ކޮރަޕްޝަނެއް ނޯންނާނެ: ކަރެކްޝަންސްގެ ޖަމިއްޔާ

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)ގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަމުންނުދާނެ ކަމުގެ ޔަގީންކަން އެ ތަނުން މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - ޕްރިސްކޯގެ ވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ޕްރިސްކޯ އެ ކޮމިޓީއަށް ހާޒިރުކުރީ އެ އެ ސޮސައިޓީގެ ދަށުން މާލޭ ސަރަހައްދު ޖަލުތަކުގެ ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު މާފުށީ ޖަލު ފިޔަވައި ދެން ހުރި ޖަލުތަކުގެ އެ ހިދުމަތް ޓެންޑާ ބޯޑުގެ ބެލުމުގެ ދަށުން ކުރިއަށް ނުގެންދާތީ އެކަން އެގޮތަށް ކުރާ ސަބަބު ސާފުކުރުމަށެވެ. އަދި އެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް ޝަކުވާތަކާ ގުޅިގެންނެވެ.
މި ބައްދަލުވުމުގައި ޕްރިސްކޯގެ ޗެއާ އަދި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ބުނީ ކީކޭ؟ - ޕްރިސްކޯގެ ޓްރެޝަރާ އަހުމަދު ސޮބާހު ވިދާޅުވީ 2012 ވަނަ އަހަރު އެ ސޮސައިޓީ އުފެއްދީ ޖަލުގައި އުފައްދާ ތަކެތި ވިއްކުމަށާއި ގައިދީން ރިހިބިލިޓޭޓް ކުރުމުގެ ކަންކަމުގައި އެހީތެރިވުމުގެ އިތުރުން ޖަލު އޮފިސަރުންގެ ވެލްފެއާއަށް އެހީތެރިވުމާއި ނަފާވެރިކަން ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ.
ޕްރިސްކޯގެ ދަށުން ކޭޓަރިންގެ ހިދުމަތްދޭން ފެށީ ގައިދީންނަށް ކާންދިނުމުގައި ކަރެކްޝަންސްއަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށް ސޮބާހު ވިދާޅުވި އެވެ.
ގައިދީންނަށް ކާން ދިނުމަކީ ވަރަށް ބޮޑު ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން ކުރުމަށްޓަކައި 21 އަހަރުގެ ތެރޭގައި އެތަކެއް ބަޔަކަށް ކޭޓަރިންގެ ހިދުމަތް ދިނުމަށް ހަވާލުކުރެވިފައިވާ ކަމަށެވެ. އެކަމަކު ގަޑިއަށް ކާން ނުގެނައުމާއި، މެނޫއާ އެއްގޮތަށް ކާއެއްޗެހި ނުލިބުންފަދަ އެތަށް ގޮންޖެހުންތަކެއް އެކަމުގައި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގައިދީންގެ ފަރާތުން އަންނަ ޝަކުވާތައް ކޮންޓްރޯލު ކުރުމަކީ ވެސް އުނދަގޫކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން:
ނުވަ މެނޫއަކަށް ފަސް އިރު ގައިދީންއަށް ކާންދޭންޖެހޭ
އެންމެ އިރެއްގެ ކެއުމުގައި މައްސަލަ ޖެހުނަސް ކޯޓަށް މައްސަލަ ލުންފަދަ ކަންކަމާހުރެ އެކަމަށް ކަރެކްޝަންސްއިން ޖަވާބުދާރީވާންޖެހޭ
އެކިއެކި ބަލިތައް ތަހަންމަލު ކުރާ މީހުންވެސް ގައިދީންގެ ތެރޭގައި ހިމެނޭއިރު ކޮންމެ ކަހަލަ ކެއުމެއް ނުކެވޭ މީހުން ހިމެނޭ؛ އެންމެ ގަޑިއެއްގެ ކެއުން މިސްވިޔަސް، ލަސްވިޔަސް އަދި މަދުވިޔަސް ޖަވާބުދާރީވާންޖެހޭ
މީގެ ކުރިން ކޭޓަރިންގެ ހިދުމަތް ހަވާލުކުރި ބައެއް ފަރާތްތަކުން ރޯދަމަސްމަހު ރޯދަވީއްލަން ތައްޔާރުވެފައި ތިއްބާ ނުކެއްކޭނެ ކަމަށް ބުނެފައި އެބަހުރި
އެހާ ހިސާބުން ކުއްލިއަކަށް އެކަންކަން ހަމަޖެއްސޭނެ ގޮތެއް ނޯވޭ
ކެއުމުގެ ކަންކަން މިހާރު ހަވާލުކޮށްފައިވާ ޕާޓީއަކީ އެކަން ހައްލުކުރުމަށް ވާހަކަދައްކައިގެން އެންމެ ފަސޭހައިން އެންމެ ރަނގަޅަށް އެކަން ކޮށްދޭ ފަރާތް
ޕްރިސްކޯ ބައިވެރިނުވެ ޑެންޓާ ބޯޑުން އިއުލާންކޮށްގެން އެ ހިދުމަތް ދޭން ބަޔަކާ ހަވާލުނުކުރެވެންވީ ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން ޕްރިސްކޯގެ ޗެއާ މޫސާ އަންވަރު ވިދާޅުވީ ކާން ދިނުމުގެ ކަންކަން ކުރާ ފަރާތް، ޕްރިސްކޯއާއެކު އެއްބަސްވުމެއް ހަދާފައި އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަމުގެ ކޮންޓްރޯލު ކަރެކްޝަންސްއަށް ބޭއްވުން ކަމަށެވެ.
މިހާރު އެ ހިދުމަތް ހަވާލުކޮށްފައި އޮތީ މޭނާ ކޭޓަރިންނާ އެވެ. މޭނާއަށް ދޭންޖެހި މިހާތަނަށް ނުދީ އޮތް ފައިސާގެ އަދަދު 30 މިލިއަން ރުފިޔާ އަރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެހެން ކުންފުނިތަކާ ހިލާފަށް ފައިސާ ނުލިބޭތީ ހިދުމަތައް އެމީހުން ދަތިނުކުރާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން:
މިހާރު މޭނާ ކޭޓަރިންއަށް ދޭންޖެހޭ ޕެންޑިން ބިލްސްގެ ތެރޭގައި 19 މިލިއަން ރުފިޔާ ހިމެނޭ
މާފުށީ ޖަލު އޮފިސަރުންގެ ކޮއްތުގެ ޕެންޑިންގައި ވެސް 11 މިލިއަން ރުފިޔާ އެބަހުރި ދައުލަތުން ދޭންޖެހޭ
"މިހާވަރު ޕެންޑިންއެއް ހުރިއިރު ވެސް އަޅުގަނޑުމެންނާ އޮންނަ ގުޅުމެއްގެ ދަށުން މިކަންކަން [ކާންދިނުމުގެ ކަންކަން] ވަރަށް ފުރިހަމައަށް އެބަ ގެންދެވޭ މިދަތިތަކާ އެކު ވެސް. ޓެންޑާ ބޯޑުން ކުރީމާ އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތުން އެއީ ކަރެކްޝަންސްއަށް އޮތް ބޮޑު ގޮންޖެހުމެއް،" މޫސާ ވިދާޅުވި އެވެ.
ސޮބާހު ވިދާޅުވީ މިހާރު ކޭޓަރިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ މޭނާ ކޭޓަރިންއިން ނޫން ބަޔަކަށް ހަވާލުކުރި ފަހުން ވެސް ކެއުން އައުން ލަސްވުމާއި މެނޫގައި ތަކެތި މަދުވުންފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.
އެއިން ކޮންމެ ކުންފުންޏެއްގެ ވެސް މައްސަލައަކީ ހިދުމަތަށް ލިބެންޖެހޭ ފައިސާ ނުލިބުން ކަމަށާއި ފިނޭންސް މިނިސްޓްރީން ލިބެންޖެހޭ ފައިސާ އެންމެ މަހެއްގައި ލަސްވިޔަސް ގައިދީންއަށް ކާން ހަމަޖައްސާފައި އޮންނަ މެނޫގެ އައިޓަމުތަކަށް ބަދަލު ގެނައުމާއި ހިދުމަތުގެ ފެންވަރު ދަށްކުރުން ކަންކަން އެހެން ކުންފުނިތަކުން ކުރާ ކަމަށް ސޮބާހު ވިދާޅުވި އެވެ. 
"މާފުށީގައި އޮފިސަރުންގެ ކޭޓަރިން 2023ވަނަ އަހަރާ ހަމަޔަށް ދީފައި އޮތީ އެހެން ކުންފުންޏަަކަށް. އެ ކުންފުނިންވެސް އެއް ދުވަހެއްގެ ރޯދަމަހުގެ ހާރުދަމަށް ކައްކަން ބުނީމާ ބުނީ ނެތޭ ކެއްކޭކަށް. ލާރި ނުލިބޭތީ. އެހެންވީމާ އެމީހުން އަމިއްލައަށް އެއްބަސްވުން ބާތިލުކުރީ. އެމައްސަލަ އެތައް ފަހަރަކު އޮންނާނެ ފިނޭންސް މިނިސްޓްރީއާ، ޓެންޑާ ބޯޑަށް ހުށަހަޅާފައި،" ސޮބާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޖަލުގައި ހުންނަ އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވާނީ ގައިދީންނަށް ބާރާބަރަށް ގަޑިންގަޑިއަށް ކާން ނުދެވިއްޖެއްޔާ ނޫނީ ކާންދޭންޖެހޭ އެއްޗެއް މަދުވެއްޖެއްޔާ. އެއީ އެއިން އެއްވެސް މީހަކަށް ފެންފޮދެއްވެސް ލިބޭނީ އަޅުގަނޑުމެން ދިނިއްޔާ. މިކަހަލަ އޮޕަރޭޝަނަކީ ވަރަށް ތަފާތު އޮޕަރޭޝަނެއް. އެހެން އެއްްވެސް ތަނެއްގައި މިފަދަ އޮޕަރޭޝަނެއް ނުހިނގާނެ."
އޭނާ ވިދާޅުވި ގޮތުން:
ހެނދުނު ނާސްތާއަށްފަހު ނުވަގަޑި ޖޫސް ދޭންޖެހޭ 
ނުވަގަޑި ޖޫސް ނިމޭއިރު އޮންނާނީ މެންދުރު ކެއުން 
އެ ނަގާފައި ގަޑިއިރެއް ނުވެ އަނެއްކާ ހަވީރު ސައި އޮންނާނެ 
އެ ނިމޭއިރަށް ރޭގަނޑު ކެއުން 7 ޖަހާއިރު އޮންނާނެ 
"އެހެންވީމާ މި އޮޕަރޭޝަން މިހެން ހިންގާއިރު ހިދުމަތްދޭ ފަރާތުގެ އެއްވެސް ގޯހެއް ދިމާވެއްޖަނަމަ މުޅި އޮޕަރޭޝަން ހުއްޓާލަންޖެހޭ. އަނެއްކާ ޖަލު ކޮންޓްރޯލުކުރަން އެންމެ އުނދަގޫވާނެ ކަމަކީވެސް ކާއެއްޗެހި ކަންކަމުގައި ބަނޑުހާހޫނުކަމުގެ ހަޅުތާލަކަށް ގޮސްގެން ޝަކުވާ ކުރުން،" ސޮބާހު ވިދާޅުވި އެވެ.
"އެހެންވީމާ އޮފިސަރުންގެ ކޭޓަރިންގެ ކަންކަން ޕްރިސްކޯއާ ހަވާލުކުރިއިރު އެންމެ ބޮޑަށް އޭރު ގައުމީ ސަލާމަތާބެހޭ ކޮމިޓީން ވިސްނީ ޖަލުގެ ސަލާމަތާ ރައްކާތެރިކަމަށް. އެހެންވީމާ އޭރު އަޅުގަނޑުމެން ގަބޫލުކުރީ އަޅުގަނޑުމެން [ކަރެކްޝަންސް]ގެ ކޮންޓްރޯލު އޮންނަ ގޮތަކަށް ކޭޓަރިންގެ ކަންކަން ކޮށްގެން ނޫނީ މިކަން ހައްލު ނުވާނެ ކަމަށް."
ޓެންޑާއަށް ނުލައި ކޭޓަރިންގެ ކަންކަން ވަކި ބަޔަކާ ޕްރިސްކޯއިން ހަވާލުކުރަނީ އެ ކޮންޓްރޯލު ބޭއްވުމަށް ކަމަށާއި، ޓެންޑާ ބޯޑަށް ލާނަމަ އެއްބަސްވުން ބާތިލުކުރުންފަދަ ކަންކަމުގައި ވަކި އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
އެގޮތުން، ހިދުމަތުގެ ފެންވަރު ރަނގަޅު ނުވެގެން އެއްބަސްވުން އުވާލާ ހާލަތުގައި ވެސް މަސްދުވަސް ދޭންޖެހޭތީ ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. އެއްބަސްވުން އުވާލަން ނޯޓިސް ފޮނުވާއިރަށް ހިދުމަތް ދިނުން ހުއްޓާލުމާއި، ހިދުމަތް ދޭން ގޮތަށް ބަދަލުތައް ގެނެސް، ކާއެއްޗެހީގެ ފެންވަރު ދަށްކުރުންފަދަ ކަންކަން ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ފަހަރު ކާއެއްޗެހި ނައިސްގެން އެތަކެތި ބަލައި ޖަލު އޮފިސަރުން ގޮސްފައި ހުންނާނެ ކަމަށާއި ބައެއް ފަހަރު ހާރުދަމުގެ ކެއުން ހަނދާންނެތިގެން ނުކައްކާ ހުންނަ ފަހަރުތައްވެސް ދާކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަމަކީ ގައިދީން ގަބޫލުކުރާ ކަންކަން ނޫން ކަމަށާއި އެފަދަ ހާލަތްތަކުގައި ޖަލުގެ ކޮންޓްރޯލު ބެލެހެއްޓުމަށް އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.
"މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހަދާފައި ތިބޭ. މި ބުނީ މަޖިލީހަށް އަޅުގަނޑުމެން ކިޔައިނުދިނަސް މެމްބަރުންނަށް އެނގޭނެ ކަންނޭނގެ. ގައިދީންގެ ރުޅިވެރިކަން ހުންނާނެ މިންވަރު ނުކައި ތިބީމާ، ކާއެއްޗެއް ނުލިބިތިބީމާ ނޫނީ އެމީހުން ބޭނުންވާ ގޮތަށް އެވަގުތަކަށް ކާއެއްޗެހި ނައީމާ. އެކަމަށް އަޅުގަނޑުމެންނަކަށް ކޮންޓްރޯލެއް ނޯވޭ. ކޮންޓްރޯލުކުރަން އުޅެފިނަމަ ނަތީޖާވެސް ވަރަށް ގޯސްވާނެ،" ސޮބާހު ވިދާޅުވި އެވެ.
"އެހެންވީމާ މިކަންކަން ކޮންޓްރޯލުގައި ބޭއްވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އަޅުގަނޑުމެން އޮންނާނީ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ވެސް އޭރުގަ ދަންނަވާފައި."
އެފަދަ ހާދިސާއެއްގެ ގޮތުގައި ސޮބާހު ވިދާޅުވީ 2009 ވަނަ އަހަރު ޖަލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އެކެވެ. ގައިދީންގެ މެދުގައި ހިނގައިދިޔަ ހަަމަނުޖެހުމެއްގެ ތެރެއިން ހިނގި އެ ހާދިސާގައި 50 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޕަރޭޓް ސޮސައިޓީ އުފައްދައި އެ ސޮސައިޓީގެ ދަށުން ކޭޓަރިންގެ ކަންކަން ކުރަމުން އަންނަނީ އެފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޭޓަރިންގެ ކަންކަން ކުރިއަށް ގެންދެވޭގޮތަށް ހަމަޖެއްސުން މުހިންމުކަމަށް ދެކިގެން ކަމަށް ވިދާޅުވި އެވެ. ކަރެކްޝަންސްގެ ބާރު ހިނގާގޮތަށް ކޭޓަރިންގެ ކަންކަން ކޯޕަރޭޓް ސޮސައިޓީ ބަލަހައްޓަމުން ދިއުމުގެ ނަތީޖައަކީ އެފަދަ މައްސަލަތައް ޖެހުން ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކޯޕަރޭޓް ސޮސައިޓީއަށް ލިބޭ ފައިސާގެ އެހީގައި ޖަލު އޮފިސަރުންގެ ވެލްފެއާގެ ކަންކަމަށް އެ ފައިސާގެ ބޭނުން ކުރެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށް ވިދާޅުވި އެވެ.
ނަަމަވެސް، ކޯޕަރޭޓް ސޮސައިޓީގެ ދަށުން ކޮރަޕްޝަންގެ އެއްވެސް މުއާމަލާތެއް ހިންގަމުންނުދާ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ކެއުމުގެ އަގުވެސް ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން އެއްބަސްވާ އަގަކަށް؛ އެއްބަސްވުން ހަދަނީ އެގޮތަށް
މިކަން ކުރަނީ އެއްވެސް ސިޔާސީ ޕްރެޝަރެއް ނުވަތަ ޕްރިސްކޯގެ ލީޑާޝިޕުގައި އެއްވެސް އިތުރު ނުފޫޒެއް ނެތި އެ ސޮސައިޓީގެ މެމްބަރުންގެ ފުރިހަމަ އިހުތިޔާރާއެކު 
"އެހެންވީމާ އަޅުގަނޑުމެން ވަރަށް ޔަގީންކަން ދެން ސާ، އުސޫލުތަކާ ހަމަތަކާ އެއްގޮތަށް އަޅުގަނޑުމެން މި ކޯޕަރޭޓް ސޮސައިޓީ ކުރިއަށް ގެންދަނީ،" ސޮބާހު ވިދާޅުވި އެވެ.
ކޭޓަރިންގެ ގޮތުގައި އެ ސޮސައިޓީއަށް ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ސުވާލުކުރުމުން ވިދާޅުވީ ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދަނީ ކަރެކްޝަންސްއިން ކަމަށާއި ސީދާ އަދަދެއް ބުނެދޭން މިވަގުތު ނޭނގޭ ކަމަށެވެ. އެކަމަކު ކޭޓަރިންއަށް އަހަރަކު ހަރަދުވާވަރު 50 މިލިއަނުން މަތީގައި އުޅޭނެ ކަމަށް ވިދާޅުވި އެވެ. އެ ހިސާބުތައް ސާފުކުރުމަށްފަހު ކޮމިޓީއާ ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ