އުޝާމް ހަގީގަތް އޮޅުވައިލާކަމަށް ބުނެ ނޫސްވެރިން ޕްރެސް ބޮއިކޮޓްކޮށްފި
މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މައްސަލައިގައި، ހަގީގަތް އޮޅުވައިލައްވަނީކަމަށް ބުނެ ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް، ރައީސް އޮފީހުން ނޫސްވެރިން ނުކުމެއްޖެއެވެ. ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލަކީ ނޫސްވެރިންގެ ޚިޔާލު ލިބިގެން ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް އުޝާމް ވިދާޅުވާތީ ނޫސްވެރިން ވަނީ އެކަމާ އިއުތިރާޒުކޮށްފައެވެ. އުޝާމް ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 2022ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި، އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. ނަމަވެސް މި ޑްރާފްޓްގައި ހުރި އެއްޗެއް ނޭނގޭ ކަމަށާއި، މިއީ ހަގީގަތެއް ނޫން ކަމަށް، އެ ބައްދަލުވުމުގައި ތިބި ނޫސްވެރިން ދިޔައީ ބުނަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރަކީ '100 ޕަސެންޓް މީޑިއާ ޕްރޯ' ސަރުކާރެއް ކަމަށާއި، ބިލުގައި ހުރި ވަކިވަކި މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. މިއަދު ހެނދުނު ވެސް ނޫސްވެރިން ރައީސް އޮފީސް ކައިރީގައި ތިބިއިރު، އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ވަނީ އެ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ނޫސްވެރިން ވަނީ، މީޑިއާ ބިލާ ގުޅޭ ޝަކުވާތައް ސީދާ ރައީސަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟ މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ