"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި،" ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، އިއްޔެ އޮތް މަޖިލިހުގެ ޖަލްސާގައި ވިދާޅުވި އެވެ. އޭގެ ފަހުން ދެން އަންނަނީ މި ބަސްކޮޅެވެ. ނުވަތަ އިންޒާރެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."
ފަލާހުގެ ބަހުސް ބިނާކުރެއްވީ ރާއްޖޭގެ މިނިވަން މީޑިއާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްދޭނެ އެތައް މާއްދާއެއް ހިމެނޭ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެކަމަކު އޭނާގެ ޒާތީ ކަމެއްގެ މައްސަލަ ބިނާކުރެއްވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއިން ކުރި ކަމަކަށް ބައްލަވާފައެއް ނޫނެވެ. މިހާރު އެއްވެސް މީހެއްގެ ކޮންޓްރޯލް ނެތް ސޯޝަލް މީޑިއާގައި، އެއީ ކާކުކަން ނޭނގޭ، އެކައުންޓަކުން އެ ދުވަސްވަރު ފެތުރި ދޮގަކަށް ބިނާކުރައްވަ އެވެ.
ފަލާހުގެ ވާހަކަތަކުން އެނގެނީ އޭނާ އިސްކޮށް ހުންނަވައިގެން ފާސްކުރަން މިހާރު އެ އުޅުއްވާ ބިލްގައި އޮތް މައިގަނޑު މައްސަލަތައް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމެވެ. އެ ބިލް ވިދާޅުވެފައި އޮވެދާނެ އެވެ. އެކަމަކު އެއްޗެއް ކިޔުމާއި އޭގައި ބުނާ ވާހަކަ ފަހުމްވުމާއި އެ ފަހުމްވާ ކަމެއް އެއަށް ވުރެ ފުޅާކޮށް ވިސްނުމުގެ ތެރޭގައި ފުރާނާލުމަކީ، މިހާރު މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންގެ ގާބިލްކަމަށް ވުރެ މާ މަތީ ފެންވަރެކެވެ.
ކުރީގެ ދުވަހު ނޫސް 'ހަވީރު'ގެ އެޑިޓަރަކަށް އަޅުގަނޑު ހުރި އިރު، އާންމު މީހަކު، 'ހަވީރު'ގެ ރިޕޯޓަރަކަށް ގުޅާފައި، ފަލާހާ ގުޅޭ ކަމެއް ކިޔައިދިނެވެ. އެކަމަކު އެ ދުވަހު އެ ވާހަކަ 'ހަވީރު'ގައި ނުޖަހަމެވެ. އެއީ ކޮން ކަމެއްކަން ފަލާހުއަށް އެނގިވަޑައިގަންނަވާނެ އެވެ.
މިއަދުގެ ހާލަތުގައި ނަމަ ފުރަތަމަ ވެސް އެފަދަ ކަމެއް ފަތުރާލާނީ ސޯޝަލް މީޑިއާގަ އެވެ. އޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން ކުރާނެ ކަމެއް ނެތެވެ. ފަލާހުއަށް ފަހުން އެ ތަޖުރިބާކުރެއްވުނީ ކޮންޓްރޯލެއް ނެތް ސޯޝަލް މީޑިއާގެ ބަ އެވެ. އެކަމަކު އެއީ ރަޖިސްޓްރީކޮށްގެން، ގާނޫނީ ގޮތުން ޒިންމާތަކެއް އުފުލަން ޖެހޭ ހާލަތެއްގައި ހިންގާ މީޑިއާއެއް ނޫނެވެ.
ފަލާހުގެ ޒާތީ ކަންބޮޑުވުން ނޫސްވެރިންނަށް އަމާޒުކުރެއްވި އިރު މިހާރު އޮތް ބިލުގެ ބޮޑު ސަރަހައްދު ފެނިވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ފަލާހު ކަހަލަ މެމްބަރުންނަކީ ވަރަށް ކައިރިން މަންޒަރު ފެންނަ، ދުރު ނުފެންނަ ދުރުމީ އަޅުއްވައިގެން އުޅުއްވާ ބޭފުޅުންކަން އެނގެ އެވެ. ތިމާއަށް ކަމެއް ދިމާވީމާ މުޅި ނިޒާމް ހުއްޓުވާލަން މަސައްކަތްކުރާނީ، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ފުޅާކޮށް ކަންކަން ފުރާނާލަން ނޭނގޭ މީހުންނެވެ. އެ ބައިގައި ހިމެނެނީ ފަލާހު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ވެސް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް (ނާޒިމުގެ މާޒީއާ ބެހޭ ވާހަކަތައް ލިއާ ނަމަ އެހެން ކަމަކާ ގުޅޭ އެއްޗެއް ލިޔާކަށް ސިކުނޑި ޖާގައެއް ނުދޭނެ އެވެ. އެހާ ވެސް އެ މާޒީގައި ހުރި ބޮޑެތި ކަންކަން ގިނަ އެވެ. އެހެންކަމުން އެ ވާހަކަތަކާ ދުރަށް ޖެހިލަމެވެ.) ފައްތަން ޖެހެނީ އެ ބައިގަނޑުގެ ތެރެއަށެވެ. މިހާރު އޮތް ބިލްގެ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ ނާޒިމްކަން، ނޫސްވެރިން ގަބޫލުކުރެ އެވެ.
ޖިންސީ ގުޅުންތަކާ ބެހޭ ޒާތީ ވާހަކަތައް އެއްވެސް މީޑިއާއެއްގައި ދެއްކުން މަނާކުރަން އަޅުގަނޑު ތާއީދުކުރަމެވެ. އެކަމަކު އާންމު މިންގަނޑާ ހިލާފު އަހުލާގީ އެފަދަ މައްސަލަތަކުގެ ތުހުމަތު ސިޔާސީ މީހުންނާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ މީހުންނަށް ކުރެވޭ ނަމަ އެކަން ތަހުގީގުކުރަން، އެފަދަ ގާނޫނެއްގައި، ފުލުހުންނަށް މަޖުބޫރުވާންވާނެ އެވެ. އެފަދަ ވާހަކައެއް މީޑިއާގައި ހާމަކުރެވޭނީ ކޯޓެއްގައި ސާބިތުވުމުންނެވެ. ނޫސްވެރިއެއްގެ ގޮތުން އެފަދަ ބަދަލަކަށް އަޅުގަނޑު ތާއީދުކުރަމެވެ.
ނަމަވެސް މިހާރު ބިލް އެ އޮތީ ފަލާހު އެ ނެންގެވި މައްސަލަ ހައްލުކުރުމަށް ވުރެ ގާނޫނުއަސާސީގެ މުހިންމު ރުކުނެއް ކަފުންކުރާ ގޮތަށެވެ. އެހެންކަމުން ފަލާހުގެ ޒާތީ ކަންބޮޑުވުން ގާނޫނުއަސާސީގެ ފުޅާ ސަރަހައްދަށް ފަތުރާލައިގެން ނުވާނެ އެވެ.
އަޅުގަނޑަށް ވެސް އެނގެ އެވެ. ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދަން އުޅޭ އެއްޗެކެވެ. މިހާރު މި ފެންނަނީ ދިވެހި ގިނަ ރައްޔިތުން ހޯދަން ބޭނުންވި ރައްޔިތުންގެ މަޖިލިހެކެވެ. އެ މަޖިލިހުގެ ފެންވަރާ މެދު ވާހަކަ ދެއްކުމުގެ ބޭނުމެއް އަސްލު ނެތެވެ. އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ މިއީ ގޮނޑިކޮއްކޮ މަޖިލިހެކޭ އެވެ. ގާނޫނުއަސާސީން މަޖިލިހަށް ހަވާލުކުރި ބާރުތައް ދޫކޮށްލަން ވެސް ދެވަނަ ވިސްނުމަކަށް ނުގޮސް، ފެހި ފިތަށް ފިތާލައިގެން، އެތިބީ ހަގީގަތުގައި ފިތިފަ އެވެ. އަމިއްލައަށް ދެން ނުނިކުމެވޭނެ ފިތުމަކުންނެވެ.
ހުޅުމާލޭގައި ސަފާރީ އުޅަނދުތައް އަޅާފައި އޮންނަ ސަރަހައްދަށް މަޑުކޮށްލާފައި، އިބްރާހިމް ފަލާހުގެ ސަފާރީތަކަކީ ކޮބައިތޯ މީހެއް ކައިރީގައި އަހާލާށެވެ. މައުލޫމާތު ހުރި މީހަކާ ދިމާވެއްޖެ ނަމަ އަދި އެ ސަފާރީތައް ފަޅުގައި އޮތް ވަގުތެއް ނަމަ، ދައްކާނެ އެވެ. އެ އުޅަނދުތަކަށް ނަޒަރު ހިންގާލުމުން ފަލާހުގެ އަސްލު ފެންވަރާއި އޭނާގެ ހުނަރު އެ އޮތީ އެންމެންނަށް ވެސް ރީތިކޮށް ފެންނާށެވެ. އާއެނކެވެ. ފަލާހަކީ ސަފާރީ އުޅަނދުތައް ބަންނަން ކުޅަދާނަ ބޭފުޅެކެވެ. އެކަމުގެ މޮޅު ހިންގުންތެރިއެކެވެ. އެ ދާއިރާއިން ހިޔާލު ތަނަވަސް ބޭފުޅެކެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލިހަށް ވަދެ ފަލާހު އިންނަވާ ގޮނޑިއަށް ބަލާލައިފި ނަމަ ފެންނާނީ އަދި އެހެން ބޭފުޅެކެވެ. އެއީ އެ ގޮނޑިއަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އެއީ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ހަވާލުކޮށްފައި އޮތް ބޮޑު ޒިންމާ އެނގިވަޑައިގަންނާ ވެސް ބޭފުޅެއް ނޫނެވެ. އެ ގޮނޑިއަށް އޭނާ ހޮވުނު ގޮތް ވެސް ކުރިން އޮތީ ވިދާޅުވެފަ އެވެ.
"އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ،" މިއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސްތައް ކުޑަކުރަން ޕެޓިޝަނެއް ހިންގަން ފެށުމުން، މި އަހަރުގެ އެޕްރީލް މަހު، އޭނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިއުއްވި ވާހަކަ އެވެ.
ކުރިން ބުނިހެން ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ބޭނުންވި އެއްޗެކެވެ. މިއަދު ނޫސްވެރިން އެ މީހުންގެ ހައްގުގައި ނުވަތަ ގާނޫނުއަސާސީގެ ހައްގުގައި އަޑު އުފުލަފާނެ އެވެ. އެކަމަކު އެ އަޑު އިވޭ ފެންވަރުގެ ރައްޔިތުންގެ މަޖިލިހެއް ނެތެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ އެހާ ބޮޑު ޒިންމާއެއް ހަވާލުވެފައި އޮވެމެ އެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެ ތިބީ، އަނެއްހެން ބުނާ ނަމަ، 'ހޭށެ'ވެ.
މިއަދު ހެނދުނު އަޅުގަނޑުގެ ވަރަށް ގާތް ދެ މެމްބަރުންނަށް ގުޅާލީމެވެ. ފޯނެއް ނުނަންގަވަ އެވެ. އެކަމަކު އަޅުގަނޑު ގުޅީ މިއަދު ކޮމިޓީގައި ބަހުސް ފަށާ ބިލާ ބެހޭ ގޮތުން އެއްޗެއް ބުނާކަށެއް ނޫނެވެ. އަޅުގަނޑަށް އެ ބޭފުޅުންގެ ވިސްނުން އެނގެ އެވެ. މަޖިލިހުގައި އެ ބޭފުޅުންގެ ލީޑަރަކީ ފަލާހެވެ.
އެކަމަކު ހިތާމައާ އެކު ބުނެލަން ޖެހެނީ ފަލާހުގެ ފަރާތުން ފެންނާނީ ފަލާހުގެ ފެންވަރުކަމެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަކުން ޖާގަ ދޭން ރައްޔިތުންނަށް ފެނުނު ފެންވަރެވެ.
ފަލާހުގެ ފަރާތުން ފެންނާނީ ފަލާހުގެ ފެންވަރުގެ ކަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ