ހާސިލް ކުރުމަށް ކުޅުމެވެ.
ފާއިތުވި ވޮލީ ސީޒަނަކީ ފައިރޫޒް ކްލަބް ބަދަލުކުރި ނަމަވެސް ކާމިޔާބު ފަހަރެކެވެ. ކްލަބް އެޗްޑީސީ ދޫކޮށް، ދިވެހި ސިފައިންގެ ކްލަބަށް ބަދަލުވި ފައިރޫޒަކީ، ސިފައިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރިއިރު، ޖުމްލަކޮށް ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ދަސްކުރަމުން އަންނަ ޒުވާން ކުޅުންތެރިއެއް ގޮތަށް މީގެ 10 ވަރަކަށް އަހަރަށް ވުރެ ކުރިން ގައުމީ ޓީމަށް އައި ފައިރޫޒް ގައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފި އެވެ. ކޯޗުންނަށް އިތުބާރު ހޯދައިދޭ ކުޅުންތެރިއެއްގެ ގޮތުގައި ޓީމުތަކުން ބަލައިގަންނަ ކުޅުންތެރިއަކަށް ވުމަށް ވެސް ފައިރޫޒް ކުރި މަސައްކަތް ކާމިޔާބުކޮށްފި އެވެ. ކެރިއަރުގައި އިތުރު އަމާޒުތަކަށް ވާސިލްވުމަށް ކުރިއަށް ވުރެ ދެގުނަ ހިތްވަރު ކުރަން އޭނާ ފަހެއް ނުޖެހޭނެ ކަމަށް ބުނަނީ އިތުބާރާ އެކު އެވެ.
ހިތްވަރާ މަސައްކަތުން ފައިރޫޒް ރާއްޖޭގެ ވޮލީގެ އެންމެ އުހަށް ހިތްވަރާ މަސައްކަތުން ފައިރޫޒް ރާއްޖޭގެ ވޮލީގެ އެންމެ އުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ