ނެޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވާން 1200 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި

ރާއްޖޭގައި އަލަށް ފަށާ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން 1200އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ. 
ވީ ކިހިނެއް؟ - ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ނެޝަނަލް ސާވިސް ޕްރޮގްރާމެއް ތައާރަފްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމްގެ ބޭނުމަކީ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމުގެ މަގުފަހިކޮށްދީ، ޒުވާނުންނަކީ އަހުލާގާއި ސުލޫކު ރަނގަޅު ބަޔަކަށް ހެދުމެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މޭ މަހު އެވެ.
ތަފްސީލް - ޑިފެންސް މިނިސްޓްރީން އެކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ދިވެހި ވަތަނީ ހިދުމަތުގެ' ތަމްރީންގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަަމަށެވެ. އަދި އޭގެތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ޒުވާނުންނަށް ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ދިފާއީ ވުޒާރާއިން ބުނިގޮތުގައި:
ޒުވާނުން ތަމްރީނަށް ނަގަމުންދާނީ ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ތަރުތީބުން
ތަމްރީންގެ އެއް ބުރު ނިމުމުން ލަސްނުވެ އަނެއް ބުރު ފަށާނެ
ޕްރޮގްރާމުގައި ބައިވެރިވާން އެދި ހުށަހެޅި ކޮންމެ މީހަކަށް ވެސް ތަމްރީނުން ޖާގަ ލިބޭ ގޮތް އަންގަމުންދާނެ
ފުރަތަމަ ބުރަށް ޝޯޓުލިސްޓު ކޮށްފައިވާ މީހުންނާއި ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓުލިސްޓު ކޮށްފައިވާ މީހުންނަށް ވެސް ސިލެކްޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ދެމުން ގެންދާނެ
ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެ؛ އެ މީހަކަށް އެންމެ ފަސޭހަ ތަނަކަށް ގޮސްގެން ޕްރޮސެސް ފުރިހަމަ ކުރެވޭނެ
އެނގުން މުހިންމު - މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވެނީ:
އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް 
މީގެ ތެރެއިން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނުން، ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭ
ރައީސް މުއިއްޒު މިދިޔަ މޭ މަހު ވިދާޅުވެފައިވާ ގޮތުގައި:
އެ ޕްރޮގްރާމުގައި އަސްކަރީ ތަމްރީނާއި އަހުލާގު ދަސްކޮށްދީ، މުޖުތަމައުއަށް ނުކުންނަން ތައްޔާރުކުރާނެ
ޕްރޮގްރާމު ނިންމާ މީހުން ބޭނުން ނަމަ ސިފައިންގެއަށް ވަދެވޭނެ ނުވަތަ އަމިއްލަ މަސައްކަތަށް ތައްޔާރުކޮށްދޭނެ
މަސައްކަތްތެރިން އިތުރު ކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި 
މި ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ