އެމްޕީއެލް އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ސަފުހާ އަލުން ހުޅުވިއްޖެ

ވައްކަމާއި ހިޔާނާތެއް ނަމަ އޭގެ އަސަރުތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ އެވެ.
އެފްޕީއައިޑީގެ ހިޔާނާތުގެ މަތިން އާންމުން ހަނދާން ނެތިދާނެ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އަބަދުވެސް އޭގެ ސަފުހާތައް ހުޅުވެ އެވެ.
އެމްއެމްޕީއާރުސީއާ ގުޅިފައި އޮތް ފުރަތަމަ ހިނާޔާތުގެ ވާހަކަ ނުދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު ހަމަ ކުއްލިއަކަށް މާޒީގެ ތެރެއިން އެ ހަނދާންތައް ނުކުމެއްޖެ އެވެ. ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ނެރުނު އެމްއެމްޕީއާރުސީއާ ބެހޭ ރިޕޯޓަކުން ހާމަވި އެއް ވާހަކައިން، އަލުންބަލުން، އެ ހިޔާނާތުގެ މައުލޫމާތުގެ ތެރެއަށް ބައެއް މީހުންގެ ވިސްނުން ދޫކޮށްލަން ޖެހިއްޖެ އެވެ.
އެ ރިޕޯޓްގައި ފާހަގަކުރި އެއް މައްސަލައަކީ އެމްއެމްޕީއާރުސީއަށް އެމްޕީއެލްއިން ދިން 83 މިލިއަން ރުފިޔާގެ 'ލޯނެއް' ނުދައްކާ އޮތް އޮތުމެވެ. އެ 'ލޯނު'ގެ ތެރެެއިން އަދިވެސް 76.4 މިލިއަން ރުފިޔާ އެމްޕީއެލްއަށް ނުލިބި އެބަ އޮތެވެ. އެއީ 15 އަހަރުން ދައްކާ ގޮތަށް އެމްއެމްޕީއާރުސީއަށް ދޫކުރި 'ލޯނެއް' ކަމަށް ވެސް، އެ ރިޕޯޓުން އެނގުނެވެ.
ސުވާލަކީ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް އެހާ ބޮޑު ލޯނެއް ދީގެން މި އުޅެނީ ކޮން އިރަކު، ކޮން ކަމަކާ ގުޅިގެން ހެއްޔެވެ؟ އެ ލޯނުގެ ވާހަކަ އެއްވެސް މީޑިއާއަކުން ކަވަރުކޮށްފައެއް ނުވެ އެވެ. ނުވަތަ އެވަރަށް ތިލަވެފައެއް ނުވެ އެވެ. ނޫން ނަމަ ނޫސްވެރިންގެ ވިސްނުން އޭގެ ތެރެއަށް ދޫކޮށްލާފައި ނުވަނީ އެވެ.
އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދެމެދު މާލީ ބޮޑު މުއާމަލާތެއް ހިންގާފައި އޮތް ކަން އާންމުންނާ ހަމައަށް ތިލަވީ ހަމައެކަނި 2014ގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ބެއްލެވުމުގެ ދަށުން ހިންގި ޑޮލަރު ގަތުމުގެ ފަރުދާގެ ތެރޭގައި އޮތް ހިޔާނާތެވެ. އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް އެކަމާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް ހެއްދެވި އެވެ. އެ ރިޕޯޓް 29 އޮކްޓޯބަރު 2014ގައި އާންމުކުރެއްވި އެވެ. އޭގެ ފަހުން އޭނާއަށް އެ މަގާމު ގެއްލުނެވެ.
އެކަމަކު 5 މިލިއަން ޑޮލަރުގެ އެ މުއާމަލާތުގެ އަޑި ރައްޔިތުންނަށް އެނގުމަކީ ވެސް، ނިޔާޒު އެޅުއްވި މުހިންމު ފިޔަވަޅެއް ކަމާ މެދު ޝައްކެއް ނެތެވެ.
ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި އެމްޕީއެލްއިން ދިން ލޯނެއްގެ ވާހަކަ އައުމުން އެ ހަނދާންތައް ހުރި މީހުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ އެވެ. އެ ސުވާލަށް ޖަވާބު ހޯދަން ކުރި މަސައްކަތުގެ ނަތީޖާއަކީ މި އެވެ:
އެ ބުނާ 85 މިިލިއަން ރުފިޔާއަކީ ހަގީގަތުގައި އެމްޕީއެލްއިން އެމްއެމްޕީއާރުސިއަށް ދިން ލޯނެއް ނޫނެވެ.
އެއީ އެމްޕީއެލްއަށް 5 މިލިއަން ޑޮލަރު ވިއްކުމުގެ ނަމުގައި އެމްއެމްޕީއާރުސީން ހޯދި 77 މިލިއަން ރުފިޔާއާ ގުޅިފައި އޮތް ދަރަންޏެކެވެ. އެ ދަރަނި އަދިވެސް އޮތީ އެމްޕީއެލްއަށް ނުދައްކަ އެވެ.
މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ 2014ގައި އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި އޭގެ ތެރެއިން 3 މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) އެމްއެމްޕީއާރުސީން އެމްޕީއެލްއަށް ދެއްކި ކަމަށް އޮތް އޮތުމެވެ. އެހެން ކަމަށްވާ ނަމަ ނުދައްކާ ބާކީ އޮންނަން ޖެހޭނީ 2 މިލިއަން ޑޮލަރެވެ. އެއީ ރުފިޔާއިން ބަލާ ނަމަ 30 މިލިއަން ރުފިޔާ އެވެ.
އޮޑިޓް ރިޕޯޓްގައި އެކަން އޮވެ، އެކަމަކު ހަގީގަތުގައި އެމްޕީއެލްއަށް އެ 5 މިލިއަން ޑޮލަރުގެ ތެރެއިން އެއްވެސް ފައިސާއެއް އެމްއެމްޕީއާރުސީން ނުދައްކާ ނަމަ، ކަމުގެ ހަގީގަތް މި އޮތީ ރަނގަޅަށް ތިލަނުވެ އެވެ.
23 ފެބްރުއަރީ 2014: އެމްޕީއެލްއަށް 5 މިލިއަން ޑޮލަރު 15.42 ރުފިޔާގެ ރޭޓުން ގަންނަން އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ހުށައެޅި
ހަގީގަތް: އެކަމަކު މިއީ އަސްލު އެމްޕީއެލްއިން ޑޮލަރު ގަންނަން ބޭނުންވެގެން ހުށައެޅި ހުށައެޅުމެއް ނޫނެވެ. މިއީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލްގެ އޭރުގެ ބޯޑުން އަޑިން ރާވައިގެން ކުރި ކަމެކެވެ. ބޭނުމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އަމިއްލަ ކުންފުންޏެއް ކަމަށްވާ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް އެ ފައިސާ ދީ، އޭގެން ނަގަން ބޭނުންވި ފައިދާއެއް ކޮންމެެވެސް ބަޔަކު ނެގުމެވެ. އޭރު އަޑުއަރާފައި އޮތީ އެއީ އެ އަހަރު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ސަރުކާރުން ހަރަދުކުރަން ހޯދި ފައިސާ ކަމެވެ. ނަމަވެސް އެކަން ކަށަވަރުވާނެ ރަސްމީ ހެއްކެއް ނެތެވެ.
24 ފެބްރުއަރީ 2014ގައި އެމްޕީއެލް އާއި މިލީނިއަމްއާ އެކު އެމްއެމްޕީއާރުސީން ވަކިވަކިން ދެ އެއްބަސްވުމެއް ހަދާ. އޭގައި އޮންނަނީ ހަތަރު މަސް ފަހުން އެމްޕީއެލްއަށް 2.5 މިލިއަން ޑޮލަރު 15.42 ރުފިޔާގެ ރޭޓުން ވިއްކާށާއި ހަތަރު މަސް ފަހުން މިލީނިއަމްއިން އެމްއެމްޕީއާރުސިއަށް 15.42 ރުފިޔާގެ ރޭޓުން 2.5 މިލިއަން ޑޮލަރު ވިއްކަން
25 ފެބްރުއަރީ 2014: 2.5 މިލިއަން ޑޮލަރަށް ޖެހޭ 38.5 މިލިއަން ރުފިޔާ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ޖަމާކޮށްދޭ.
26 ފެބްރުއަރީ 2014: މިލީނިއަމްގެ މެޖޯރިޓީ ހިއްސާ އޮންނަ ފަރާތުގެ އަމިއްލަ އެކައުންޓަށް އެމްއެމްޕީއާރުސީން 38.3 މިލިއަން ރުފިޔާ ޖަމާކޮށްދިނުމުން އޭނާ ވަނީ އަމިއްލަ އެހެން ކުންފުންޏެއްގެ އެކައުންޓަށް އެ ފައިސާ ވައްދާފައި.
13 މާޗު 2014: އެމްޕީއެލްއިން އިތުރު 2.5 މިލިއަން ޑޮލަރު 15.42 ރުފިޔާގެ ރޭޓުން ގަންނަން އެމްއެމްޕީއާރުސީއާ އެކު ދެވަނަ އެއްބަސްވުމެއް ހަދާ. އެ ޑޮލަރު ވެސް އެމްޕީއެލްއަށް ދޭން ޖެހެނީ ހަތަރު މަސް ފަހުން. ހަމަ އެފަދަ އެއްބަސްވުމެއް އެ ދުވަހު މިލީނިއަމްއާ އެކު ވެސް ހަދާފައިވޭ. ދެ އެއްބަސްވުމުގައި ވެސް ޑޮލަރުގެ މުއާމަލާތް ހިންގަން ދީފައި އޮތީ ހަތަރު މަސް ދުވަސް.
16 މާޗު 2014: އެ އެއްބަސްވުމުގެ ދަށުން 38.5 މިލިއަން ރުފިޔާ އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ޖަމާކޮށްދިން.
16 މާޗު 2014: އެމްއެމްޕީއާރުސީން 38.3 މިލިއަން ރުފިޔާ މިލީނިއަމްއަށް ޖަމާކޮށްދޭ. ހަމަ އެ ދުވަހު މިލީނިއަމުން އެ އަދަދަށް ނަގުދު ފައިސާ ނަގާފައިވޭ.
އެންމެ ފުރަތަމަ ހެދި ދެ އެއްބަސްވުމުގައި ކަނޑައަޅާފައި އޮތް މުއްދަތުގައި އެ ހުރިހާ މުއާމަލާތެއް ނިންމި ކަމަށް، އޮޑިޓް ރިޕޯޓުން އެނގޭ. މިސާލަކަށް މިލީނިއަމުން އެމްއެމްޕީއާރުސީއަށް 2.5 މިލިއަން ޑޮލަރު ދޭން ޖެހެނީ 20 ޖޫން 2014ގެ ކުރިން. އެގޮތަށް އެ އަދަދަށް އެމްއެމްޕީއާރުސީއަށް ޑޮލަރު ދިން. އެމްއެމްޕީއާރުސީން އެމްޕީއެލްއަށް 2.5 މިލިއަން ޑޮލަރު ދޭން އޮތީ 25 ޖޫން 2014ގެ ކުރިން. އެ ފައިސާ އެ މުއްދަތުގައި އެމްޕީއެލްއަށް ދެއްކި ކަމަށް ވެސް، އޮޑިޓް ރިޕޯޓްގައި ބުނެފައި އޮތް.
ބަދަލު އަންނަން ފަށަނީ މިހާ ހިސާބުންނެވެ. އެމްޕީއެލް އާއި މިލީނިއަމްއާ އެކު އެމްއެމްޕިއާރުސީން ހެދި ވަކިވަކި ދެ އެއްބަސްވުމުގައި އޮތް މުއްދަތު އިތުރުކުރުމުގެ ނިންމުން އަންނަނީ ދެނެވެ. އެގޮތުން:
31 ޖުލައި 2014: މިއީ އެމްޕީއެލްއަށް 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭ ފަހު ދުވަސް. އެކަމަކު އެއްބަސްވުމަށް ބަދަލުގެނެސް އެ ތާރީހު 1 ޑިސެމްބަރު 2014އަށް އިތުރުކޮށްދޭ
މިލީނިއަމުން އެމްއެމްޕީއާރުސީއަށް 2.5 މިލިއަން ޑޮލަރު ދޭން ޖެހެނީ 8 ޖުލައި 2014ގައި. އެކަމަކު އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ މުއްދަތު ފަސްކޮށްދިންކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ. ސަބަބަކީ އެ މައުލޫމާތު އޮޑިޓާ ޖެނެރަލްއަށް އެމްއެމްޕީއާރުސީން ދީފައި ނުވުން
25 އޮގަސްޓް 2014: މިލީނިއަމްއިން އެމްއެމްޕީއާރުސީއަށް 500،000 ޑޮލަރު ދިން
26 އޮގަސްޓް 2014: އެމްއެމްޕީއާރުސީން އެމްޕީއެލްއަށް 500،000 ދިން ކަމަށް، އޮޑިޓް ރިޕޯޓްގައި އޮތް.
"ނަމަވެސް ބާކީ 2 މިލިއަން ޑޮލަރު މިލީނިއަމުން އެމްއެމްޕީއާރުސީއަށް އަދި އެމްއެމްޕީއާރުސީން އެމްޕީއެލްއަށް ވެސް މިހާތަނަށް ދީފައެއް ނުވެ އެވެ،" އޮކްޓޯބަރު 2014ގައި ނެރުއްވި އޮޑިޓް ރިޕޯޓްގައި ނިޔާޒު ވިދާޅުވި އެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ތައްޔާރުކޮށް މިދިއަ ހަފުތާގައި ނެރުނު ރިޕޯޓްގައި އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 83 މިލިއަން ރުފިޔާގެ ލޯނެއް ދިން ކަމަށް އޮތް އިރު، ސުވާލު އުފެދެނީ މި ހިސާބުންނެވެ. ކުރީގެ އޮޑިޓް ރިޕޯޓްގައި 3 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީން އެމްޕީއެލްއަށް ދައްކާފައި އޮތް އިރު، 2019ގައި އެމްޑީޕީގެ ސަރުކާރުގައި، އެމްޕީއެލްއިން އެމްއެމްޕީއަރުސީއަށް އެ ފައިސާ ލޯނަކަށް ބަދަލުކުރީ ކީއްވެގެން ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ހޯދަން އެމްޑީޕީ ސަރުކާރުގައި އެމްޕީއެލްގައި އުޅުއްވި ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބޭތޯ ބެލީމެވެ. 'ދައުރު'އަށް އެނގުނީ ޔާމީންގެ ވެރިކަން ނިމި އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު އެމްޕީއެލްގެ ހިސާބުތަކުން ފެންނަން އޮތީ އެމްއެމްޕީއާރުސީން އެ ފައިސާ ދައްކާފައި ނެތް ކަމަށެވެ. އެހެންވެ އެ ފައިސާ ހޯދަން އެމްޕީއެލްއިން މަސައްކަތް ފެށި އެވެ. ނަތީޖާއަކަށް ވީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލް އަދި ފިނޭޭންސް މިނިސްޓްރީއާ ދެމެދު ހިނގި މަަޝްވަރާތަކަށް ފަހު އެ ފައިސާ 15 އަހަރުގެ ލޯނަކަށް ބަދަލުކޮށް ކޮންމެ އަހަރަކު ވަކި އަދަދެއް ދައްކާ ގޮތަށް ހަމަޖެއްސުމެވެ.
އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް އޭރު ދީފައި އޮތީ ޖުމްލަ 77 މިލިއަން ރުފިޔާ އެވެ. ލޯނަކަށް ބަދަލުކުރީ، މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ނުލިބި ހުރި މުއްދަތަށް އިންޓަރެސްޓް ލައިފަ އެވެ. އެހެންކަމުން 85 މިލިއަން ރުފިޔާ އަރާފައި އޮތީ އެހެންވެގެން ކަމަށް ބެލެވެ އެވެ.
އެމްޕީއެލްގެ 2019ގެ މާލީ ރިޕޯޓްގައި ވެސް އެމްއެމްޕީއާރުސީން އެމްޕީއެލްއަށް 85 މިިލިއަން ރުފިޔާ ނުދައްކާ އޮތްކަން، އޭރުގެ އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އެ ރިޕޯޓް ނެރުނީ، ބެލެވޭ ގޮތުގައި، އެމްޕީއެލްއިން 15 އަހަރުގެ ލޯނަކަށް އެ ދަރަނި ބަދަލުކުރި ފަހުންނެވެ.
ޒިޔަތު ވިދާޅުވެފައި އޮތީ އެއީ ލިބޭނެ ފައިސާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. ޒިޔަތުގެ ބަޔާނުން އެހެން ކަމެއް ވެސް ފާހަގަކުރެވުނެވެ. އެއީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދެމެދު ފައިސާ ދެއްކުމުގެ ދެ ނޯޓިސްއެއްގެ މުއްދަތު 31 މާޗު 2015 އާއި 27 އެޕްރީލް 2015ގައި ހަމަވި ކަމެވެ.
އެ ގޮތަށް ވިދާޅުވެފައި އޮތުމުން ލަފާކުރެވެނީ 1 ޑިސެމްބަރު 2014އަށް އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް ދިން މުއްދަތުގައި ޑޮލަރު ނުލިބުމުން އެ މުއްދަތު ދެ ފަހަރަށް ފަސްކޮށްދީފައި އޮތް ކަމެވެ.
ރައްޔިތުންގެ މަޖިލިހުން މި ފަހުން ނެރުނު ރިޕޯޓުން އެނގޭ ގޮތުގައި އެމްޑީޕީ ސަރުކާރުގައި ލޯނަކަށް ބަދަލުކުރި 85 މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން އަދިވެސް 78.6 މިލިއަން ރުފިޔާ ނުދައްކަ އެވެ. އެގޮތަށް ކަންތައް ދިމާވީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ލޯނު ދައްކަން، ކޮވިޑް-19އާ އެކު ފިނޭންސް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް މާލީ އެހީތެރިކަން ނުދިނުމުންނެވެ.
މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީގަ އެވެ. ޕީއެންސީއަކީ 2014ގައި އެ ބޮޑު މަކަރުވެރި މުއާމަލާތްތައް ހިންގި ޕީޕީއެމްގެ ތެރެއިން އުފެދުނު ޕާޓީއެކެވެ. އޭރު ވެސް މަޖިލިހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުން މިހާރު ވެސް މަޖިލިހުގައި އެ ގެންދަވަނީ ގޮނޑި ފުރުއްވަމުންނެވެ. އެކަމަކު ރިޕޯޓްގައި އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާ ދެމެދު އޮތް ދަރަނީގެ ބޮޑު މުއާމަލާތުގެ އަސްލު ހިމަނާފައެއް ނުވެ އެވެ. އެކަން ބަލާފައި އޮތް ކަމަކަށް ވެސް ނުފެނެ އެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒުގެ ރިޕޯޓްގައި އެމްއެމްޕީއާރުސީން 3 މިލިއަން ޑޮލަރު އެމްޕީއެލްއަށް ދެއްކި ކަމަށް އޮވެމެ، އެމްޕީއެލްގެ ހިސާބުތަކުން 77 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ދައްކާ ނަމަ، އެކަން ވީ ގޮތެއް ރައްޔިތުންނަށް އެނގެން އެބަ ޖެހެ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ 85 މިލިއަން ރުފިޔާގެ 'ދަރަނި ލޯނާ' ބެހޭ ހުރިހާ ހަގީގަތްތަކެއް އެމްޕީއެލް އާއި އެމްއެމްޕީއާރުސީ އާއި ފިނޭންސް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލިހުން ތިލަކޮށްދިނުން ވަރަށް މުހިންމެވެ.
ދައުލަތުގެ ފައިސާ އާއި މުދާ ބޭނުންކޮށްގެން ކުރާ ވައްކަމާއި ހިންގާ ހިޔާނާތްތައް ދުވަހަކު ވެސް ނުފޮރުވޭނެކަން ހަނދާންކުރަން ވާނެ އެވެ. އަބަދުވެސް އެ ވާހަކަތައް ހުންނާނީ، ކޮންމެވެސް ސަބަބަކާ ހުރެ، ތިލަވެފަ އެވެ. އެ ސަފުހާތައް ދާނީ ހުޅުވެމުންނެވެ.
އެކަންކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭނީ ރައްޔިތުންނެވެ. ނަމަވެސް ގިނަ ދިވެހިން އެ އަޑު އުފުލުން ހުއްޓާލައިފި އެވެ. ހައިރާންވާން ޖެހޭ ކަމަކީ ގައުމު ދެކެ ލޯބިވާ ކަމަށް އެންމެން ވެސް ބުނަމުން ގެންދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ