އިންޑިއާ އެއްބަސްވުމާ އެކު ބޭހުގެ ފެންވަރު ރަނގަޅުވެ އަގުހެޔޮވާނެ: ހެލްތު މިނިސްޓްރީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއިކުރި އިންޑިއަން ފާމަކޯޕީއާ (އައިޕީ) އެއްބަސްވުމުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭހުގެ އަގުހެޔޮވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާ އާއި ރާއްޖެއާ ދެމެދު މުހިންމު އަށް ދާއިރާއަކުން ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި އިންޑިއަން ފާމަކޯޕީއާ ކޮމިޝަން (އައިޕީސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ދެމެދު ހެދި ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެމްއޯޔޫއެއް ހިމެނެ އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީން ބުނިގޮތުގައި އިންޑިއާއާ އެކު ފާމަކޯޕިއާ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށް އެޅިގެންދިޔަ ފާހަގަކޮށްލެވޭ ބިންގަލެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބުނީ ކީކޭ؟ - "މި އެއްބަސްވުމާ އެކު ރާއްޖެއިން އިންޑިއަން ފާމަކޯޕީއާ ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައި. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުހަލާތައް ހަލުވިވެގެންދާނެ،" މިނިސްޓްރީން ބުންޏެވެ. 
މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން:
އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެ
ފެންވަރު ބެލުމުގެ ތަހުލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައިޕީއާރްއެސް) އަދި އިމްޕިއުރިޓީ ސްޓޭންޑާޑްސް (އައިޕީއާރްއެސް) މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެ 
ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގައި ހެޔޮ އަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެ 
ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ހަރަދުތައް ކުޑަވެގެންދާނެ
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއަށް އެތެރެކޮށް ވިއްކާ ބައެއް ބޭސްތަކުގެ ފެންވަރު ދަށްވުމާއި ވިހަ މާއްދާތައް އެކުލެވުން ފަދަ މައްސަލަތައް ދިމާވެ، އެފަދަ ބޭސްތައް ބޭނުންކުރުން ހުއްޓުވައި ބައެއް ކުންފުނިތަކުން އުފައްދާ ބޭސް ރާއްޖެ އެތެރެކުރުން ދޭތެެރެ ދޭތެރެއިން އެމްއެފްޑީއޭއިން މަނާކުރެ އެވެ.
އެ އިދާރާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ކޮލިޓީ ދަށް ބޭސް އެތެރެވުން މަދުކުރަން ކުރެވޭނެ ކަމަކީ ބޭސްތައް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ. އެގޮތުން ބޭސްތަކުގައި ވަކިވަކި މާއްދާތައް ހިމެނޭ މިންވަރު ބެލޭނޭ ގޮތް ގާއިމް ކުރަން ޖެހޭ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ