އިންޑިއަން ރުޕީ އެކައުންޓް ބީއެމްއެލްގައި ހުޅުވޭގޮތް ހަދައިފި
ރާއްޖޭގައި އިންޑިއާގެ ރުޕީ އެކައުންޓް ހުޅުވޭ ގޮތް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފުރަތަމަ ފަހަރަށް ހަދައިފިއެވެ. ބީއެމްއެލުން ބުނީ، އަންނަ އޮގަސްޓް މަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހީންނާއި ވިޔަފާރިތަކާއި ބިދޭސީން ވެސް ހިމެނޭހެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށާއި، މި އެކައުންޓްތަކަށް ބީއެމްއެލްގެ ބްރާންޗްތަކުން ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. މިގޮތުން އިންޑިއަން ރުޕީގެ 500 ރުޕީސް ނޫޓުން ފެށިގެން މަތީ އަދަދުތަކުގެ ނޫޓުތައް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އެކައުންޓްތަކަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ އިތުރުން އިންޑިއާއަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓްތައް ބޭނުންކުރެވޭނެ ކަމަށް، ބޭންކުން ބުންޏެވެ. މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރުޕީ އެކައުންޓް ބީއެމްއެލްގައި ހުޅުވޭ ގޮތް ހެދުމުގެ ސަބަބުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ފަސޭހަތަކެއް ލިބި، އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. "2024ވަނަ އަހަރު އޮކްޓޫބަރު މަހު އަޅުގަނޑުމެން ވާނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި. އަދި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ދޭން ބޭނުން." އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދާފައިވެއެވެ. ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ